މަސްތުވާތަކެތި

ކަނޑުމަތީގެ ބޮޑު އޮޕަރޭޝަނެއްގައި 29 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

  • އަގު 145 މިލިއަން ރުފިޔާއަށް އަރާ
  • ހަތަރު މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައި
  • އޮޕަރޭޝަންގައި ކަނޑުމަތީގައި 48 ގަޑިއިރުވި

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ ކަނޑުމަތީ އޮޕަރޭޝަނެއްގައި 145 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ. އަތުލައިގަތީ 29 ކިލޯގެ ހެރޮއިން އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ، 29 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ މީގެ ހަތަރު ދުވަސް ކުރިން މޯލްޑިވްސް ޕޮލިސް ސާވިސް އިންޓެލިޖެންސަށް ލިބުނު ހާއްސަ މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއް ގައި ކަމަށެވެ. އެގޮތުން އިންޓެލިޖެންސަށް އެންމެ ފުރަތަމަ ލިބުނު މައުލޫމާތަކީ މާލެއަށް ނިސްބަތްވާ މ. ރަތްކޮކާގޭ، ސަދޫހު ހުސައިން ނަމަކަށް ކިޔާ މީހަކު މަސްތުވާތަކެތި ހޯދަން މަސައްކަތް ކުރަން އުޅޭ ކަމުގެ މައުލޫމާތެއް ކަމަށާއި އޮޕަރޭޝަން ހިންގީ އޭނާ މަސްތުވާތަކެތި ހޯދަން އޭގެ ދެ ދުވަސް ކުރިން މަސައްކަތް ފަށާފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިގެން ކަމަށެވެ.

އޮޕަރޭޝަންގައި 29 ކިލޯގެ މަސްތުވާތަކެތި އަތުލާފައިވާއިރު މިއީ ފުލުހުންގެ އޮޕަރޭޝަނެއްގައި އެއް ފަހަރާ މިހާ ގިނަ މަސްތުވާތަކެތި އަތުލައިގަތް ފުރަތަމަ ފަހަރެވެ. -- އަރިއޮޅު ފަޅެއްގެ އަޑީގައި ބަހައްޓާފައި ހުއްޓާ ބަޔަކަށް ފެނުނު މަސްތުވާތަކެތި ހަ ޓަނަށް އަރަ އެވެ. --

ފުލުހުން ބުނީ ސަދޫހު ދެ ދުވަހެއްގެ މަތިން އެ ޝިޕްމަންޓް ހޯދަން މަސައްކަތް ކުރިކަން އިންޓެލިޖެންސަސް އެނގުނު ކަމަށާއި އަދި އެކަން ކާމިޔާބު ނުވުމުން އޭނާ އާއި ގުޅުން އޮންނަ ކެޕްޓަނަކު ހޯދަން ލ. މާމެންދޫ، އާސްތާނާ، މުހައްމަދު ނިއުޝާދު 29، ގާތުގައި ޝިޕްމަންޓް ބަލާ ދާން ވާަކަ ދެއްކި ކަމަށެވެ.

"އެކަން ކުރުމަށް ނިޝާދަށް ގިނަ ފައިސާ ތަކެއް ވެސް ސަދޫހު ހުށަހެޅި. އެގޮތުން އެ ތަކެތި ބަލާ ދިއުމަށް ނިއުޝާދު ދޯންޏެއް ހަމަޖެއްސި. އަދި ހަމަޖެއްސި އެ ދޯނީގެ ކެޕްޓަނަކަށް ހުރީ ވެސް ނިއުޝާދު،" ނަވާޒް ވިދާޅުވި އެވެ.

ފުލުހުންނަށް ލިބުނު އެ މައުލޫމާތާއި ގުޅިގެން ކޯސްޓު ގާޑުން 48 ގަޑިއިރު ކަނޑު މަތީގައި ދުއްވި ކަމަށް ނަވާޒު ވިދާޅުވި އެވެ. މަސްތުވާތަކެތި ހޯދަން ދާންއުޅޭ ސަރަހައްދަކީ އދ. އަތޮޅާ ހިސާބުކަން އެނގުމުން ކޯސްޓްގާޑުން އެ ސަރަހައްދު ބަލައި ފާސްކުރަމުން ދަނިކޮށް ތިން ދޯންޏެއް ފެނުނު ކަމަށާއި އެތަނުން ފުރަތަމަ ދޯނި ބަލައި ފާސްކުރުމަށްފަހު އެއްޗެއް ނުފެނުމުން ދެވަނަ ދޯނި ބަލައި ޗެކު ކުރިއިރު ނިއުޝާދުގެ އަމަލުތައް ހުރި ގޮތުން ޝައްކުވެގެން އެ ދޯނި ދޫނިދޫއަށް ގެނައީ ކަމަށް ނަވާޒު ވިދާޅުވި އެވެ.

އިންޓެލް އަށް އޭރު އެނގުނު ގޮތުގައި ދޯނި އޮތީ އދ. އަތޮޅުން ކުޑަ ތަންކޮޅެއް ބޭރުގައި ނަމަވެސް ރާޢްޖޭގެ ކަނޑުގެ ސަރަހައްދުގަ އެވެ.

"ސަދޫހު މަސައްކަތްކުރީ ވައިގެ މަގުން އދ. އަށް ދިއުމަށް. ނަމަވެސް ޖާގަ ނުލިބުމުން، ސަދޫހު ދެން މަސައްކަތް ކުރީ ދޯނި މާލެ އައިސް ސަދޫހު ތިލަފުށިން ނަގައިގެން އެހިސާބަށް ދިއުމަށް. ބޭރުން މަސްތުވާތަކެތި ލައިގެން އައި ދޯނި އައީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން،" ނަވާޒު ވިދާޅުވި އެވެ.

"އެ ސަރަހައްދުން ތިން ދޯންޏެއް އޭރު ދަތުރުކުރާ ކަމުގެ މައުލޫމާތު ލިބިގެން ޗެކް ކުރި އިރު ފުރަތަމަ ދޯންޏަކީ މަސްވެރި ދޯންޏެއް. ދެވަނަ ދޯނި ޗެކު ކުރި އިރު އެ ދޯނީގެ ހުރި ކެޕްޓަން ނިއުޝާދުގެ އަމަލުތައް ހުރި ގޮތުން ފުލުހުންނަށް ޝައްކުވެގެން ނިއުޝާދު ދޯންޏާއެކު ދޫނިދޫ އަށް ގެނައީ،" ފުލުހުން ބުންޏެވެ.

ޑީއީޑީގެ ހެޑް، މޫސާ އަލީ ވިދާޅުވީ، ނިއުޝާދު ދުއްވި ދޯނި ބަލާ ފާސް ކުރުމުގެ ކަންތައް ކުރިއަށް ގެންދިޔައިރު ޝައްކު ކުރެވޭ ޒާތުގެ ގޭސް ސިލިންޑަރެއް ފެނުނު ކަމަށެވެ. އޭގެ އެތެރެ ބެލި އިރު 29 ޕެކެޓް ހެރޮއިން ފެނުނު ކަމަށާއި އެތަކެތީގެ ބުރަދަނުގައި ވެސް 29 ކިލޯ ހުރި ކަމަށެވެ.

"މި ތަކެތި ވަނީ ހެރޮއިން ކަމަށް ވަނީ ޓެސްޓުތަކުން އެނގިފައި، ޖުމްލަ ބަރުދަނުގައި 29 ކިލޯ އެ ގޭސް ސިލިންޑަރުން ފެނުނު މި ތަކެތީގައި އެބަހުރި،" މޫސާ އަލީ ވިދާޅުވި އެވެ.

އެ މައްސަލާގައި ތުހުމަތުކުރެވޭ އަހުމަދު ސަދޫހު މިހާރު ހުރީ ހައްޔަރުކޮށްފަ އެވެ. އަދި މަސްތުވާތަކެތި ގެންނަން އެހީތެރިވި ދޯނީގެ ކެޕްޓަން މުހައްމަދު ނިއުޝާދު ވެސް މިހާރު ވަނީ ފުލުހުންގެ ހައްޔަރުގަ އެވެ. އިތުރު ދެމީހަކު ވެސް އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.

މަސްތުވާތަކެތި އެތެރެކުރަން އުޅުނު ސަދޫހަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ ރެކޯޑް މީގެ ކުރިންވެސް އޮތް މީހެކެވެ. މީގެ ދުވަސްތަކެއް ކުރިން ބަރޮސް މޯލްޑިވްސް ރޮސޯޓުުގެ ތިޖޫރި ވަގަށް ނެގީވެސް އޭނާ ކަމަށް ފުލުހުން ބުންޏެވެ. އަދި ދޯނި ދުއްވަން ހުރި ނިއުޝާދުއަކީ ވެސް މާރާމާރީއާއި މަސްތުވާތަކެތީގެ ރެކޯޑު އޮތް މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އަތުލައިގަތް މަސްތުވާތަކެއްޗަކީ ޕާކިސްތާނުން ގެނައި ތަކެތި ކަމަށް ލަފާކުރެވޭ ކަމަށެވެ. އެތަކެއްޗަކީ ދިވެއްސަކު ޝާމިލްވެގެން ރާއްޖޭގައި ބޭނުންކޮށް ވިޔަފާރިކުރުމަށް ގެނެވުނު ތަކެތި ކަމަށް އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، އެ ތަކެތީގެ އަގު ގާތްގަނޑަކަށް 145 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.