ހަބަރު

ބްރިޖް ބެލުން ރޯދަ ކުރު ކުރުމަކަށް!

ސައިކަލުތަކުގައި ހަވީރު ގަޑީ ނުކުމެ ރޯދަ ކުރުކުރަން ފިނި ބުރު ޖެހުމަކީ އާދައެކެވެ. މާލޭގައި އެކަން ބޮޑެވެ. ރޯދަ މަހު ހަވީރު ފިނި ބުރު ޖަހާލަން ނުކުންނަ މީހުން އޮންނަނީ ހިނި ރޮނގުތަކެއްހެން މަގުތައް ފުރާލާފައެވެ. މާލޭގެ ތަންތަން ބަލާލާށެވެ. އެކި ދިމަ ދިމާއަށް މަޑުކޮށްލާށެވެ. ނަމަވެސް އެހެން ރޯދަ މަސްތަކާ ހިލާފަށް މި ރޯދަ މަހު ފިނި ބުރު ޖަހަން ނުކުންނަ އެންމެންގެ ސަމާލުކަން ހުއްޓެނީ ގާތްގަނޑަކަށް އެއް ދިމާއަށެވެ. މީހުނާއި ސައިކަލުން ފިތި ތޮއްޖެހި ބާރުވިޔަސް ސައިކަލުގައި ގޮސް މަޑުކޮށްލެވެނީ ލޮނުޒިޔާރަތް ކޮޅުގައި ހަދަމުންދާ މާލެއާ ހުޅުލެ ގުޅައިލާ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" ސަރަހައްދަށެވެ. ބްރިޖްގެ މަސައްކަތް ބަލައިލާށެވެ. ޗައިނާ މީހުންގެ ސައިޓާ ހަރަކާތްތަކަށް ބަލަހައްޓައިގެން ވަގުތު ދުއްވާލާށެވެ.

މިއޮއް ހުރިހާ ދުވަހު ގެއިން ނުނުކުމެ ތިބި އަންހެންވެރިންނާއި ވަރަށް ގިނަ މުސްކުޅިންނާއި އާއިލާތައް ވެސް ރޯދަ މަހުގެ ހަވީރު ގަޑީގައި ރީތިވެލައިގެން ފިނިބުރު ޖަހާލައި ރޯދަ ކުރުކޮށްލާން ދަނީ ބްރިޖް އަޅާ ދިމާއަށެވެ. ރޯދަ ވީއްލާ ގަޑިއާ ކައިރިކޮށް ބްރިޖްގެ މަންޒަރުތައް ބަލައިގެން ރޯދަ ކުރު ކުރަން ވަރަށް ގިނަ ބައެއްގެ ޝައުގުވެރިކަން ބޮޑެވެ.

"ވަރަށް އުފާވެ މިތަން ބަލައިލަން ކޮއްކޮ މެން ގޮވައިގެން އާދެވުނީމަ، ކުޑަ އިރު ފެނުނު ކަހަލަ މަންޒަރެއް ނޫންވިއްޔާ. މާލެއާ ހުޅުލެ ގުޅާލީމަ ވަރަށް ފަސޭހަވެގެން ދާނެ. ހަމަ ނޭވާލެވޭނެ. އެހެންވެ އެކަން ކުރަން ބަޔަކު މަސައްކަތް ކުރާތަން ފެނިފަ އަސްލު އުފާ ވަނީ. ދެން އެ މަންޒަރު ބަލައިލަން ވެސް އާދެވޭނެތާ،" ބްރިޖުގެ މަސައްކަތްތައް ބަލަން ގޮސް ހުރި މީހަކު ބުންޏެވެ. "ދެން ހިއެއް ނުވޭ މިކަން ހުއްޓޭނެހެން. މާލޭގެ މި ތޮއްޖެހުމުން ސަލާމަތްވާނެ މިފަހަރު،"

ރޯދަ ކުރު ކުރަން ފިނި ބުރު ޖަހަން ނުކުންނަ މީހުންގެ ގިނަ ބަޔަކު ލޮނު ޒިޔާރާތްކޮޅުގައި ކޮންމެ ދުވަހަކުވެސް އިރު އޮއްސެންދެން ތިބެ އެވެ. އެތަނަށް ގިނަ ބަޔަކު ޖަމާވާތީ މަގުތައް ތޮއްޖެހިދާނެ ކަމަށް ބަލައިގެން ފުލުހުން ވެސް ވަނީ އެ ސަރަހައްދުގެ ޓްރެފިކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.

އެގޮތުން ހަވީރު 4:00 އުން 6:30 އަށް ލޮނުޒިޔާރަތް ކޮޅު ހިމެނޭ ގޮތައް ބޭރުމަގުގެ ބައެއް ސަރަހައްދުތައް ވަނީ އެއްކޮޅަށް ދުއްވޭ ގޮތައް ހަދައިފައެވެ. ނަމަވެސް ބްރިޖްގެ މަސައްކަތްތައް ބަލައިލަން ގާތްގަނޑަށް 100 އެއްހާ މީހުން އަބަދުވެސް ތިބެ އެވެ. އެހެން މުޅި ސަރަހައްދު އޮންނަނީ ބަންދުވެފަ އެވެ. އެކަމާ ރުޅިގަދަ ވެގެން ބަރުގޮނު އަޅުވަމުން ދުއްވާ މީހާވެސް ލޮނުޒިޔާރާތްކޮޅާ ހަމަވުމުން މަޑުކޮށްލަނީ ބްރިޖްގެ މަންޒަރު ބަލާށެވެ.

މީއީ މިހާރު މުޅިން އާކަމެއް ނޫނެވެ. މީގެ ދެ މަހެއްހާ ދުވަސް ކުރިން ވެސް އެ ސަރަހައްދުން ދުއްވާފައި ނުނީ ހިނގާފައިދާ މީހާ ބްރިޖުގެ މަސައްކަތްތައް ކުރިޔަށް ދާތަން ބަލައިލަން މަޑުނުކޮށެއް ނުދެ އެވެ.

ބްރިޖު ބަލަންދާ މީހުނަށް މެސެޖެއް!

ބްރިޖުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތާއި ސްޕީޑް ފެނިފައި ވަރަށް ގިނަ މީހުން ތިބެނީ އާޝޯހުވެފަ އެވެ. ވަރަށް ގިނަ ސުވާލުތައް އެމީހުން އުފައްދަ އެވެ. ޖަމާވާ ގާތްގަނޑަކަށް އެންމެން ކަހަލަ ގޮތަކަށް ހީކުރަނީ މިހާރު ފެންނަނީ އެމީހުން 2018 ގައި ދުއްވާފައިދާނެ ބްރިޖު ކަމަށެވެ. އަދި އެއަޅަނީ ބްރިޖްގެ މަސައްކަތަށް ބޭނުންވާނެ އަށި ކަން އެނގޭ މީހުން އަދިވެސް މަދެވެ.

ފަށައިގެން ކުރިޔަށް ދަނީ ބްރިޖުގެ އަމަލީ މަސައްކަަތެވެ. އެހެން ނަމަވެސް އަސްލު ބްރިޖު އަޅަން ފެށީ މިދިޔަ ހުކުރު ދުވަހުގަ އެވެ. އޭގެ ކޮޅުތައް އަދި ދައްކައެއް ނުލާނެ އެވެ. މިހާރު އެންމެން އާޝޯހުވެ ބަލަން ތިބެނީ އެއީ އަސްލު ބްރިޖު އެޅަން ކަނޑުމަތީ ތިބެގެން މަސައްކަތް ކުރާނެ ތަނެެވެ.

އަސްލު ބްރިޖު އެޅުމުގެ މަސައްކަތްތައް ކުރިޔަށް ދާނީ މިހާރު އަޅައިފަވާ ވަގުތީ ބްރިޖުގެ ބޭރަށްވާގޮތަށެވެ. ޕްލެޓް ފޯމްތައް ބޭނުން ކުރާނީ އަސްލު ބްރިޖުގެ ފައުންޑޭޝަން އަޅަން ކަނޑަށް ހޮޅިތައް ޖަހަން އަރާ ތިބޭ އައްޓަކަށެވެ.