ވިޔަފާރި

ބައުޒަރުތަކުން ތެޔޮ އަޅަން ހާއްސަ ސަރަހައްދެއް ކަނޑައަޅަނީ

Feb 11, 2015

ބައުޒަރުތަކުން ދޯނިފަހަރަށް ތެޔޮ އެޅުމަށް ހާއްސަ ސަރަހައްދެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުރަޝީދު ނާފިޒު ވިދާޅުވީ މިހާރު މާލެ ވަށައިގެން ތެޔޮ އެޅުމަށް ދުއްވާ ބައުޒަރުތައް "ތަރުތީބު" ކުރައްވާނެ ކަމަށެވެ.

" ހައުސިން މިނިސްޓްރީއާ ގުޅިގެން އެ މަސައްކަތް ކުރެވެން މިހާރު މި އޮތީ. މާލެ ރީ-ޑިޒައިން ކޮށް، ރީޕްލޭން ކުރަމަށް ނިންމާފައިވާތީ.އެ ހާލަތުގައި ތެޔޮ ބައުޒަރުތައް ވެސް ރަޖިސްޓްރީ ކުރެވޭނެ. މިހާރު ގޮތަށް ހިތައް އެރިތަނަކަށް ގޮސް މުދާ އަރުވާ ނުހެދޭނެ. ތަންކޮޅެއް ޑިސިޕިލިންކޮށް. ތަންކޮޅެއް ތަހުޒީބުކޮށް، މިކަންތައް ކުރިއަށް ދާން ޖެހޭނެ ކަމަށް ގަބޫލު ކުރަނީ،" ނާފިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލޭގައި މިހާރު ބޭނުންކުރާ ހެވީ ވެހިކަލްތައް މާލެއަށް ބޭނުންވާ ވަރަށްވުރެ އިތުރުވެފައިވާ ކަމަށެވެ.

" މާލޭގައި ތެޔޮ ބައުޒަރު ތަކާއި ބޮޑެތި ލޮރީތަކާއި އެކަށީގެން ނުވާ ވަރަށް އެބަހުރި. ކެރޭނާއި ހެވީލޯޑް ހިފާ ވެހިކަލްތައް އެބަހުރި. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މާލޭގައި ޕާކު ކުރާނެ ޖާގަ ނެތުމުގެ ސަބަބުން މަގުމަތީގެ އެތައް މި ތަނުގައި ޕާކު ކޮށްފައި ހުންނަނީ. އެ ތަކެތި ރަޖިސްޓްރީ ކުރަންވެސް ވަރަށް އަވަހަށް ހުޅުވާލާނަން،" ނާފިޒު ވިދާޅުވި އެވެ.