އަޅުގަނޑުގެ ހަޔާތުގައި ތަޖުރިބާ ކުރަން ޖެހުނު އެންމެ ހިތް ދަތި ދުވަސްތައް އައީ އަޅުގަނޑަށް ދަރިޔަކު ލިބުނު ތަނާހެން ދެމަފިރިން ވަކިވާންޖެހި ދެ އަހަރުގެ ދަރިފުޅާއި އަޅުގަނޑު މި މާލެއަށް މަގުމަތިވެ، މަސައްކަތް ހުއްޓި ދަރިފުޅު ގޮވައިގެން ވަންނާނެ ތަނެއް ނެތި ގާތްގަނޑަކަށް މަގުމަތީގައި އުޅުނު 2009 އިގައެވެ.
ކޮންމެވެސް ގޮތަކުން އަޅުގަނޑުގެ ދެބަފައިންނަށް އެހީވާންވެގެން އާއިލާގެ މެންބަރަކު އަޅުގަނޑުމެން ގެންދިޔައީ ގަލޮޅުގައި ހުންނަ ރަސްތަރި ކިޔާ ގެއަކަށެވެ. މީހުން ފުނިޖެހިފައި އޮންނަ ކުޑަ ކޮޓަރިއެއްގެ ތެރޭގައި އަޅުގަނޑުމެން ދެބަފައިން އުޅެން ފެށި އިރު އެޕާޓްމަންޓްގެ މައްޗަށް އޮންނަ ޓެރަސްގައި މާލެއިން ނުފެންނާނެ ފަދަ މާމެލާމެލީގެ ބަގީޗާއަކާއި އެއް ކޮޓަރީގެ ހިތްގައިމު ކުޑަ އެޕާޓްމަންޓެއް ވެސް ހުރެއެވެ. ދަރިފުޅާއެކު އެ ހިތްގައިމު ބަގީޗާއަށް ބަލަހައްޓައިގެން އަޅުގަނޑުގެ ދިރިއުޅުމަށް އެވީ ގޮތާމެދު ފިކުރު ކުރާން ވަރަށް ގިނައިން އިނދެވެ އެވެ. އެހެން އިންނަ އިރު ކޮންމެ ދުވަހަކު ހަވީރު ދިގު ހެދުމުގައި ހުންނަ އަންހެނަކު އެ ބަގީޗާއަށް ވަދެ އެވެ. ވަރަށް ރީތި، އެހާ ނަލަ، އަބަދު ހިނިތުމުގައި ހުންނަ އަންހެނެކެވެ. ކޮންމެ ފަހަރަކު ވެސް އަޅުގަނޑުގެ މިންނުއާ ކޮންމެވެސް ސަމާސާއެއް ކޮށްލަ އެވެ. ފެންނަން ފެށީއްސުރެ އޭނާގެ ޝަހުސިއްޔަތު ކަމުގޮސް އަޅުގަނޑުގެ ދައްތަ ކުރެން އެއީ ކާކުތޯ އަހައިފީމެވެ.
"އެއީ އަހަރެމެން ކުޑައިރު ކީ ވާހަކަ ފޮތްތައް ލިޔުނު ޝަމީމާ ޔަހުޔާ، މިގޭގެ ވެރިޔާ!"
އެހެން ހަމަ ބުނުމާއެކު ކްލިކް ވެއްޖެ އެވެ. ދެން ހަމަ ބައްދަލު ކުރާ ހިތްވަނީ އެވެ. ބަގީޗާއަށް އެ އަންހެންމީހާ އަންނާނެ ވަގުތަށް އިންތިޒާރު ކުރެވެނީ އެވެ. އެހެންވީ ސަބަބެއް ވެސް އޮވެގެނެވެ. އަޅުގަނޑު ކުޑައިރު ދިވެހި ފަރިތަ ކުރާން އަޑު ވީއްލާ ކޮންމެ ދުވަހަކު ކިޔައި އުޅުނީ ވާހަކަ އެވެ. މުޅީން ލޯބީގެ ވާހަކަ އެވެ. ލަފާވާ ގޮތުން އެއީ ބައްޕަ މަންމައަށް ހޯދައި ދީފައި ހުންނަ ވާހަކަ ފޮތްތަކެކެވެ.
އޭގެ ތެރެއިން "ގްރުބާނީ" ކިޔާ ވާހަކަ އަކާއި "ފަހަރި" އާއި "ޒަހަމް" އެއީ އަޅުގަނޑުގެ ހިތާ ފިސާރި ކުޅެލާފައިވާ ވާހަކަތަކެކެވެ. ކޮންމެ ވާހަކައަކީ ތަކުރާރުކޮށް އެތައް ފަހަރަކު ކިޔައި ވަރަށް ބޮޑުބައި ހިތުދަސް ވާހަކަތަކެވެ. އެ ވާހަކަތަކުގެ ބޭރުގައި ރީތި އަކުރަކުން "ޝަމީމާ ޔަހްޔާ، ބާޣުބަހާރު" ޖަހާފައި އޮވެއެވެ. އޭރުން ފެށިގެން އަޅުގަނޑު އެންމެ ބައްދަލު ކުރާ ހިތްވާ މީހުންގެ ތެރޭ ސަތޭކައަށް ވުރެ ގިނަ ލޯބީގެ ވާހަކަ ދިވެހި ބަހަށް ތަރުޖަމާ ކުުރައްވާ އަމިއްލަފުޅަށް ވެސް އެތައް ވާހަކައެއް ލިޔުއްވެވި ޝަމީމާ ޔަހުޔާ ހިމެނެ އެވެ.
މާލެ އައިސް ކިޔަވައި ހީނ ސަމާސާކޮށް މީހުނާ އިނދެ ކުދިން ލިބި ވަރިވި އިރު ވެސް އަޅުގަނޑަކަށް ޝަމީމާ ޔަހުޔާއަކަ ބައްދަލެއް ނުވެއެވެ. މިއަދު އަހަރެންގެ ދުނިޔެ މިއޮތީ ޝަމީމާ ޔަހްޔާގެ ބަގީޗާގެ ދޮރުމަތީގަ އެވެ. ބައްދަލުވެ އަޅުގަނޑަކީ "މުންޑޫ އާދަމް ހަލީމް" އޭ ހަމަ ދެންނެވުމާއެކު އަޅުގަނޑަކީ ކާކުކަން ޝަމީމާ ޔަހުޔާއަށް އެނގިވަޑައިގެންފި އެވެ. "އަބަދު ފެންނަ، އިވޭ ނަމެކޭ" ވެސް ވިދާޅުވެއްޖެ އެވެ.
އަޅުގަނޑުގެ ހަޔާތުގެ ކައިވެނީގެ ހިތްދަތި ތަޖުރިބާ އާއި އެކަނި އުޅެންޖެހިފައިވާ ދެބަފައިންގެ ވާހަކަ އަޅުގަނޑު ދުލުން ފުރަތަމަ ކިޔައިދީފައި ވާނީ ޝަމީމާ ޔަހުޔާ އަށެވެ. އަޅުގަނޑުގެ ހަނދާނުން ދުވަހަކު ވެސް ފިލައި ނުދާނެ އެ ދައްތައަށެވެ. އެ ދުވަހުން ފެށިގެން ޝަމީމާ ޔަހްޔާވީ އަޅުގަނޑުގެ ވަރަށް ގާތް ދައްތައަކަށެވެ. ކޮންމެ ދުވަހަކު އަޅުގަނޑުމެން ދެބަފައިގެން ހާލު ބައްލަވަ އެވެ. އެގޭގައި ހުރެގެން އަޅުގަނޑު ދެވަނަ ކައިވެންޏެއް ކުރަން ދެން އޭނާގެ އަތުން ތައްޔާރު ކުރާ މީރު ކާ އެއްޗެހީ ތަށިބަރި އަޅުގަނޑާއި ދަރިފުޅަށް ކޮންމެ ދުވަހު ފޮނުވަ އެވެ.
ހިތްދަތި ދުނިޔެއިން އަޅުގަނޑު ނެރެދިނުމަށް އަޅުގަނޑަށް ގަދަ ހިތްވަރާއި ނަސޭހަތް ދެއްވީ ޝަމީމާ ޔަހުޔާ އެވެ. މިހާރު ވެސް ރަސްތަރީގެ ޓެރަސްމަތިން ފެންނާން އެ އޮތް އޭނާގެ ނަލަ، ދޮން ފެހި ބަގީޗާގައި އަޅުގަނޑުގެ ދަރިފުޅު އުރާލައްވައި އިންނަވައިގެން އަޅުގަނޑުގެ ގާތުގައި ވިދާޅުވި އެވެ:
"މޮޅު މީހާއަކީ ރާޅާއެއްކޮޅަށް މަޅު މަތީގައި ދުއްވާ މީހާއެއް ނޫން، މޮޅު މީހާއަކީ ރާޅާ ދެކޮޅަށް ރާޅު ފަޅާފައި ގޮސް ހިކިފަހަށް އަރާ މީހާ"
ޝަމީމާގެ އެ ދެ ޖުމްލައަކީ އަޅުގަނޑަށް ވަދެވުނު ހިތްދަތި ދުނިޔެ ފުނޑުފުނޑު ކޮށްލައިދިން ދެ ޖުމްލަ އެވެ. ޝަމީމާ ޔަހްޔާގެ ގޭގައި އަޅުގަނޑުމެން ދެބަފައިންނާއި އަދި ފަހުން އަޅުގަނޑުގެ މިހާރުގެ އަނބިމީހާ، ޝަބީ އާއި ދެވަނަ ދަރިފުޅު އެންވީ ގާތްގަނޑަކަށް ދޮޅު އަހަރު ދުވަހު އުޅުނީމެވެ. އަޅުގަނޑުގެ އެލްވީ ލިބުނީ އެގެއިން ދިޔަ ފަހުންނެވެ.
ދެވަނަ ކައިވެނިކޮށް އެންވީ ލިބުނީ ވެސް އޭގޭގައެވެ. ދެވަނަ ކައިވެންޏެއް ކޮށް ވަންނާނެ ތަނެއް ހޯދަން މަސައްކަތް ފެށުމާއެކު އެ ގެއިން ނުދިއުމަށް ޝަމީމާ ޔަހުޔާ އެދި ވަޑައިގެންނެވި އެވެ. އަދި އޭނާ އާއި އޭނާގެ ކުދިންގެ ހާއްސަ ބަގީޗާގައި ހުންނަ ހިތްގައިމް ކުޑަ އެޕާޓްމަންޓް ކުއްޔަކަށް ނުވާ ކަހަލަ ކުޑަ ފައިސާ ކޮޅަކަށް އަޅުގަނޑުމެނަށް ދެއްވި އެވެ. ހިތްދަތި ކަމުގެ ތެރޭގައި އަޅުގަނޑުގެ ވަޒީފާ ގެއްލި އަތްމަތި ހުސްވެފައި ވަނިކޮށް ދެވަނަ ކުއްޖަކު ލިބުމުން ދެމައިންނަށާއި އަޅުގަނޑާއި ދޮށީ ދަރިފުޅަށް ކޮންމެ ދުވަހަކު އެހީވެ ދެއްވި އެވެ. އެންވީ ލިބުނު އިރު އަޅުގަނޑު އަތުގައި އޮތީ އެޕާޓްމަންޓްގެ ކުއްޔަށްވާ ކުޑަ ފައިސާކޮޅެއް އެކަންޏެވެ. އެފައިސާގައި ޝަމީމާ ނުހިއްޕެވި އެވެ. ވިދާޅުވީ "ވިހެއުމުގެ ހުރިހާ ކަމެއް ނިމެންދެން އެއްޗެއް ނުދިނަސް އެންމެ ރަނގަޅު" ކަމަށެވެ.
އެންވީ ލިބުނު އިރު އޭނާ ލައްވާނެ އެއްޗެއް ވެސް ގައި އުނގުޅާނެ ތެޔޮ ފޮދެއްވެސް އަޅުގަނޑުމެންގެ ދެމަފިރިންގެ އަތުގައި ނެތެވެ. އަދި އެންމެ ހިތްދަތި ކަމަކަށް ދިމާވީ އެންވީއަކީ ގާތުން ބުއި ކުއްޖަކަށް ނުވުމުން އޭނާއަށް ވަގުތުން ބޭނުންވި "އެންފަލެކް" ދަޅެއް ގަނެވޭނެ ގޮތް ނުވެގެން ހުއްޓާ އަމިއްލަފުޅަށް އެކަން ފާހަގަ ކުރެއްވިގެން އެ ދަޅު ޝަމީމާ ޔަހުޔާ ގަނެ ދެއްވުމެވެ. އޭނާގެ އިތުރުން އޭނާގެ އަންހެން ދެބެންނާއި ފިރިހެން ދަރިފުޅު "ދޮންބެ"ގެ އެހީތެރިކަން ދުވަހަކު ވެސް އަޅުގަނޑާ ވަކިވެގެން ދާނެ ހެނެއް ހީއެއް ނުވެއެވެ.
ޝަމީމާ ޔަހްޔާގެ ގާތުން އަޅުގަނޑަށް ދިރިއުޅުމުގެ ވަރަށް ގިނަ ފިލާވަޅުތައް ދަސްވެ، ވަރަށް ގިނަ ތަޖުރިބާތައް ލިބުނެވެ. ހިތްދަތި ދުނިޔެއިން ނުުކުމެ އާ ހަޔާތެއް ފަށާއި ކާމިޔާބު ކުރަން ދަސްވި އެވެ. ރާޅު ފަޅާފައި ކާމިޔާބު ކުރަން ދަސްކޮށް ދިނީ ޝަމީމާ ޔަހްޔާ އެވެ. އިތުރަށް ލިޔުންތެރިކަމުގެ ވަރަށް ގިނަ އާ ހުނަރު އަޅުގަނޑަށް ދަސްވި އެވެ. ރަނގަޅު ދަނޑިވަޅުގައި ހިއުމާ ގެނެސް ބަސްތަކާ ކުޅެލާނެ ގޮތް ދަސްވި އެވެ. ތަރުޖަމާ ކުރުމުގަ އާއި ލިޔުންތެރި ކަމުގައި ރިސާޗް މެތޮޑު ބޭނުން ކުރާނެ ގޮތުގެ ވަރަށް ގިނަ އިރުޝާދު ލިބުނެވެ. އެއީ ކުރިން އަޅުގަނޑު ދަންނަ ކަމެއް ނޫނެވެ. އެ ދުވަސްވަރު އަޅުގަނޑު ލިޔުނު ބައެއް ލިޔުންތަކަށް އަމިއްލަ ފުޅަށް އެދި ވަޑައިގެން ރިސާޗް ކޮށްދެއްވި އެވެ.
އެ ހުރިހާ ކަމަކަށް ވުރެ ބޮޑަށް އަޅުގަނޑަށް ޝަމީމާ ހާއްސަވެފައި ވަނީ އަޅުގަނޑުގެ ހަޔާތުގައި ކުރަންޖެހުނު ހިތްދަތި ތަޖުރިބާތައް މާޒީގެ ތެރެއަށް ފޮނުވާލައްވައި އޭނާގެ އުފާވެރި ބަގީޗާ އަޅުގަނޑަކީ އުފާވެރި، އުފުލުން ހުންނަ މީހަކަށް ބަދަލު ކޮށްދެއްވި ގޮތެވެ.
ޝަމީމާ އަވަހާރަވީ އަޅުގަނޑުމެން ކުޑަކުޑަ އާއިލާ އަޅުގަނޑުމެނަށް ހެޔޮވަރު އެޕާޓްމަންޓެއްގައި އުޅެން ބޭނުންވެގެން އެގެއިން ދިޔަ ފަހުންނެވެ. ވާހަކަ ތަރުޖަމާ ކުރެއްވުމާއި ފިލްމު ރިވިއު ލިޔުއްވުމުގައި ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯއްދެވި ޝަމީމާއަކީ ތަރުޖަމާ ކުރެއްވުމުގެ ރޮނގުން އާންމު ހިދުމަތުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ އަދި ގިނަ ދުވަސްތަކެއް ވަންދެން ބަންޑާރަ ނައިބުގެ އޮފީހުގަ އާއި ދިވެހި ބަހާ ތާރީހަށް ހިދުމަތް ކުރާ ގައުމީ މަރުކަޒުގައި ސަރުކާރަށް ހިދުމަތް ކުރެއްވެވި ބޭފުޅެކެވެ. ސަރުކާރުގެ ހިދުމަތުން ދުރަށް ވަޑައިގެންނެވީ ގިނަ ދުވަސްތަކެއް ވަންދެން ސެންސަރު ބޯޑުގަ އި އުޅުއްވުމަށްފަހު އެވެ. މީގެ ހަ އަހަރު ކުރިން އަވަހާރަވީ އިންޑިޔާގައި އުމުރުފުޅުން 62 އަހަރުގައި ހިތުގެ ބައިޕާސް އޮޕަރޭޝަނެއް ކުރެއްވުމަށް ފަހު، އާލާސްކާންފުޅާ އުޅުއްވަނިކޮށެވެ. ހިތް ހެޔޮ، "މަންމަ" ގެ ހަނދާންތައް އަޅުގަނޑާ އަޅުގަނޑުގެ އާއިލާއާ ވަކިވުމެއް ނެތެވެ. ވަރަށް ފަހުން ވެސް އަޅުގަނޑުގެ ދޮށީ ދަރިފުޅު، މިންނު "ރަސްތަރި ދައްތަ ހަމަ މަރުވީ ހެއްޔޭ" އަހަލާ އެވެ. އަނެއް ދެބެން ނަކަށް އެ ދައްތައެއް ނޭނގޭނެ އެވެ. އެމީހުނަށް އެނގޭނީ ބޮޑުވެގެން އަޅުގަނޑުގެ ޑައިރީތައް ހޭވި ދުވަހަކުންނެވެ.