ދުނިޔެ

ބަނޑަށްޖެހިފައިވާ ސީރިއާގެ މުސްލިމުންނަށް ޗެޗްނިއާގެ ލީޑަރުގެ ދީލަތި އެހީ

Jun 8, 2016
2

ސީރިއާގެ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ބަންދުވެފައި ތިބި އެތައް ހާސް ބަޔަކު ތިބީ ބަނޑަށެވެ. ހަނގުރާމައިގެ ސަބަބުން ކާބޯތަކެތީގެ އަގު އިންތިހާ އަށް އުފުލިފައިވާއިރު ރޯދަ މަހު އެގައުމުގެ މުސްލިމުންގެ ހާލު އަދި ވަކިން ދެރަ އެވެ. މުޅި ދުނިޔޭގެ އެހީ އަށް އެގައުމުގެ މުސްލިމުން ވަނީ ބޭނުންވެފަ އެވެ.

ކޮންމެއަކަސް ސުންނީ މުސްލިމުންގެ މުޖުތަމައެއް އޮތް ޗެޗްނިއާގެ ލީޑަރު ރަމަޒާން ކަޑިރޯވް މި ވަނީ ސީރިއާގެ، ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އުފާވެރި ޚަބަރެއް ދީފަ އެވެ. މި ބަރަކާތްތެރި ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ސީރިއާގެ ވެރިރަށް ދިމިޝްގުގެ 25،000 މުސްލިމުންނަށް ހާރުދަމުގެ ކެއުމާއި ރޯދަވީއްލުން ހިލޭ ސާބަހަށް ފޮނުއްވައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ކަޑިރޯވްގެ މި ދީލަތިކަމުގެ ދަށުން ސީރިއާގެ އާންމުންނާއި ރެފިއުޖީންނަށް ކާބޯތަކެތި ބެހުމަށް ހަމަޖެހިފައި ވަނީ ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ރެފިއުޖީ ކޭމްޕަތަކުގެ އިތުރުން މިސްކިތްތަކުގަ އެވެ. މި ހަރަކާތުގައި 30 ވެހިކަލް އާއި 30 ކައްކާއިން އަދި 200 ވޮލަންޓިއަރުން ބައިވެރިވާނެ އެވެ.

ކަޑިރޯވަކީ ސީރިއާގެ މުސްލިމުންގެ ހާލަތު ނިކަން ގާތުން ބައްލަވަމުން ގެންދަވާ ލީޑަރެކެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ޖަރުމަނަށް ކުރެއްވި ޒިޔާރަތެއްގައި، އެގައުމުގެ ދިރިއުޅޭ ސީރިއާގެ ރެފިއުޖީންގެ ތެރެއިން 900 އަށް ވުރެ ގިނަ މީހުންނަށް ޖަރުމަނުގެ ކިއެލް ސިޓީގެ އެންމެ އަގުބޮޑު ރެސްޓޯރެންޓުން ފަރިއްކޮޅެއް ވެސް ދެއްވި އެވެ.