ވިމްޓޯ އަކީ މި ރާއްޖޭގައި ވެސް ވަރަށް މަގްބޫލު ޑްރިންކެކެވެ. މި ރޯދަ މަހު ސީރިއާގެ މުސްލިމުންގެ މެދުގައި ވެސް އެންމެ މަގްބޫލު ބުއިމަކީ މިއީ އެވެ. ވިމްޓޯގެ ޑިމާންޑް ބޮޑުވެ ސީރިއާގައި މިހާރުވަނީ އޭގެ އަގު ވެސް އަތްނުފޯރާ ހިސާބަށް އަރައިފަ އެވެ.
ބުނެވޭ ގޮތުގައި މި ވިމްޓޯ އަކީ ހުސްބަނޑާ ގިނަ އިރުތަކެއް ވަންދެން ހުރުމަށް ފަހު ފުރަތަމަ ބުއިމަކަށް ހެދުމަށް ވަރަށް ރަނގަޅު ބުއިމެކެވެ. މި ސަބަބާ ހެދި ރޯދަ މަހުގައި ވިމްޓޯގެ މަގްބޫލުކަން މުޅި މެދުއިރުމަތީގައި ބޮޑުވެގެންދާއިރު އިނގިރޭސި ވިލާތުގެ މުސްލިމުންގެ މެދުގައި ވެސް ވިމްޓޯ އަކީ ރޯދަ ވީއްލުމަށް ބޭނުންކުރާ ވަރަށް މަގްބޫލު ބުއިމެކެވެ.
މެދުއިރުމަތީގައި ވިމްޓޯގެ މަގްބޫލުކަމަށް ބަލާއިރު، އަހަރެއްގެ މައްޗަށް މިހާރު 35 މިލިއަން ވިމްޓޯ ފުޅި ވިކެ އެވެ. ރާއްޖެއިން އާންމުކޮށް ވިމްޓޯގެ މާ ގިނަ ވައްތަރުތަކެއް ނުލިބެ އެވެ. އެންމެ މަގްބޫލީ ވިމްޓޯ ދަޅެވެ.
މެދުއިރުމައްޗަށް ވިމްޓޯ ތައާރަފްކުރީ 1927 ވަނަ އަހަރު އެވެ. މެދުއިރުމަތީގައި ވިމްޓޯ އަށް ލިބިފައި ވަނީ ތެލަށް ވުރެން ވެސް ބޮޑު މަޝްހޫރު ކަމެކެވެ. އެމީހުން ބުނާ ގޮތުން މެދުއިރުމަތިން ތެޔޮފެނުމުގެ ކުރިން އެމީހުންނަށް ފެނުނީ ވިމްޓޯ އެވެ.
ވިމްޓޯ އަކީ އިނގިރޭސި ވިލާތުގެ އުފެއްދުމެކެވެ. މިއީ ގްރޭޕްސް އާއި ރާސްބެރީސް އަދި ބްލެކްކަރަންޓްގެ ރަހަތައް ލިބެން ހުންނަ ބުއިމެކެވެ.
ވިމްޓޯ އަކީ އިންޑިއާގައި ވެސް ވަރަށް މަގްބޫލު ބުއިމެކެވެ. ވިމްޓޯ އިންޑިއާ އަށް ގެންދިޔައީ ވަޒީފާ ހޯދުމަށް މެދުއިރުމައްޗަށް ދަތުރުކުރި މީހުންނެވެ. އެއީ 1920ގެ އަހަރުތަކުގަ އެވެ.
ދުނިޔޭގެ އެކި ސަރަހައްދުތަކުން ލިބެން ހުރި ވިމްޓޯ ތަފާތެވެ. އެގޮތުން އިނގިރޭސި ވިލާތުން ލިބެން ހުރި ވިމްޓޯއާ މެދުއިރުމަތިން ލިބެން ހުރި ވިމްޓޯ ވެސް ތަފާތެވެ.
ސައޫދީ އަރަބިއްޔާގައި ވެސް ވިމްޓޯ އަކީ މަގްބޫލު އަދި މަޝްހޫރު ބުއިމެކެވެ. އާންމުކޮށް ރޯދަ މަހު މެދުއިރުމަތީގައި ވިމްޓޯގެ މަގްބޫލުކަން ބޮޑުވުމުން ފިހާރަތަކުން ދުވާލެއްގެ މައްޗަށް މީހަކަށް ވިއްކަނީ ވިމްޓޯގެ ދެ ފުޅި އެވެ.