ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓު ހިލަރީ ކްލިންޓަން ކާމިޔާބުކުރުމާއި ގުޅިގެން އެމެރިކާގެ ރައީސް ބަރަކް އޮބާމާ މަރުހަބާ ވިދާޅުވެއްޖެ އެވެ .
ވައިޓް ހައުސް އިން ހާމަކުރި ގޮތުގައި ރޭގެ ވަގުތެއްގައި އޮބާމާ މަރުހަބާ ވިދާޅުވެފައިވާ ކަމަށާއި ހިލަރީ އާއި ދެކޮޅަށް ވާދަކުރި ބަރނީ ސެންޑަރސް އާއި މިހަފްތާގެ ތެރޭގައި ބައްދަލުކުރައްވާނޭ ކަމަށެވެ.
ދެ ކެންޑިޑޭޓުންނާއި ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައި އޮބާމާ ވަނީ ޕާޓީގެ މަންދޫބުންގެ ގޮތުގައި ވާދަކުރައްވާ، އެމެރިކާގެ ޒުވާނުން ސިޔާސީ ކަންކަމަށް ހޭލުންތެރި ކުރުުމަށް ދެ ކެންޑިޑޭޓުން ކުރި މަސައްކަތަށް އޮބާމާ ވަނީ އަދާކުރައްވާފަ އެވެ.
ޕާޓީގެ ޓިކެޓު ހޯދުމަށް ބޭނުންވާ ޑެލިގޭޓުންނާއި ސުޕަރޑެލިގޭޓުންގެ އަދަދު ސެންޑަރސް އަށް ހަމަނުވާ ނަމަވެސް، އަންނަ ޖުލައި މަހު ޑެމޮކްރެޓިކް ޕާޓީއިން ބާއްވާ ކޮންވެންޝަންގައި ސެންޑަރސް ވާދަކުރައްވާނޭ ކަމަށް އަޑު ފެތުރިފައިވެ އެވެ. އެހެންކަމުން ބުރާސްފަތި ދުވަހު އޮބާމާ އާއެކު ބާއްވާ ބައްދަލުވުމަކީ އޭގެން ރިޔާސީ ޓިކެޓާއި މެދު ވަކި އެއްޗެއް ބުނުމަށް އޮބާމައަށް ލިބިގެންދާ ފަހު ފުރުސަތެވެ.
ސޯޝަލިސްޓެއްގެ ގޮތުގައި އަމިއްލައަށް ސިފަކުރާ ސެންޑަރސް 2015 ވަނަ އަހަރު ޑެމޮކްރެޓިކް ޕާޓީ އާއި ގުޅުމުގެ ކުރިން ހުރީ ސެނެޓްގެ އިންޑިޕެންޑެންޑެންޓް މެންބަރެއްގެ ގޮތުގަ އެވެ. މިނިވަން މެންބަރެއްގެ ގޮތުގައި 1990 ވަނަ އަހަރުން ފެށިގެން ސެނެޓްގައި މަސައްކަތް ކުރަމުންދިޔަ ސެންޑަރސް ވަނީ ޑިމޮކްރެޓިކް ޕާޓީ އާއި ރިޕަބްލިކަން ޕާޓީގެ މެންބަރުންނަކީ ވަކި ބައެއްގެ ހައްގުތައް ދިފާއުކުރަން މަސައްކަތްކުރާ ކަމަށް ބުނެ އެ މެންބަރުންނަށް ފާޑުކިޔާފަ އެވެ. ސެންޑަރސް އަށް ރިޔާސީ ޓިކެޓު ނާކާމިޔާބުވުމާއި ގުޅިގެން އޭނާގެ ސިޔާސީ ކެރިއަރުގެ ކުރިމަގާއި މެދު ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ހިލަރީ ކްލިންޓަނަށް ގައުމުގެ ރިޔާސަތު ކާމިޔާބުވެއްޖެ ނަމަ، އޭނާ ވެގެންދާނީ އެމެރިކާގެ ރިޔާސަތާއި ހަވާލުވާ ފުރަތަމަ އަންހެނާއަށެވެ.