އިޒްރޭލުގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ އަދި ވިޔަފާރީގެ މައި ރަށް، ތަލް އަވީވްގައި ފަލަސްތީނުގެ ދެ މީހަކު ރޭ ދިން ބަޑީގެ ހަމަލާތަކެއްގައި އިޒްރޭލުގެ ހަތަރު މީހަކު މަރާލައިފި އެވެ.
ތަލް އަވީވްގެ މެދުތެރޭގައި އޮންނަ މަޝްހޫރު ސަރޯނާ ބާޒާރުގައި ދިން މި ހަމަލާގައި އިޒްރޭލުގެ ފަސް މީހަކު ޒަޚަމްވެފައިވާއިރު ހަތަރު މީހެއްގެ ހާލު ވަރަށް ސީރިއަސް އެވެ. ފުލުހުން ބުނެފައި އެ ހަމަލާގައި ފަލަސްތީނުގެ ތިން ވަނަ މީހަކު ވެސް ބައިވެރިވި ކަމަށް ލަފާކުރެވޭ ކަމަށެވެ.
މަންޒަރު ދުށް ފަރާތްތަކުން ބުނެފައި ވަނީ ހަމަލާ ދިން ދެ މީހުން ވެސް ތިބީ ކޯޓު ފަޓުލޫނާއި ޓައީ އަޅައިގެންނެވެ. އަދި ބާޒާރުގެ ރެސްޓޯރަންޓްތަކުގައި އެ ދެ މީހުން ވަގުތު ހޭދަކޮށްފައިވެ އެވެ.
މި ހަމަލާ އަށް ފަހު އިޒްރޭލުގެ ފުލުހުން ވަނީ ހަމަލާގައި ބައިވެރިވި ދެ މީހުން އަތުލައިގަނެފަ އެވެ. އޭގެ ތެރެއިން އެކަކު ވަނީ ކުރިމަތިލުންތަކުގައި ޒަޚަމްވެފައެވެ.
މި ހަމަލާއެއްގެ ޒިންމާ ފަލަސްތީނުގެ އެއްވެސް ގްރޫޕަކުން މިހާތަނަށް އުފުލާފައި ނުވާއިރު އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ވިދާޅުވެފައި ވަނީ ހަމަލާ ދިން މީހުންނަށް ރައްދު ދިނުމަށާއި އިޒްރޭލުގެ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.
ފަލަސްތީނުގެ ހަތިޔާރު އެޅި މީހުން މިގޮތަށް އިޒްރޭލަށް ހަމަލާ ދިނުމަކީ އާންމު ކަމެކެވެ. އެގޮތުން ފާއިތުވި އަށް މަސް ދުވަހުގެ ހަމަލާތަކުގައި އިޒްރޭލުގެ 31 މީހަކާއި އެމެރިކާގެ ދެ މީހަކު މަރާލާފައިވެ އެވެ. އަދި ހަމަ މި މުއްދަތުގައި އިޒްރޭލުން ފަލަސްތީނަށް ދިން ހަމަލާތަކުގައި ގާތްގަނޑަކަށް 200އެއްހާ މީހުން މަރާލާފައިވެ އެވެ.