ފިނިޕޭޖް

އައިޑޮލް އަކަށް ނުހޮވުނަސް، ހިތްތަކުގެ އައިޑޮލް

  • ޝަލަބީ ބުނަނީ އޭނާގެ އަހުލާގު ދަށެއް ނުވާނެ ކަމަށް
  • ފިނާލޭގައި ސްޓޭޖު ދޫކޮށް ދިޔައީ މެނޭޖަރުގެ ބަސް އަހަންވެގެން
  • ފޮންޏޭ ބުނަނީ ރަނގަޅަށް ޝަލަބީ ނޭނގޭތީ ކަމަށް ބުނި
  • ލައިޝާ އަށް އައިޑޮލް ލިބިދާނެ ކަމަކަށް އުއްމީދެއް ނުކުރޭ

ޝަލަބީއޭ ކިޔުނު ޖާދޫއެއްގައި ޖެހި ދިވެހިން އާޝޯހުވެ، މޮޔަކޮށްލީ ޕީއެސްއެމް އިން އިހަށް ދުވަހު ނިންމާލި މޯލްޑިވިއަން އައިޑޮލްގެ އާދަޔާހިލާފު ސީޒަނުގަ އެވެ. އެކަމަކު ހަގީގަތަކީ މި ޝޯއަކާއި، ޝޯގައި ވާދަކުރި އެހެން ހުރިހާ ބައިވެރިންނަށް ވުރެން ވެސް އާދަޔާހިލާފު މީހަކަށް ޒުވާން ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް ބަދަލުވެގެން ދިޔަ ކަމެވެ.

ޝޯގައި އޭނާ އަށް ލިބުނު ސަމާލުކަމާއި މަޝްހޫރުކަމާ އެއްވަރުގެ ޝައުގުވެރިކަމެއް އޭގެ އެހެން ބައިވެރިޔަކަށް ނުލިބެ އެވެ. އެ ތައުރީފެއް އަމުދަކުން ނުވެސް ހޮވެ އެވެ. މިކަމަކަށް ހެކިވަނީ މޯލްޑިވިއަން އައިޑޮލްގެ އެ ސީޒަނަކަށް ނިމުން އައިސް އޭގެ ލަވަކިޔުންތެރިންގެ ތަރި އޮއްސުމަކަށް އަޅާލާފައިވާއިރު ވެސް ޝަލަބީ އަށް އަދިވެސް ގޮތެއްނުވެހުރި ހުރުމެވެ.

އަނެއް ހަގީގަތަކީ، މޯލްޑިވިއަން އައިޑޮލް އަކަށް ނުހޮވުނަސް، މޯލްޑިވިއަން އައިޑޮލްއެއްގެ ޝަރަފު ދިވެހިންގެ ހިތްތަކުން މި ޒުވާނާ އަށް އަރުވާފައިވާކެމެވެ.

ކޮންމެއަކަސް މާ ކުރީގެ ހަނދާނަށް ޖެހިލާއިރު، ޝަލަބީގެ ވާހަކައެއް އެންމެ ފުރަތަމަ އަޅުގަނޑު އަޑުއެހީ ޓީވީއެމްގެ "ބޮޑުބެރު ޗެލެންޖު" ޝޯގެ ފޯރިގަނޑެއް މާލެ ތެރެއަށް އަރައިގެން އުޅުނު ދުވަސްވަރެއްގަ އެވެ. ޕޮޕިއުލާ ލަވައިގެ ދުނިޔެ އަށް ފުރިހަމަ އަށް ތައާރަފްވުމުގެ ކުރިން އޭނާގެ އަޑު ހަމަކުރީ ބޮޑުބެރުގެ ހަރުބީ އަށެވެ.

އޭނާ އަކީ، އެންމެފަހުން ބޭއްވި ބޮޑުބެރު ޗެލެންޖުގެ އެންމެ މޮޅު ލަވަކިޔުންތެރިޔާ އެވެ. އަދި ރާއްޖޭގެ މަޝްހޫރު ބައެއް ލަވަކިޔުންތެރިންނާ އެކު ޕާފޯމްކޮށްގެން އިތުރު މަޝްހޫރުކަމެއް ވެސް އޭނާ އަށް ލިބުނެވެ. އެއީ ޝަލަބީގެ އިންޓަވިއުއެއް ހެދުމަށް "އަވަސް" އިން އޭނާ އަށް ގުޅި ފުރަތަމަ ފަހަރެވެ.

އެފަހަރަކު އޭނާ އަތެއްނުވި އެވެ. އެއަށް ފަހު މޯލްޑިވިއަން އައިޑޮލްގެ މީޑިއާ ޕާޓުނަރެއްގެ ގޮތުގައި މަސައްކަތްކޮށްގެން ޝަލަބީގެ ވާހަކަ ލިޔުމުގެ ފުރުސަތު ލިބުނެވެ. އެކަމަކު އަނެއްކާވެސް އެ ޝޯގެ ފިނާލޭގެ ސްޓޭޖުން ކުއްލިއަކަށް ގެއްލުމުން އޭނާގެ ހަޔާތުގެ އެންމެ މުހިންމު އިންޓަވިއު އޮތީ ނުނެގިފަ އެވެ.

ތިރީގައި މިއޮތީ މޯލްޑިވިއަން އައިޑޮލްގެ ރަނަރަޕް ޝަލަބީ އިބްރާހިމް އަވަސް ވީކެންޑަށް ދިން ހާއްސަ އިންޓަވިއު އެވެ. މިއީ ޝަލަބީއާ މެދު ދެކޭ ގޮތް ނުވަތަ ގަބޫލުކުރެވިފައި އޮތް ގަބޫލުކުރުން ބަދަލުކުރަން މަޖުބޫރުކުރުވާނެ އިންޓަވިއުއެއްކަން ޔަގީނެވެ.

އެންމެ ފުރަތަމަ ވެސް ހިނގާ މޯލްޑިވިއަން އައިޑޮލް އިން މި ވާހަކައެއް ފަށަމާ. މޯލްޑިވިއަން އައިޑޮލް އަކަށް ލައިޝާ ޖުނައިދު ހޮވުނު ހިނދުކޮޅުން ފަށަމާ ހިނގާ. އެވަގުތުކޮޅު ޝަލަބީ އަށް ކުރެވުނު އިހްސާސާއި ހުރެވުނު ދުނިޔެ އަހަރެމެންނަށް ކިޔައިދީބަލަ؟

"ވަރަށް އުފާވި. އެކަމަކު ވަރަށް ނެގެޓިވް ތޯޓްތަކެއްގައި ހުރީ ފުރަތަމަ. ވާހަކަ އަކީ، ނަތީޖާ ފާޅުކުރަންދިޔައިރު ވެސް އަޅުގަނޑަށް އަމިއްލަ ނަފުސަށް ފާހަގަކުރެވުނު މިއީކީ ހަމައެކަނި ލަވަކިޔުމުގެ މުބާރާތެއް ނޫންކަން. މިއީ، އައިޑޮލައިޒް މި ކުރެވެނީ ވަރަށް ވެސް ބައިވަރު ޝަރުތުތަކެއް ހުރެގެންނޭ. ދެން އަޅުގަނޑު، އަޅުގަނޑު ގައިގައި ހުރި ވަރަކުން ވަރަށް މަސައްކަތް ވެސް ކުރިން"

"ލައިޝާ އަށް މޯލްޑިވިއަން އައިޑޮލް ލިބުނު ވަގުތު ވަރަށް އުފާވި އަސްލު. އުފާވެސްވި ދެރަވެސްވި. އެކަމަކު އަޅުގަނޑު މޫނުމަތިން ފެނިގެން ދިޔައީ އުފާވެރިކަމެއް. އެއީ އެކުގައި ގިނަ މަސައްކަތްކުރެވުނު ކުއްޖަކަށް ވެސް ވީމަ. ވަރަށް ގާތް ރައްޓެއްސެއް ވެސްމެއެއީ. ލޯބި ވެސް މީހެއް އެއީ"

"ދެން އެހެންވީމަ އަޅުގަނޑުމެންގެ ދެމެދު ވަރަށް ރަނގަޅު ކަނެކްޝަންއެއް އިނީ ކޮންމެ ބަޔަކު ކޮންމެ އެއްޗެއްކިޔަސް. ދެރަވިޔަސް އަޅުގަނޑަށް ލިބިފައި ހުރި އެޗީވްމަންޓް ކުޑައެއް ނޫން އެއް ވަނަ ދެ ވަނަ ތިން ވަނަ މިހެން ކިޔާއިރަކު."

ޝަލަބީ އެރޭ ހުރީ ކިހާވަރެއްގެ އުއްމީދެއްގައިތަ؟ އަދި މޯލްޑިވިއަން އައިޑޮލްގައި ބައިވެރިވީ ކިހާ އުއްމީދެއްކޮށްގެން؟

"ވަރަށް ބޮޑު އުއްމީދެއްގައި ބައިވެރިވީ. އެކަމް ކަންތައް ދިމާވިގޮތުން ބައެއް ޝަރުތުތައް އަޅުގަނޑު ދަސްކޮށްފަ އަމިއްލަ ލައިފަށް އެޕްލައިކުރަން ޖެހެ ކަހަލަ ކަންތައްތަކަކަށްވީމަ ވަރަށް ވިސްނައިގެން އަޅުގަނޑު އުޅުނީ. އަޅުގަނޑުގެ ޕާސަނާލިޓީ ދެއްކޭތޯ އަޅުގަނޑު މަސައްކަތްކުރީ ހުރީ ދާއިރާއެއްގައި ވެސް"

"އުއްމީދު ފުނޑުފުނޑެއްނުވޭ. އެއީ ޓީމުގެ ސަބަބުން. ވަރަށް ބައިވަރު އެއްޗެހި ވެސް އެނގިގެންދިޔަ. ވަކިން ހާއްސަކޮށް ލިބުނު ޓީމެއްގެ ސަބަބުން ވަކި ގޮތަކަށް މަސައްކަތްކުރަން އަޅުގަނޑަށް މަޖުބޫރުވީ. އަމިއްލަ ނަފުސަށް ބާރެއް ލާފައި މަސައްކަތްކުރަން ޖެހުނު."

"ދެން ކޮންމެއަކަސް ތަފާތު އެކްޕީރިއަންސެއް."

އެވަރުގެ އުއްމީދެއްގައި ހުއްޓައި، ޝަލަބީ އަށް އައިޑޮލް ނުލިބި، ލައިޝާ މޯލްޑިވިއަން އައިޑޮލްއަކަށް ހޮވިދާނެ ކަމަށް ގަބޫލުކުރިންތަ އެއްވެސް ވަރަކަށް؟

"އަސްލު އަޅުގަނޑު ގަބޫލެއް ނުކުރަން. އަޅުގަނޑަށް އައިޑޮލް ނުލިބިއްޖެއްޔާމު، ލައިޝާ އަށް ލިބިދާނެ ކަމުގެ އެއްވެސް އުއްމީދެއްގައެއް ނޫން އިނީކީ. އަޅުގަނޑު އިނީ ބޮޑަށް އިޝާން، ނުވަތަ އަޅުގަނޑުމެންގެ ތިން މީހުން ކުރެން މީހަކަށް ލިބޭ ނަމަ، ބޮޑަށް އުއްމީދުކޮށްގެން ހުރެވުނީ އަޅުގަނޑު ނުވަތަ އިޝާން އަށް ލިބޭނެ ކަމަށް"

"އެކަމަކު މުޅިން އުއްމީދުކުރިގޮތާ ހިލާފަށް. އެކަމަކު އަބަދުވެސް ބޯތެރޭގައި، ސިކުނޑި ތެރޭގައި ވެސް ހިނގަމުން ދިޔަ އެ ޖަޒުބާތު، އެއީ ލައިޝާ އަށް ވެސް ހަމަ ލިބިދާނެއޭ. ފުދޭވަރަކަށް އެ ޕެކޭޖު ރަނގަޅު. ބެލެންސް، ލަވަކިޔުމާއި އަހުލާގު ވެސް. އައިޑޮލް އަކަށް ވެވޭނީ ވަރަށް ގިނަ ޝަރުތުތަކެއް ފުރިހަމަވެގެން. އެކަމަކު އަޅުގަނޑުމެން ބޮޑަށް ކޮންސެންޓްރޭޓްކޮށްފައި އިނީ ލަވަ އަށް"

"އެންމެ ފަހުން ކަންދިމާވީ ވެސް ރަނގަޅަށް."

ކޮބައިތަ މޯލްޑިވިއަން އައިޑޮލް އިން ޝަލަބީ އަށް ނަގައިދިން ފިލާވަޅުތަކަކީ؟ މިއީ ކޮން ކަހަލަ ތަޖުރިބާއެއް އަދި ކިހިނެތް ސިފަކުރާނީ؟

"އެންމެ ބޮޑަށް ބަލާލަންވީ މިކަހަލަ ގޮތަކަށްކަން ނޭނގެ. ފުރަތަމަ ދަބަސް އަޅައިގެން ސްކޫލަށް ދާހިސާބުން ގްރޭޑް ނިމިގެން ދެން އޮންނާނީ އޭލެވެލް އިމްތިހާނަށް ތައްޔާރުވުންތާ. އެންމެ ފުރަތަމަ ފައުންޑޭޝަން، ބިންގާއެއް އެޅިގެން ފުރަތަމަ ދޮރުތަކެއް މި ހުޅުވެނީ. އެގޮތަށް މޯލްޑިވިއަން އައިޑޮލް ސިފަކޮށްލާ ހިތްވަނީ އެންމެ ފުރަތަމަ ވެސް."

މޯލްޑިވިއަން އައިޑޮލްއަކަށް ޝަލަބީ ނުހޮވުނަސް ވަރަށް ގިނަ މީހުން ބުނޭ އެމީހުންގެ އައިޑޮލް އަކީ އަދި ހަގީގީ އައިޑޮލް އަކީ ޝަލަބީއޭ. އެންމެ މޮޅީ ވެސް ޝަލަބީއޭ. ކޮބައިތަ އިހްސާސަކީ އަދި އެ ވާހަކަތައް ގަބޫލުކުރަންތަ؟

"އެންމެ މޮޅީ ޝަލަބީއޭ އެހެން ބުނާކަށް އަދި ގަބޫލުކުރާކަށް ވެސް ބޭނުމެއް ނުވޭ އެއީ އެންމެ މޮޅެއް ނުހުންނާެ. އެއްވެސްތާކު އެންމެ މޮޅެއް ނުހުންނާނެ. އެމީހެއްގެ ދާއިރާ އިން، މިސާލަކަށްމިއުޒިކްގައި ނަމަ އެކި މީހުން މޮޅުވެދާނެ އެކި ޓެކްނީކްތަކަށް ވެސް. އެކަމަކު މިސާލަކަށް ޝަލަބީޣެ ކިބައިގައި ހުރެދާނެ އެހެން މީހުންގެ ގައިގައި ނެތް ޔުނީކް ސިފައެއް ވެސް"

"ހަމަ އެގޮތަށް އެހެން ކުދިންގެ ކިބައިގައި ވެސް ހުރޭ. ބަޔަކަށް ކަމުދާ ކަމުދިއުން އެއީ އަދި މުޅިން ތަފާތު ކަމެއް. ރާއްޖޭގެ ޓޭސްޓާ މި ޓޭސްޓާ ގުޅޭ ހަމައެކަނި ގޮތްގަނޑޭ ބުނެފިއްޔާމު އެ ވާހަކަ ގަބޫލުކޮށްފާނަން. އެބަހުރި ބައެއް ލަވަކިޔުންތެރިން ވެސްޓާން ވެސް ވެފައި."

"މިސާލަކަށް ލައި. އިޝާން ނަމަ ވެސްޓާން ވެސް ވެވިދާނެ. އެކަމަކު ވެސް އެންމެ މޮޅީ ޝަލަބީއޭ ހަމަ ނުބުނާނަން."

މީހުން ބުނާ އެހެން ވާހައެއް ވެސް އެބައޮތް. އެއީ މޯލްޑިވިއަން އައިޑޮލް އަކަށް ޝަލަބީ ނުހޮވުނީ ޑިސިޕްލިން ދަށްވެގެން ކަމަށް. ޝަލަބީ ތިޔައީ ހަމަ އެހާ ވެސް އަހުލާގު ދަށް ޒުވާނެއްތަ؟

"އަސްލު ބުނާނީ އަޅުގަނޑަށް ޑިސިޕްލިން ދައްކަ ދޭން ޖެހޭނެއޭ. އުޅޭތަނެއްގައި ނަމަ އެހެން މީހުންނަކީ ވެސް ވަރަށް ޑިސިޕްލިން ބައެއްކަން ފުރަތަމަ ކަމަކަށް. އޭރުން އަޅުގަނޑު ވެސް އެ ޑިސިޕްލިންގައި ހިފަހައްޓާނަން އެ ރެސްޕެކްޓް ދީގެން."

"އަޅުގަނޑާ މީހަކު ވާހަކަ ދައްކާއިރު ވާހަކަ ދައްކަނީ އާދެ ލައްބަ ކިޔާފައި ނަމަ އަޅުގަނޑު ވެސް ވާހަކަ ދައްކާނީ އެގޮތަށް. އެކަމަކު މާރުކޭޓް ތަންތަނުގައި ވާހަކަ ދައްކާ އުސޫލުން ނަމަ އެއީ އަޅުގަނޑަކަށް ވެސް ވަކި ނޭނގޭ ބަހުރުވައެއް ނޫން އެއްވެސް ހާލެއްގައެއް."

"ޑިސިޕްލިން ދަށް މީހެކޭ އެއްގޮތަކަށް ވެސް ބުނާ ހިތް ނުވޭ އަޅުގަނޑަކީ. އެ އިންނަ މާހައުލަކަށް އެންމެ ގުޅޭ ގޮތަކަށް ދާނީ. ދާހިތްވޭ އަބަދުވެސް. އެކަމަކު ކޮންމެ މީހެއްގެ ވެސް ހުންނާނެތާ ޕާފެކްޓްނުވާ ބައެއް ސިފަތަކެއް."

އެހެންވީމަ އައިޑޮލްގެ ޝޯގައި ޑިސިޕްލިން އަށް ކިހާ ވަރެއްގެ ސަމާލުކަމެއް ދެވުނުތަ؟

"އަސްލު އޭތި ދަނީ ވަރަށް ކުރީގެ ލައިފަކަށް އަޅުގަނޑުގެ. އެއީ އަޅުގަނޑު އުޅުނީ ވަރަށް ބޭކާރު ލައިފެއްގައޭ އަޅުގަނޑު ބުނާހިތްވަނީ. ބޭކާރު ލައިފެއްގައޭ މި ބުނަނީ ދިރިއުޅުމަށް ކުރާނެ އެއްވެސް ކަމެއް ނެތިފައި، އެކަމަކު ވެސް ލާރި ހޯދަން ބޭނުންވެފައި. އެކަހަލަ ގޮތަކަށް ފުރަތަމަ އުޅެވުނީ"

"ދެން އެކި ކަހަލަ ރައްޓެހިން ތިބޭއިރު އެ މީހުންނާ ވާހަކަ ދެއްކެނީ ވެސް އެކި ގޮތްގޮތަށް. އެހާ ޑިސިޕްލިންޑް ބަޔަކާ އެކުގައި ނޫން ކަމަށް ވަނީ އަޅުގަނޑަށް އުޅެވުނީ"

"އެކަމަކު ޑިސިޕްލިން ހިފަހައްޓަންވީމަ އަޅުގަނޑަށް އޭތި ހިފަހައްޓަން ވެސް ހިފެހެއްޓޭ. އެކަމަކު ގިނަ ހާލަތްތަކުގައި، ރައްޓެހިންގެ ނުފޫޒާއި މި އިންނަ ހުރިހާ އެއްޗެއްގެ ސަބަބުންކަން ނޭނގެ އަޅުގަނޑަށް ހީވަނީ. ދެން އެކަހަލަ ސިފައެއް ވެސް ހުރެދާނެ. އެކަމަކު އަޅުގަނޑުގެ ގައިގައި ހުންނަ ސިފައެއް ނޫން އެއީކީ. ޑިސިޕްލިން މައްސަލައަކީ."

ކޮންމެއަކަސް އައިޑޮލްގެ ސަބަބުން ވަރަށް ބޮޑަށް މަޝްހޫރުވެ ގިނަ ފުރުސަތުތަކެއް ލިބެމުން ދަނީ. ދިރިއުޅުމަށް މި އައި ބަދަލަށް އެޖަސްޓްވަމުން ދަނީ ކިހާ ސްޕީޑެއްގައި ކޮން ގޮތަކަށް؟

"ތިއެއް އެކްސްޕްލެއިން ކޮށްދެއްޔާމު ބުނަން ޖެހޭނީ، މަސައްކަތްކޮށްކޮށް އެއްވެސް ތާކުންތާކު ނުޖެހުނޭ. ޑިޕެންޑް ވެވޭނެ ގޮތެއް ވެސް. މިސާލަކަށް އެއްޗެއް ހޯދާލަންވެގެން މީހެއްގެ އެހީއަކަށް މި އެދެވެނީ. އެކަމަކު ހެޔޮ އެދިގެން އަންނަ މީހުން މަދުވަނީ. މަދުވީމަ އީގޯ ބައި މާ މައްޗަށް ގޮސްގެން މިވާ އެއްޗަކީ، ޑިސިޕްލިންއެއް ނުހުންނާނެތާ އެއްވެސް ހިސާބަކުންނެއް ދެން. އެއީ އެއްވެސް ކޮޅަކުން އެއެއް އަނބުރާ ނުލިބެންޏާ"

"ޑިސިޕްލިން އެއްކޮޅުން ހިފަހައްޓަން ޖެހިއްޖެ ނަމަ ވަރަށް ބައިވަރު މައްސަލަތަކެއް ދިމާވާނެ. އެއީ އެއްބަސްވުމެއް. ކޮންޓްރެކްޓެއްގައި ސޮއިނުކުރިޔަސް ދެ ފަރާތުން އެކަކު އަނެކަކަށް ދޭ ރެސްޕެކްޓެއް ޑިސިޕްލިން އަކީ. އެހެންވީމަ ނުބުނާނަން (މި ލައިފްއަކަށް) އެޖަސްޓް ވެއްޖެއެކޭ އަދިވެސް. އެކަމަކު ވަރަށް މަސައްކަތް އެބަކުރަން އެ ލައިފަށް އެޖަސްޓްވާންވެގެން. ވަރަށް ބައިވަރު ކަންތައްތައް ދޫކޮށްލައިފިން"

"ޑިސިޕްލިން ހިފަހައްޓަން މަސައްކަތްކުރަމޭ މި ބުނަނީ، މީހުންގެ ކުރިމަތީގައި ރެސްޕެކްޓްފުލް ގޮތަކަށް އުޅެން އެބަ މަސައްކަތްކުރަމޭ މިހާރު."

ގްރޭންޑް ފިނާލޭ އަށް ފަހު ޝަލަބީ ސްޓޭޖުން ގެއްލިގެން ދިޔައީ. މެނޭޖަރާ އެކު ޝޯގެ ސްޓޭޖު ދޫކޮށް ދިޔައީ. އަދި ފަހުން އިތުރު މައްސަލަގަނޑެއްގެ ތެރެއަށް ވެސް ވެއްޓުނު. އެ ދުވަހު އަސްލު ވީ ގޮތް އަހަރެމެންނަށް ކިޔައިދީބަލަ؟

"އައިޑޮލްގެ ފިނާލޭގައި އަޅުގަނޑަށް ސްޓޭޖު ދޫކޮށްލާފައި ދެވުނީކީއެއް ނޫން. ދޫކޮށްލާފައި ދިޔައީކީއެއް ނޫން އަސްލު. އެއީ އޭގައި ބޮޑަށްވީ ގޮތަކީ އަޅުގަނޑުގެ މެނޭޖަރު އަޅުގަނޑު ގާތުގައި ބުނަނީ ޝަލަބީގެ ފޭންސް އަދި މަންމައެއް ވެސް އެހާ ހިތްހަމައެއް ނުޖެހެއޭ ޝަލަބީ މިގަޑީގައި މިތަނަކު ހުންނާކަށް. ދެން ޝަލަބީ އެހީ އެއީ ކީއްވެގެން ހެއްޔޭ. އައި އޭމް ފައިން ހިއާ އޭ"

"ކޮބައި ހެއްޔޭ މައްސަލައަކީ؟ ދެން އަޅުގަނޑު ބޮޑަށް އެކަން ސިފަކުރާ ހިތްވަނީ އަޅުގަނޑުގެ މެނޭޖަރު ވެސް މިއަށް ލި އެފޯޓަކާއި، ފޭނުން ވެސް އެ ލީ އެފަޓެއްގެ ބޮޑުކަމުން ނޭނގެ ޖަޒުބާތުގައި ޖެހުނީ. ކޮންމެ މީހެއްގެ ހަޔާތުގައި ވެސް ޖަޒުބާތުގައި ޖެހޭ ކަހަލަ ކަންތައް ހިނގާނެ. އެކަމަކު އެއީ މީހަކާ މެދު ގޯސްގޮތަކަށް ދެކިގެން ޖަޖުކޮށްފަ އެއީ މިވެނި މީހެކޭ ބުނާ ވަރުގެ މައްސަލައެއް ނޫންހެން އަޅުގަނޑަށް ހީވަނީ"

"އަޅުގަނޑަށް ވާގޮތަކީ، އަޅުގަނޑަށް ބަލާ މީހުންނަށް އަޅުގަނޑަކީ އަބަދުވެސް އެބައެއްގެ ބަސް ގަބޫލުކުރާ މީހެއް. އަޅުގަނޑު ކައިރީގައި މެނޭޖަރު ބުނި ގޮތަސް އަޅުގަނޑު ހެދީ. ވަކި އެއްވެސް މީހަކަށް ބަދު ބަހެއް ވެސް ނުބުނަން. ދަމުން ދިޔައީ އެންމެނާ ސަލާންވެސްކޮށްލާފައި."

"އެއީ އަޅުގަނޑުގެ ހިތަކު ނެތް. އަޅުގަނޑުގެ ހިތް ސާފު ހަމަ. އެކަމަކު ލާރިން އެ އެފަޓް ލުމާއި ހިތުން އެ އެފަޓް ލުން އެއީ ވަރަށް ތަފާތު ދެކަމެއް. އަޅުގަނޑުގެ މެނޭޖަރު އެ އެފަޓް ލާނީ ލާރިތަކެއް ހޭދަކޮށްގެން. އެކަމަކު އަޅުގަނޑު އެކަން ކުރާނީ މުޅިން ތަފާތުގޮތަކަށް"

"ދެރަވެދާނެ. ދެރަވި. އެކަމަކު އަޅުގަނޑު އެކަހަލަ ޖަޒުބާތެއްގައެއް ނުޖެހޭނެ."

ޕީއެސްއެމްއާ އަލުން ގުޅިގެން މަސައްކަތްކުރަމުން އަންނައިރު ކިހިނެތް މަސައްކަތްތައް ކުރިއަށް ދަނީ އަދި ލިބޭ ކުރިއެރުމަކީ ކޮބާ؟

"ވަރަށް ބައިވަރު ފުރުސަތުތައް ލިބޭ ހަގީގަތުގައި. ނަތީޖާ ނުފެންނަނީ. ފުރުސަތޭ މިކިޔަނީ މިސާލަކަށް އަޅުގަނޑުމެންގެ ވަރަށް ބައިވަރު ޝޯތަކަށް މީހުން އެބަ ގުޅުއްވާ އެކޮޅަށް. ގުޅުއްވާއިރު އަޅުގަނޑުމެންނަށް ދޭން ޖެގޭ ބްރީފިން ނުދިނުމާއި ފައިސާގެ މުއާމަލާތްކުރުމުގައި ވެސް"

"މިސާލަކަށް އަޅުގަނޑުގެ ލައިފަކީ ސްޓޭބަލް ލައިފެއް ނޫން. އެއްވެސް އިރެއްގައެއް. ގަނަތެޅުނީ. މަސައްކަތްކުރީ. އަޅުގަނޑުގެ ލެވެލް އިން"

"ވަރަށް ބައިވަރު ފުރުސަތުތައް ލިބޭ ޕީއެސްއެމްގެ ފަރާތުން. ކުދިކުދި މައްސަލަތަކެއް މި އުޅެނީ. އެކަމަކު ވާހަކަ ނުދެކެވި މަޝްވަރާގެ ބައި ރަނގަޅަށް ކުރިއަށް ނުގެންދެވޭ ނަމަ ވަރަށް ބައިވަރު މައްސަލަ ޖެހޭނެކަން ނޭނގެ ކުރިއަށް އޮތްތަނުގައި."

އަނެއްކާ މޯލްޑިވިއަން އައިޑޮލްގައި ބައިވެރިވެވުމަކީ ޝަލަބީ އެކަމަކާ ހިތާމަކުރާ ކަމެއްތަ؟ ނުވަތަ ބަންޑުންކުރުވަނީ އުފާވެރިކަމެއްތަ؟

"ތީގެ ދެކޮޅު ވެސް އެބައިނދޭ. އެއީ ދެރަވެސް ވޭ. އުފާވެސް ވޭ. އެއީ ދެރަ ވަނީ ބޮޑަށް، އަޅުގަނޑު އެހާ އުޅޭ ހިތެއް ނުވޭ ފޭމްއެއްގައި. އެއީ އަޅުގަނޑު ލާރި ހޯދަން ކުރި މަސައްކަތެއް. އެކަމަކު އޭތި ވެސް އެޕްލައިވެގެންކަން އެނގޭ އަޅުގަނޑުގެ ހަޔާތް ބާއްޖަވެރި ކުރެވެގެން އިނީ ވެސް. އޭތި އެޕްލައިކޮށްގެން ކުރިއަށް ދާން މި މަސައްކަތްކުރަނީ ވެސް"

"ދެން ހެޕީވެޔޭ މި ބުނަނީ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބި، އެކަމަކު އަޅުގަނޑުގެ ހަޔާތުގައި ހޯދަން އެންމެ ބޭނުންވާ އެއްޗަކީ ސަމާލުކަމެއް ނޫން. އެކަމަކު އަޅުގަނޑު ކުރާ ކަންތަކަށް ބައިވަރު އެހީތަކެއް ލިބޭ އަސްލު މިއަދު މޯލްޑިވިއަން އައިޑޮލްގެ ސަބަބުން."

ޝަލަބީ އާއި ޝަލަބީގެ އަޑަކީ ދިވެހި ޕޮޕް ލަވައިގެ ރަސްގެފާނު، އަލީ ރަމީޒުގެ ހަނދާންތައް އައިޑޮލްޝޯގެ ތެރެއިން ދިވެހިންގެ އުނގަށް ބަންޑުންކޮށްލި މީހެއް. ޝަލަބީގެ ލަވަކިޔުމުގެ ހަޔާތަށް އަލީ ރަމީޒު މުހިންމުވާ މިންވަރު ކިޔައިދީބަލަ؟

"މިއެއް އަސްލު ފެށިފައި މި އިންނަނީ އަޅުގަނޑުގެ ސްކޫލް ދައުރުން ފެށިގެންނޭ ބުންޏަސް، ސްކޫލް ދައުރުގެ މެދަކާ ހިސާބުން. އަޅުގަނޑަކީ ކުރިން ގުރުއާން ކިޔެވުމުގެ ފަންނުގައި އުޅުނު ކުއްޖެއް. އެކަމަކު ރާއްޖޭގައި އޭތި އިންނަނީ އެހާ ބޮޑަކަށް ފެތުރިފައެއް ނޫން. އެކަމަކު ދީނީ ނަޒަރަކުން ބަލާއިރު އެއީ އެންމެ މާތް ފޮތް."

"އެކަމަކު މިއަދުގެ ދުނިޔެއަށް ބަލައިފި ނަމަ އަޅުގަނޑުގެ ލެވެލްގައި އަޅުގަނޑު އެބަ ޖެހޭ އެހެން މަސައްކަތެއް ވެސް ކުރަން. ބޭނުންވާ ހިސާބަށް ދާން ބޭނުންވަނީ ކަމުގައިވާ ނަމަ. އެހެންވީމަ އަޅުގަނޑު އެބަޖެހޭ އެކަން ވެސް ކުރަން. ދެ ކަން ވެސް އަޅުގަނޑަށް ކުރެވިދާނެ. ގަބޫލުކުރަން، މާ އުނދަގޫ ކަމަކަށް ވެސް ހަދައިގެނެއް ނޫން އުޅެނީކީއެއް."

"ދެން އަލީ ރަމީޒަކީ އަޅުގަނޑުގެ ހަޔާތުގައި ކިހާ މުހިންމ މީހެއް ހެއްޔޭ އެހީމަ ބޭނުންވޭ ވަރަށް ހާއްސަ ޖަވާބެއް ދޭން. އެއީ އަލީ ރަމީޒެއް ނޫން އަޅުގަނޑަށް މުހިންމުވީކީ. އަޅުގަނޑަށް މުހިންމުވީ އޭނަގެ ޓެކްނީކްސް. އަޅުގަނޑު ބެލީ އޭނާ އަޅުގަނޑުމެންނާ ހަމަ އަށް ގެނެސްދީފައި ހުރި ޓެކްނީކްސްތައް ބޭނުންކޮށްގެން ވަކި ހިސާބަކަށް ދަތުރުކުރަން."

"ދެން އަޅުގަނޑަކީ ވަރަށް އިމޯޝަނަލް މީހެއް. ވަރަށް ލޯބީގައި ޖެހެން ބޭނުންވާ މީހެއް. ލޯތްބަކީ ދެން ހުރިހާ ވެސް އެއްޗަކީ ޝަލަބީ އަށް. އެއީ އެންމެ ހިތުގައި ޖެހޭ އިމޯޝަންއަކަށް ވެފައިހުރީ ވެސް ލޯބި. ދެން އެގޮތަށް ބަލާއިރު ގުޅޭ އެކަހަލަ ލަވަތަކެއް ކީފައި ހުރީ ވެސް އަލީ ރަމީޒަށް. އެކަމަކު ލޯބީގެ ވަރަށް ބައިވަރު އެހެން ލަވަތައް ވެސް އަޑުއަހަން."

ލޯބީގެ ވާހަކަ މާ ގަދަ އަށް ދެކެވުނީމަ ހަމަ އަހާލާހިތްވަނީ ލޯބީގައި މާ ކާމިޔާބު މީހެކޭ ބުނެވިދާނެ ހެއްޔޭ ތިއީ؟

"އުހޫ.... ނުބުނާނަން ލޯބީގައި އެހާ ކާމިޔާބު މީހެކޭ. ލޯބީގައި ސީދާ އެ ލަފުޒު ލޯބި، އެހާ ކާމިޔާބު މީހެކޭ އަޅުގަނޑަކީ ނެތިން އަސްލު ބުނާކަށް. އެއީ ހަޔާތުގައި އެބަހުރި ދެން ބައެއް ޗެޕްޓާތަކުގައި އަޅުގަނޑުގެ އަމިއްލަ މައްސަލައާ ހެދި، ދެން އަޅުގަނޑާ ހަމަ އަށް އެކަމެއް އައީމަ ކަންކުރަންވީ ގޮތް އަޅުގަނޑަށް ނޭނގިގެން، އޭތި ފުށުން އަރައިގެން ވަކި ގޮތަކަށް ބަދަލުވީ. އަމިއްލަ މައްސަލަތަކެއް އޭގައި ހުރެގެން. އެހެން ބުނެލާ ހިތްވަނީ."

ޝަލަބީގެ ހުނަރުވެރިކަމަށް އެއް ބަޔަކު ތައުރީފު އެއްލިއިރު އަނެއް ބަޔަކު ބުނީ މޯލްޑިވިއަން އައިޑޮލްގެ ފައިނަލަށް ޝަލަބީ އަށް ދެވުނީ ޖަޖު އައްމަޑޭ ސީދާ ޝަލަބީ އަށް ފޭވާކޮށްގެންނޭ. އައްމަޑޭ ޝަލަބީ އަށް ފޭވާކުރާ ވާހަކަ ގަބޫލުކުރަންތަ؟

"އައްމަޑޭ އަށް ޝަލަބީ އަށް ފޭވާކުރުން ދޯ؟ އެއަށް އަޅުގަނޑު ބުނެލާ ހިތްވަނީ، އަޅުގަނޑު ވަރަށް ކުރީގެ މުބާރާތެއްގައި އަޅުގަނޑަށް ދަސްކޮށްދޭ ހިތުން އައިސް އައްމަޑޭއާ ދިމާވި. ދެން އަޅުގަނޑަކީ އަޅުގަނޑަށް މީހަކު އެއްޗެއް ކިޔައިދޭން އުޅެފިއްޔާމު ވަރަށް ކަނުލާ ކަންފަތް ދޭ މީހެއް. އެއީ ކޮންމެހެން އަދި އަމިއްލަ ބޭނުމަކަށް ވެސް ނޫން. އެމީހަކަށް ވެސް ރެސްޕެކްޓެއް ދިނުމުގެ ގޮތުން"

"އެގޮތަށް ބޮޑުބެރު ޗެލެންޖުގައި އައްމަޑޭ ވެސް އަޅުގަނޑަށް އެހީވާހިތްވީކަން ނޭނގެ. ދެން އެކީގައި ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރެވި ރައްޓެހިވީ. އެގޮތަށް ގާތްވިޔަސް މޯލްޑިވިއަން އައިޑޮލްގައި އަޅުގަނޑަށް އައްމަޑޭ އެއްވެސް ވަރަކަށް ފޭވާކުރިއެކޭ އަޅުގަނޑެއް ނުބުނާނަން"

"ނުބުނާނެ ސަބަބަކީ އަޅުގަނޑު ހީނުކުރާ ވަރަށް ބައިވަރު އެއްޗެހި އެބަހުރި އަޅުގަނޑާ ދިމާލަށް ބުނެފައި. މިސާލަކަށް އަޅުގަނޑަށް އެނގޭނެ އައްމަޑޭ އަޅުގަނޑަށް ފޭވާކުރަންޏާމު. ވަރަށް ކެރިހުރެ މި ބުނަނީ އެއްވެސް ވަރަކަށް ފޭވާކޮށްފައެއް ނެތް."

މީހުން ބުނޭ ޝަލަބީ އަކީ ވަރަށް ފޮނި މީހެކޭ. މިއީ ކިހާވަރެއްގެ ތެދެއް؟

"މީހުން އަސްލު ، އަޅުގަނޑު ފޮންޏޭ އެބުނަނީ ނުވަތަ އެހެން ބުނާ ނަމަ އަޅުގަނޑު ބުނެލަން އޮތީ، އެއީ އަޅުގަނޑު ޕާސަނަލީ ނޭނގޭތީ ކަމަށް ވެދާނެއޭ އަސްލު. އެއީ އަޅުގަނޑު އަސްލު ނުވާނެ އެހާ ފޮންޏެއް. އެންމެ ފޫހިވާ އެއް ސިފައެއީ އަދި. އެންމެ ކުޑަކުޑައިރުންސުރެ ވެސް"

"ކުޑަކުޑައިރު ނަމަ ބޮޑާކަން ދެން ހުރެދާނެތާ. އެކަމަކު އަޅުގަނޑުގެ ބައްޕަ އަޅުގަނޑާ ދިމާލަށް ބުނި އެއްޗެއް ހަނދާން ހުރޭ. އަބަދުވެސް ކޮންޓްރޯލް ކުރައްޗޭ. ހަނދާންކުރައްޗޭ، ބޮޑާވެވިދާނެކަން، ފޮނި ވެވިދާނެކަން. އޭތި އަބަދުވެސް ބޮލުތެރޭގައި ބަހައްޓައްޗޭ. އޭރުން އެ ސިފަތަކުން ރައްކާތެރިވާން އެނގޭނެއޭ."

"އަސްލު ކޮންމެ މީހަކީ ވެސް ފޮނި މީހެއް، ބޮޑާ މީހެއް. އޭތި ޖެހޭނީ ކޮންޓްރޯލްކުރަން."

ޝަލަބީ އަށް އަންހެން ކުދިންގެ ހިތްތަކުގައި ދެވިފައިވާ ޖާގަ ވަރަށް ބޮޑު. ޝަލަބީ ވަރަށް ކަމުދޭ. ޝަލަބީގެ އަޑު ވެސް ވަރަށް ކަމުދޭ. އަހަރެމެންނަށް ކިޔައިދީބަލަ ޝަލަބީ އަށް އެންމެ ކަމުދާ އަންހެން ކުދިންގެ ސިފަތައް؟

"ވަކި ވައްތަރެއްގެ އަންހެން ކުދިންނެއް ކަމަކުނުދޭ. އެކަމަކު ފެނުނީމަ އެނގޭނެ ޖަޖުކޮށްލާފަ ބުނަން. މިސާލަކަށް ވާހަކަ ދެކެވުނީމަ. އަންހެން ކުއްޖެއްގެ ވާހަކަ ދެކެވޭއިރަށް އަޅުގަނޑަށް އެންމެ ފުރަތަމަ ބަލައިލެވެނީ އަޅުގަނޑަށް. ބަލައިލާފަ ލޯގަނޑު ކުރިމަތީގައި ހުއްޓިލާފަ ހިތަށް އަރަނީ އަޅުގަނޑަކީ ކާކު ހެއްޔޭ ވަކި އެހެން މީހަކު ޖަޖުކުރަން. އޭނަ މިހެން ހުރީމަ ވަކި އަޅުގަނޑަށް ކަމަކުނުދެއޭ ބުނަން. ނުވަތަ މިހެން ހުރީމައޭ އަޅުގަނޑަށް ކަމުދަނީ ބުނަން."

"އެގޮތަށް ތިމަންނަށް އެންމެ ކަމުދަނީ މި ވައްތަރުގެ އަންހެން ކުދިންނޭ ބުނީމަ އަޅުގަނޑަށް ވަރަށް ޖޯކު. އަޅުގަނޑު އަމިއްލަ ނަފުސަށް ޖޯކު ޖެހޭހެން ހީވަނީ."

އެހެންވީމަ އަންހެން ކުދިންނަށް ލޯބިން ލަވަ ކިޔައިދިނުމެއް ވެސް ނޯވޭ ދޯ؟ ލޯބިން މިހާތަނަށް އަންހެން ކުއްޖަކަށް އެގޮތަށް ހުންނާނެތަ ލަވައެއް ކިޔައިދީފައި؟

"ޝަލަބީ ލޯބިން އެގޮތަށް އަންހެން ކުއްޖަކަށް ލަވައެއް ކިޔައިދޭހިތެއް ނުވޭ އެއްވެސް ވަރަކަށް. އެއީ ލަވަ އަކީ ލޯބިން ކުރާ ކަމެއް ނޫން. އޭގައި އެ ކިޔާ އެއްޗެއްހެން ހީވަނީ ބޮޑަށް ހަނދާނުގައި ހަރުލާނީ ވެސް. ވާހަކަ ފޮތަކުން ވެސް ވާވަރު"

"އަޅުގަނޑު ކޮންމެވެސް ވަރަކަށް ލަވަ ހަދަން ވެސް ހަދަން. އެކަމަކު ކޮންމެ ކޮންމެ މީހަކަށް ރީއްޗެއް ވެސް ނުވޭ. އެއީ އަޅުގަނޑުގެ ހަޔާތުގައި ދިމާވެފައި ހުންނަ ކަމަކަށް އަޅުގަނޑު ލަވަ މި ހަދަނީ. ދެން އެ ބޭފުޅުންގެ ހަޔާތުގައި ދިމާވެފައި ނެތް ކަމަކަށް އެހާ ބޮޑު ސަމާލުކަމެއް ނުދޭނެތާ."

  • ފޮޓޯގްރެފީ: މިލްޒީރޯ
  • ސްޓައިލިސްޓް: ނޯނި
  • މޭކަޕް އާޓިސްޓް: ޖަސްޓިން
  • ވޯޑްރޯބް: ސީ ސްޕޯޓްސް، ޗެޕްސް
  • އެސިސްޓަންޓް: މަހްރީން
  • ވީޑިއީ އެޑިޓިން: އަހުމަދު ޝުރާއު
  • ހާއްސަ ޝުކުރު: ނަލަހިޔާ