ހަބަރު

ނާޒިމް ހައްޔަރުކުރީ ތަހުގީގު ނިމުނު ފަހުން ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް: ޕޮލިސް

Feb 12, 2015
2

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ކުރާ، ނުރައްކާތެރި ހަތިޔާރު ގެންގުޅުމާއި ދައުލަތާ ދެކޮޅު އަމަލެއް ހިންގަން ރޭވިކަމުގެ ތުހުމަތާ ގުޅޭ ތަހުގީގު ނިމިފައިވާ ކަމަށް ޝަރީއަތުގެ މަޖިލީހުގައި ފުލުހުން ބުނި ކަމަށް ނާޒިމްގެ ގާނޫނީ ޓީމުން ބުނި ނަމަވެސް އެއީ ދޮގު ވާހަކައެއް ކަމަށް ފުލުުހުން މިރޭ ބުނެފި އެވެ.

ނާޒިމްގެ ގާނޫނީ ޓީމުން ދެއްކި ވާހަކަތަކާ ގުޅިގެން ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ ނާޒިމްގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅޭ ތަހުގީގު އެއްކޮށް ނުނިމޭ ކަމަށާއި ފޮރެންސިކް ޕްރޮސެސްވ ެސް އެއްކޮށް ނުނިމޭކަމަށް ކޯޓުގައި ބުނެފައި ވާނެ ކަމަަށެވެ. ނަމަވެސް ނާޒިމްގެ ގާނޫނީ ޓީމުން ރޭ ބުނިގޮތުގައި ނާޒިމް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރަން ގެންދިއުމުން ފުލުހުން ވަނީ ނާޒިމްގެ ތަހުގީގު ނިމިފައިވާ ކަމަށް ބުނެފަ އެވެ. އަދި އެހެންވެ ގާނޫނީ ޓީމުން ވަނީ ނާޒިމް ހައްޔަރުކޮށްފައި ބަހައްޓަންޖެހޭ ސަބަބެއް މިހާރު ނެތް ކަމަށް ބުނެފަ އެވެ.

"މި މައްސަލައާއި ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޘިމްގެ ލީގަލް ޓީމްގެ ފަރާތުން ވަނީ މައްސަލާގައި ކަންހިނގާފައިވާ ގޮތުގެ ޙަޤީޤަތް ރައްޔިތުންނަށް އޮޅޭ ގޮތަށް މީޑިޔާތައް މެދުވެރިކޮށް މައުލޫމާތު ދީފައެވެ." ބަޔާނުގައިވެ އެވެ.

ނާޒިމްގެ މައްޗަށް ކުރަނީ ތުހުމަތެއް ކަމަށާއި އެ ތުހުމަތާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށް ފުުލުހުން ބުނި ނަމަވެސް އެއީ ކޮން މައުލޫމާތެއްކަން ފުލުހުންނަށް ބުނެ ނުދެވުނު ކަމަށް ގާނޫނީ ޓީމުން ބުނި ނަމަވެސް ފުުލުހުން ބުނި ގޮތުގައި ތުހުމަތު ކުރެވުނު މައްސަލައާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތުގެ ތެރެއިން ނާޒިމާއި އޭނާގލީގަލް ޓީމާ ޙިއްސާކުރެވެން ހުރި މައުލޫމާތު ވާނީ ޙިއްސާކޮށްފަ އެވެ. އަދި މައްސަލައެއްގެ ތަހްގީގަށް ހޯދޭ ހުރިހާ މައުލޫމާތަކީ ނާޒިމާއި އޭނާގެ ލީގަލް ޓީމަށް ހިއްސާކުރެވޭނެ މައުލޫމާތު ނޫންކަމުގައި ފުލުހުން ބުންޏެވެ.

"މިމައްސަލާގައި ފުލުހުން ލިބިފައިވާ ހެއްކާއި ޤަރީނާގެ ހުރިހާ މަޢުލޫމާތެއް ނާޒިމްގެ ޤާނޫނީ ޓީމަށް ޙިއްސާ ނުކުރިނަމަވެސް މައްސަލައާއި ގުޅިގެން އަމުރުތައް ހޯދުމަށް ކްރިމިނަލް ކޯޓަށް ހުށެހެޅި ހުށަހެޅުމުގައާއި މުއްދަތު މަޖިލީހުގައި ހުށަހަޅާފައިވާނީ ފުލުހުންނަށް ލިބިފައިވާ ތެދު މަޢުލޫމާތެވެ. އަދި މި މައްސަލައާ ގުޅިގެން ފުލުހުންގެ ފަރާތުން ފަނޑިޔާރުންނަށް ހަޤީޤަތް އޮޅޭފަދަ މަޢުލޫމާތެއް ހުށަހަޅާފައި ނުވާނެ ވާހަކަ ދަންނަވަމެވެ." ފުލުހުން ބުނެފައިވެ އެވެ.

"ނާޒިމްގެ މައްޗަށް ކުރެވިފައިވާ ތުހުމަތުން ބަރީއަވުމަށްޓަކައި ދައްކާ ވާހަކަތަކެއްގެ މައްޗަށް ހަމައެކަނި ބަރޯސާވެ، ނާޒިމް ދިރިއުޅުއްވާތަނަށް ފުލުހުން އެއްޗެއް ވެއްދިކަމަށް ބުނެ، ފުލުހުން އެތަނުގައި އަމަލުކޮށްފައިވާ ގޮތް ފެނިވަޑައިނުގަންނަވާ ބައެއް ބޭފުޅުން، އެކަންކުރީ ފުލުހުންކަމަށް ބުނެ އެއްވެސް އަސާސެއް ނެތް ވާހަކަތައް ދައްކަވައި ފުލުހުންގެ ބޮލުގައި ތުހުމަތުތަކެއް އަޅުއްވައި، ވަކި މަގްސަދެއް ހާސިލްކުރުމަށްޓަކައި ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކަމުން ގެންދާތީ" އެކަން ކުށްވެރިކުރާ ކަމަށް ބަޔާނުގައިވެ އެވެ.

އަންގާރަ ދުވަހުގެ ރޭ ނާޒިމް ހައްޔަރުކޮށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ވަނީ ބަންދަށް 15 ދުވަސް ދީފަ އެވެ. އަދި މިއަދު ވަނީ ބަންދުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.