ދުނިޔެ

މާލީގައި 250،000 ގިނަ ކުޑަކުދިން ޔަތީމުވެ ހާލުގައި ޖެހިފައި!

ހުޅަނގު އެފްރިކާގެ މާލީގެ އަސްކަރިއްޔާއިން އަލް ގައިދާ ޖަމާއަތާ ކުރަމުންދާ ދާޚިލީ ހަނގުރާމައިގައި މައިންބަފައިން މަރުވެ 250،000 އަށް ވުރެ ގިނަ ކުޑަކުދިން ޔަތީމުވެ ހާލުގައި ޖެހިއްޖެ ކަމަށް އދ. އިން ބުނެފި އެވެ.

އެހީދޭ ފަރާތްތަކުން ބުނީ ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި މާލީގައި ޔަތީމުވެފައިވާ ގިނަ ކުދިން ދިރިއުޅެމުންދަނީ މާލީ- މައުރިޓޭނިއާ ބޯޑަރު ކައިރީގައި ހުންނަ ރެފިއުޖީ ކޭމްޕްތަކުގައި ކަމަށެވެ.

މި ކޭމްޕްތަކުގައި ދިރިއުޅޭ ކުދިންނަށް އެހީތެރިވާނެ ހާއްސަ ޖަމިއްޔާ އެއްވެސް ނެތް އިރު އެކުދިން ތިބީ ހާއްސަ ރައްކާތެރި ކަމަކަށް ބޭނުންވެފައި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ކުދިން ބެލުމުގައި ހަރަކާތްރެިވާ ހުވަފަތް އަންހެނެއް ކަމަށްވާ މަރްޔާމާ ވާލްތު މަހްުމޫދު އަލްޖަޒީރާއަށް ބުނި ގޮތުގައި ބައެއް ފަހަރު އެހީގެ ބާވަތްތައް އެއްކޮށް ހުސްވެގެން ދުވަސްތަކެއް ވަންދެން ކުދިން ނުކައި ތިބެން ޖެހޭ ކަމަށާއި ކުދިންނަށް ބޭނުންވާ އަންނައުނުވެސް އެންމެ އެކަށީގެންވާ ގޮތުގައި ހޯދައި ނުދެވެ އެވެ.

މާލީގެ އާބާދީއަކީ 14.5 މިލިއަން މީހުންނެވެ. އޭގެ ތެރެއިން ބައި މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެމުންދަނީ ރެފިއުޖީ ކޭމްޕްތަކުގަ އެވެ.