ދުނިޔެ

ނޭޕާލާއި ޗައިނާ ފައިބާ އޮޕްޓިކް ކޭބަލްއަކުން ގުޅާލައިފި

ހައި ސްޕްޑީ އިންނެޓް ފޯރުކޮށްދޭން ޗައިނާއާއި ނޭޕާލްއާ ފައިބާ އޮޕޓީކް ކޭބަލްއަކުން ގުޅާލައިފި އެވެ.

ނޭޕާލްގެ ސަރުކާރުގެ މުއާސަލަތީ ކުންފުނި "ނޭޕާލް ޓެލެކޮމް" އިން ބުނީ އެ ގައުމުގެ ފައިބާ އޮޕްޓިކް ކޭބަލް ޗައިނާގެ ޓެލޮކޮމް ކޯޕަރޭޝަން ލިމިޓެޑާ ގުޅާލާފައިވާ ކަމަށެވެ. ޗައިނާއިން ފައިބާ އޮޕްޓިކް ކޭބަލްއިން ގުލާލީ ނޭޕާލްގެ ކީރޮންގް ރަށުވަގާދީގެ ބޯޑާ ޕޮއިޓް މެދުވެރިކޮށެވެ.

ޗައިނާގެ އޮފިޝަލުންނާ ހަވާލާދީ ޒިންހުއާ ނިއުސް އެޖެންސީން ބުނީ މި ބަދަލާއެކު މުއާސަލާތީ ހިދުމަތް ފޯރުކޮށްދިނުމުގައި މިހާތަނަށް ނޭޕާލް އިންޑިއާއަށް ބަރޯސާވެފައި އޮތް އޮތުން ހުއްޓިގެންދާނެ ކަމަށެވެ. މި ކޭބަލް ގާއިމު ކުރުމުން ނޭޕާލްއިން ސީދާ އޭޝިއާގެ ދެ ވަނައަށް އެންމެ ބޮޑު ޑޭޓާ ސެންޓާ ހޮންކޮންގްގެ ޑޭޓާ ސެންޓާއާ ގުޅާލެވޭނެ އެވެ.

ނޭޕާލް ޓެލޮކޮމްގެ ތަރުޖަމާން ދިލްރާމް އަދުހާރީ ވިދާޅުވީ މީގެ ދެ ހަފުތާ ކުރިން ފައިބާ އޮޕިޓިކް ކޭބަލްގެ ޓެސްޓް ސިގުނަލް ދޫކޮށްކޮށްފައިވާ ކަމަށާއި ޗައިނާއާއެކު ގާއިމު ކުރި އޮޕްޓިކް ކޭބަލް ވިޔަފާރި އުސޫލުންވެސް ބޭނުންކުރާނެ ކަމަށެވެ.

"ޗައިނާ ރޫޓްގެ ތެރެއިން، ނޭޕާލްއަށް ހޮންކޮންގްގެ ޑޭޓާ ސެންޓަރާ ސީދާ ގުޅާލެވޭނެ. މިކަމުގެ ސަބަބުން ނޭޕާލްއަށް ފެންވަރު ރަނގަޅު ހައި ސްޕީޑް އިންޓެނެޓް ފަސޭހަކަމާއެކު ލިބިގެންދާނެ،" އަދުހާރީ ވިދާޅުވި އެވެ.

ނޭޕާލްއިން މިހާތަނަށް އިންޓަނެޓް ހިދުމަތުގެ ވަސީލަތްތައް ހޯދަނީ އިންޑިއާގެ ކުންފުނި ތަކުންނެވެ.

އަދުހާރީ ވިދާޅުވީ އާ ފައިބާ އޮޕްޓިކް ކޭބަލްގެ ސަބަބުން ވާދަވެރިކަން އުފެދި، ކުރިއަށްވުރެ އަގު ހެޔޮކޮށް ނޭޕާލްގެ ރައްޔިތުންނަށް މުއާސަލާތީ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.

ނޭޕާލްޓެލޮކޮމް އިން އިތުރަށް ބުނީ ޗައިނާގެ "ޔުނިކޮމް" ކުންފުންޏާއެކު ދެ ގައުމުގެ ބޯޑަރު ގުޅުވައިދޭ ސަރަހައްދު ހުރަސްކޮށް އިތުރު ފައިބާ އޮޕްޓިކް ކޭބަލް އަޅަން ވެސް އެއްބަސްވުމުގައި ސޮއިކޮށްފައިވާނެ ކަމަށެވެ.

ޗައިނާއާއި ނޭޕާލްގެ މެދުގައި މުއާސަލާތީ ގޮތުން ޚިދުމަތް ބަދަލު ކުރުމަށް އެއެބަސްވެފައިވަނީ މިއަހަރުގެ މާރިޗް މަހު ނޭޕާލްގެ ބޮޑު ވަޒީރު ކޭޕީ ޝަރުމާ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޗައިނާގެ ބޮޑު ވަޒީރު ލީ ކީޕިއަންގްއާއެކު ބޭއްވި ރަސްމީ މަޝްވަރާތަކުގައެވެ.