ދުނިޔެ

މުސްލިމް ބްރަދާހުޑުން އުރުދުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރަނީ

މުސްލިމް ބްރަދާހުޑްގެ އުރުދުންގެ ގޮފިން އަންނަ ސެޕްޓެމްބަރު މަހު އޮންނަ އެ ގައުމުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރަން ނިންމައިފި އެވެ.

އެ ޖަމާއަތުން ކުރިން ވަނީ އުރުދުންގައި އެންމެ ފަހުން ބޭއްވި ދެ އިންތިހާބު ވެސް ބޮއިކޮޓްކޮށްފައެވެ. އެއީ 2010 އަދި 2013 ގެ މަޖިލިސް އިންތިހާބެވެ.

މުސްލިމް ބަރާދާހުޑްގެ އުރުދުންގެ ސިޔާސީ ޕާޓީ އިސްލާމިކް އެކްޝަން ފްރޮންޓް (އައިއޭއެފް)ގެ ތަރުޖަމާން މުރާދު އަދީލީ ވިދާޅުވީ، އިއްޔަ އެޕާޓީގެ ލީޑަޝިޕުން ބޭއްވި ބައްދަލުވުމުގައި ސެޕްޓެމްބަރު 20 ވަނަ ދުވަހު އޮންނަ އިންތިޚާބުގައި ވާދަ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަދީލީ ވިދާޅުވީ އުރުދުންގެ ސިޔާސީ މަސްރަހުގައި އައިއޭއެފްގެ ދައުރު އިތުރުކުރުމަށް ކުރިއަށްތަނުގައި ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.

މުސްލިމް ބްރަދާހުޑުން ވަނީ 2010 ވަނަ އހަރު އަރަބި ބައްރުގެ ގައުމުތަކަށްއައި ޑިމޮކްރެޓިކް ރިވޮލިއުޝަންގައި އުރުދުންގެ ވިރާސީ ރަސްކަމާ ދެކޮޅަށް ނިކުމެފައެވެ.

އެކަމާ ގުޅިގެން އުރުދުންގެ ސަރުކާރުން ވަނީ އުރުދުންގައި މުސްލިމް ބްރަދާހުޑްގެ ހަރަކާތްތައް މަނާކޮށްފަ އެވެ.