ރޯދަ މަހާ ރޯއްޖާ

ތަން ބަދަލުވިޔަސް "އިވްނިން ގްލޯރީ"ގެ ރަހަ ބަދަލެއްނުވި!

"އިވްނިން ގްލޯރީ" އޭ ބުނުމުން އެއީ ކޮންތަނެއް ކަން ނޭންގޭ މީހެއް ވަރަށް މަދު ވާނެއެވެ. ނޫނީ ނުވެސް ހުންނާނެ އެެވެ. އެތައް ޒަމާނެއްވެ އަމިއްލައަށް ހޮޓާ ބަންދު ކުރުމާ ހަމައަށްވެސް އެއީ އެތައް ބަޔަކަށް އެންމެ ކަމުދާ ސައި ހޮޓަލެވެ. އިވްނިން ގްލޯރީގެ މީރު، ހޫނު ހެދިކާ އެވެ. ސައިޒަށާއި ރަހަޔަށް ބަދަލު ނާންނަ އެ ރަހަތެކެވެ. ސައި ހޮޓާ ބަންދު ކުރިޔަސް ހުއްޓުމެއް ނެތި އީވްނިން ގްލޯރީ ހިނގަ އެވެ. އެވަރެއް ހަމަ ނޯވެއެވެ. އިވްނިން ގްލޯރީ ހާއްސަވެފައި ވަނީ އެތަނުގެ މަޝްހޫރު ހެދިކާއަށެވެ. ލޮނު، ހުތް ކުޅިރަހަ ހެޔޮވަރުކޮށް ހުންނަ ހުރުމަށް ދުވަހަކު ތަފާތެއް ނާދެ އެވެ. ކޮންމެ ޒަމާނެއްގައި ވެސް އީވްނިން ގްލޯރީ އަކީ އަބަދުވެސް ފުރިފައި އޮންނަ ތަނެކެވެ.

މިއަދު އިވްނިން ގްލޯރީ ހިނގަނީ ޒަމާނީ ކޮށްލާފަ އެވެ. އިވްނިން ގްލޯރީ ޓޭކް އަވޭ (އީޖީޓޭކްއަވޭ) ގެ ގޮތުގައެވެ. އަދި މިހާރު "ނިއު ގްލޯރީ ޓޭކް އަވޭ" އެވެ. މިހާރު ވެސް ނިއު އިވްނިން ގްލޯރީގެ ކިޔޫއަކަށް ބަދަލެއް ނާދެ އެވެ.

ކޮންމެ ނަމެއް ކިޔަސް އެއީ އިވްނިން ގްލޯރީ އެވެ. އެ ނަން އާންމުން ވެސް ދޫ ނުކޮށް ހިފަހައްޓަ އެވެ. އެވަރެއް ހަމަ ނެތީމަ އެވެ. އިވްނިން ގްލޯރީގެ އާއިލާ ދުރަށް ނުދާނެހެން އަބަދުވެސް އެއް ސަރަހައްދެއްގައި ހުންނަ އިވްނިން ގްލޯރީ މިހާރު ހުންނަނީ އޭޑީކޭ ބިއްދޮށު މަގުން ހެންވޭރު ދަނޑު ކައިރީ އެވެ.

މިތަނަށް ވަދެލުމާއެކު ފުރަތަމަ ލޮލުގަ އަޅައިގަތް މަންޒަރުންވެސް އީވްނިން ގްލޯރީގެ ރަހަގަނޑު ބަދަލުވުމެއް ނެތްކަން ޔަގީންވިއެވެ. ރޯދަ ވީއްލަން ހެދިކާ ގަތުމަށް މީހުން އޮތީ މަގުކޮޅަށް ކިއޫ ހަދައިލާފައެވެ. ނަމްބަރު ވެސް ނަގައިގެނެވެ. މިއީ އަސްލު އީވްނިން ގްލޯރީއަށް ވުރެ ސައިޒްގެ ގޮތުން އެތައް ތަނެއް ކުޑަ ތަންކޮޅެވެ. ނަމަވެސް ހިދުމަތުގެ ސައިޒަށް އެއްވެސް ބަދަލެއް ނާދެ އެވެ.

މި އޮތީ ނަމްބަރު ޖެހިފަ އެވެ. ހޫނު ހެދިކާތައް ތާޒާކަންމަތީ މިއޮށް ނަގައި ބަންދު ކުރަނީ އެވެ. އަދި ކުރިން ނުފެންނަ ތަފާތު ބާވަތްތަކުގެ ދިވެހި ކެއުންތައް ވެސް އަތުރާލައިފަ ހުއްޓެވެ. އެތަނުގައި ހޫނުކޮށް ހުރި ރިހަތަކަށް ބަލައިފަ ވެސް ކުޅުދިޔާވެއެވެ. މިތަނުން ސުވާލުކޮށްލި ހުރިހާ މީހުންވެސް ބުނީ ބަދަލީ ތަން ކަމަށެވެ. އަދި ބައެއް ފަހަރު ނަމަށް ގެންނަ ކުޑަ ބަދަލެއް ކަމަށެވެ. އީވްނިން ގްލޯރީއަށް ދުވަހަކު ބަދަލެއް ނާންނަ ކަމަށެވެ.

"ދެރައީ މިހާރު ހޮޓާ ނުހުންނަކަން. އަރާމުގައި އިވްނިން ގްލޯރީގައި އިނދެގެން ކައި ނުހެދޭކަން. އެކަމަކު މިހާރުވެސް މިތަނުގެ ރަހަތަކަށް އެއްވެސް ބަދަލެއް ނާދޭ. ހެދިކާތައް އެހާ މީރު އަދިވެސް. ބޮޑު ގުޅައިގެ ސައިޒަކަށް ބަދަލެއް ނާދޭ، ހަނޑު ގުޅަ، ހަމަ އެންމެ ކުރީ ދުވަހެކޭ ތަފާތެއް ނެތް... ކިޔޫގައި ހުންނަން ޖެހުނަސް މައްސަލައެއް ނެތް މި ހެދިކާތައް ކެވެނިކޮށް،" އެކަކު ބުންޏެވެ.

އިވްނިން ގްލޯރީގެ ބަޖިޔާގެ ފުއްގަނޑާއި ރަހަމީރު މަސްގަނޑުގެ ވާހަކައަކީ ވަރަށް މަޝްހޫރު ވާހަކަ އެވެ. އަދި އެންމެ ކުރިންސުރެ ވެސް ތަނުގެ ވެރިޔާ ރަހަ ބަލައި ކޮލިޓީ ޓެސްޓްކޮށްފައި ނޫނީ ދޫކޮށް ނުލާ ކަމަށް ވަރަށް ބޮޑަށް އޮންނަނީ މަޝްހޫރުވެފައެވެ.

މީގެ ސާޅީހަކަށް ކުރިން ފެށިގެން ހިނގަމުން އައި އިވްނިން ގްލޯރީ ހެދިކާއަކަށް ހަމަ އެއްވެސް ބަދަލެއް ނާންނީ ކީއްވެގެން ހެއްޔެވެ؟

މިހާރު އިވްނިން ގްލޯރީ ހިންގުމުގައި އިސްކޮށް ހުންނަ އިބްރާހިމް ރިޔާޒް ބުނީ ހަވީރު ގަޑީގައި ދުވާލަކު 300 އެއްހާ މީހުން ހެދިކާ ގަންނަންދާ ކަމަށާއި ފެންވަރު އެއްވަރެއްގައި ހިފެހެއްޓިފައި ވަނީ ޒަމާނުއްސުރެ އެކަން ކުރަމުން އައި ގޮތަށް ބަދަލެއް ނުގެނެސް އެކަން ކުރަމުން ދިއުމުން ކަމަށެވެ.

"ގާތްގަނޑަކަށް މަދުވެގެން 300 އެއްހާ މީހުން ހެދިކާ ގަންނާނެ ހަމަ އެކަނި ހަވީރުވެސް. ރޯދަ މަހު ހަވީރަށް ދެން އޮންނާނީ އަބަދުވެސް މީހުން ފުރިފައި. ހެދިކާއަކަށް ބަދަލެއް އައި ކަމަށް އަދި މިހާތަނަށް އެއްވެސް ބަޔަކު ނުބުނޭ. މިހާރުވެސް އެރަހަތައް ހުންނާނެ،" ރިޔާޒް ބުންޏެވެ.

އޭނާ ބުނީ ގޮތުގައި މިހާރު އީވްނިން ގްލޯރީގެ ހެދިކާތައް ހަމައެކަނި ކާލައިގެން އޭގެ މޮޅުވާހަކަ ދެއްކިޔަސް ފުރިހަމައެއް ނުވާނެ އެވެ. އެއީ އެތަނުގައި މިހާރު އަލަށް ހަދައި ދިވެހި ކެއުންތަކުން އެތައް ބައެއްގެ ހިތާ ކުޅެލައިފަވާތީ އެވެ. އިވްނިން ގްލޯރީގައި އެންމެ ހިނގާ އެއް ބާވަތަކީ ފިހުނު މަހާއި ގަރުދިޔައެވެ.

"ފިހުނު މަހާއި އެކީ ގަރުދިޔަ މީހުން އެންމެ ގިނައިން ނަގަނީ. ހެދިކާ ދެން އެންމެންގެވެސް ފޭވަރިޓް އެއީ އަބަދުވެސް. މިހާރު އަޅުގަނޑުމެންގެ ކައްކާ އިން ވަރަށް ރަނގަޅަށް ދިވެހި ކެއުންތައް ތައްޔާރު ކުރާނީ ވަޅޯމަސް އަޅައި ދިވެހި ރަހަގަނޑު ވަރަށް ގަދަޔަށް އަންނަ ވަރަށް. ކޮންމެއަކަސް އެވެސް ގިނަ ބަޔަކަށް އެންގެމުން ދަނީ މިހާރު،" ރިޔާޒު ބުންޏެވެ.