ހަބަރު

ރޯދަ ސުވާލުގެ ދެވަނަ ނަސީބުވެރިޔާއަށް އިނާމް ދީފި

އަގު ބޮޑު އިނާމުތަކެއް ހިމަނައި މުޅި ރޯދަ މަހަށް ބަހާލައިގެން އަވަސް އިން ކުރިޔަށް ގެންދާ "އަވަސް ރޯދަ ސުވާލު" މުބާރާތުގެ ދެވަނަ 10 ގެ އިނާމުތައް ލިބުނު ނަސީބުވެރިޔާއަށް އިނާމްތައް ހަވާލުކޮށްފި އެވެ.

މި އަހަރުގެ ރޯދަ މަހާ ދިމާކޮށް އަވަސް އޮންލައިންގެ ކިއުންތެރިންނަށް ހާއްސަ އިނާމުތަކެއް ލިބޭ ގޮތަށް ކުރިއަށް ގެންދާ ސުވާލު މުބާރާތް އޮންނާނީ ރޯދަ މަހުގެ ތިން ދިހައަކަށް ބެހިގެންދާ ގޮތަށް ނޫހުގައި ޝާއިއުކުރާ އާންމު މައުލޫމާތުގެ ސުވާލުތަކަށް އެސްއެމްއެސް މެދުވެރިކޮށް ޖަވާބުދޭ ގޮތަށެވެ.

މުބާރާތުގެ ސުވާލުތައް ރޯދައިގެ ތިން ދިހައަށް ބަހާލާފައިވާއިރު މިއަދު ކުރިޔަށް ގެންދިޔަ ފޭސްބުކު ލައިވެއްގައި ވަނީ ދެވަނަ 10 އެއްގެ އިނާމުތައް ލިބޭ ނަސީބުވެރި ފަރާތް ހޮވާފަ އެވެ. އެގޮތުން ރަނގަޅު ޖަވާބު ދިމާކުރި ފަރާތްތަކުގެ ތެރެއިން ނަސީބުވެރިއަކަށް ހޮވިފައިވަނީ، 7490405 މި ފޯނު ނަންބަރުގެ ވެރިފަރާތެވެ. އެ ނަސީބުވެރި ފަރާތަށް ލިބުނީ އީވޯއިން ދޭ "ބޯޝް" މަރުކާގެ އައިސް އަލަމާރިއަކާއި "ލޮޓަސް" އިން ދޭ ބައިސްކަލެކެވެ. އެ އިނާމް ނަސީބުވެރިޔާއަށް އިނާމް ހަވާލު ކޮށް ދެއްވީ އަވަސްގެ ޗީފް އެޑިޓަރު މުންޑޫ އާދަމް ހަލީމެވެ.

މި މުބާރާތުގެ ފުރަތަމަ 10 އެއްގެ ނަސީބުވެރިފަރާތާއި ވަނީ އިނާމްތައް ހަވާލުކޮށްފަ އެވެ. ފުރަތަމަ 10 އެއްގެ އިނާމުގެ ގޮތުގައި އަވަސް އިން ދީފައިވަނީ އީވޯ އިން ހުށަހަޅާފައިވާ ބޯޝް މަރުކާގެ ދޮންނަ މެޝިނަކާއި، ލޮޓަސްއިން ހުށަހެޅި ބައިސްކަލެކެވެ. މީގެ އިތުރުން ފަހު ދިހައެއްގައި އިނާމްގެ ގޮތުގައި އަވަސް އިން ދޭން ހަމަ ޖެހިފައިވަނީ ވޯޑްރޯބަކާއި ދެ ބައިސްކަލެވެ.

އަވަސް ރޯދަ ސުވާލު މުބާރަތުގައި ބައިވެރިވެވޭނީ އިނގިރޭސި އަކުރުގެ އާރްއެސް ޖެހުމަށް ފަހު "އޭ" "ބީ" ނުވަތަ "ސީ" ގެ ތެރެއިން ކޮންމެވެސް އެއް ޖަވާބެއް ހިޔާރުކޮށް 367 މި ނަމްބަރަށް އެސްއެމްއެސްއެއް ފޮނުވައިގެނެވެ. ދިރާގައި އުރީދޫގެ ކަސްޓަމަރުން ވެސް އެސްއެމްއެސް ކުރާނީ މި ނަމްބަރަށެވެ. މުބާރާތުގެ ސުވާލު ފެންނާނީ އަވަސްއިން ތައްޔާރުކޮށްފައިވާ "ރޯދަމަހާ ރޯއްޖާ" އެޑިޝަންގެ ތެރެއިންނެވެ.