ރޯދަ މަހާ ރޯއްޖާ

ރޯދަ ފުރަތަމަ ދިހައިގެ ހިސާބު ނަމްބަރުތައް

ރޯދަ މަހަކީ ކޮންމެ އަހަރަކު ވެސް ކުށުގެ އަދަދު މަތިވާ ދުވަސް ވަރެކެވެ. މައިގަނޑު ސަބަބަކީ ފަތިހުން ފެށިގެން ރަށު ތެރޭގައި މީހުން މަދުވުމެވެ. މުޅި ރަށް ނިދާފައި އޮތުމެވެ. މިހެންވެ، ވައްކަމާއި ފޭރުން ފަދަ ކުއްތަށް ކޮންމެ އަހަރަކު ވެސް ރޯދަ މަހު އިތުރު ވެގެން ދެ އެވެ. މި އަހަރުގެ ރޯދަ މަހުގެ ފުރަތަތަ 10 އެއް ދިޔައިރު އެންމެ ފާހަގަ ކުރެވޭ އެއް ކަމަކީ ސައިކަލް ވަގަށް ނެގުން އާދަޔާ ހިލާފަށް އިތުރުވެފައި ވުމެވެ.

ސައިކަލް ވަގަށް ނެގުމުގެ 22 މައްސަލަ

ރޯދަ މަހު ފުރަތަމަ 10 އަކަށްފަހު ފުލުހުން އާއްމުކުރި ހިސާބުތަކަށް ބަލާއިރު މަސްތުވާތަކެއްޗާއެކު 13 މީހަކު ހައްޔަރު ކުރިއެވެ. އަދި ވަގަށް ނަގައިގެން 22 ސައިކަލެއް ހޯދަން އާއްމުންގެ އެހީއަށް އެދުނެވެ. ތިން މީހަކު ހޯދަން އާއްމުންގެ އެހީއަށް އެދިފައިވާއިރު މާރާމާރީ އާއި ގުޅުން ހުރި ދެ މައްސަލައެއް ފުލުހަށް ހުށަހެޅި އެވެ.

މަސްތުއަވާތަކެތި ހުރި 14 ޕެކެޓް ފުލުހުން ނެގި އިރު ހުޅުމާލެއިން 60 ފުޅި ބަނގުރާ އަތުލި އެވެ. މީގެ އިތުރުން މާރާމާރީ ހިންގުމުގެ މައްސަލައަކާއި މީހަކު ރަހީނު ކުރުމުގެ މައްސަލައަކާއި، ފޭރުމުގެ މައްސަލަ ފުލުހަށް ހުށަހެޅި އެވެ.

ޓްރެފިކް ގަވައިދާ ހިލާފުވުން 1600 އަށްވުރެ ގިނަ

ރޯދަ މަހު ބުރު ޖެހުމާއި ބާރަށް ދުއްވުމުގެ ރެކޯޑެއް އޮވެ އެވެ. އަދި ޓްރެފިކުގެ މައްސަލަަތައް ވެސް ރޯދަ މަހު އިތުރު ވެގެން ދެ އެވެ. ޓްރެފިކް ގަވާއިދާ ހިލާފުވި ކަމުގެ 1698 މައްސަލައަކަށް ފުލުހުން ވަނީ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެޓެންޑުވެފަ އެވެ. އެގޮތުން 776 ސައިކަލެއް ގަވާއިދާއި ހިލާފަށް ޕާކުކޮށްފައި ހުރުމުން ސްޓިކާ ޖެހި އެވެ. އަދި 417 އެއްގަމު އުޅަނދެއް މަޑު ކުރުވައި ފާސް ކުރި އިރު ލައިސަންސް ނެތި ދުއްވި 57 މައްސަލައެއް ފާހަގަވި އެވެ. ލައިސަންސް ނެތް އެ ފަރާތްތަކަށް ވަނީ ފިޔަވަޅު އަޅައިފަ އެވެ.

ފުރަތަމަ 10 ދުވަހުގައި 18 އަހަރު ނުވާ ދެ ކުއްޖަކު ސައިކަލް ދުއްވަނިކޮށް ފުލުހުން އެ ކުދީން ހުއްޓުވި އެވެ. އަދި ކަނޑައެޅިފައިވާ ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވި 14 މީހަކަށް ފިޔަވަޅު އެޅި އެވެ.

އެކްސިޑެންޓުތަކަށް ބަލާއިރު 56 އެކްސިޑެންޓް ހިނގައި 11 މީހަކަށް ވަނީ އަނިޔާވެފައި ވެ އެވެ. އަދި އެކްސިޑެންޓްތަކާއި ގުޅިގެން 16 މީހެއްގެ ލައިސަންސް ހިފެހެއްޓި އެވެ. އެކްސިޑެންޓް ތަކަށް މަގުފަހިވާ ގޮތަށް ސައިކަލު ދުއްވައިގެން 49 ފަރާތަކަށް ފިޔަވަޅު އެޅި އެވެ. އޭގެ ތެރޭގައި ސައިކަލު ދުއްވަމުން ދުންފަތުގެ އިސްތިއުމާލު ކުރި ފަސް މީހަކާއި ދުއްވަމުން ފޯން ބޭނުންކުރި 31 މީހަކު ހިމެނެ އެވެ.

ދެން ފިޔަވަޅު އަޅައިފައިވަނީ ގަވާއިދާ ހިލާފަށް ލޭން ބަދަލުކުރި ނުވަ ފަރާތަކަށާއި ކަފިހިހުރަހަށް މަޑުނުކޮށް ދިޔަ ހަތަރު މީހަކަށެވެ. ރޯދަ މަހުގެ ފުރަތަމަ ދުވަހު ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެފައި ވެއެވެ. ހުޅުމާލޭގައި ދުއްވާފައި ދިޔަ ބަހެއްގެ ދަށުވެ މަރުވީ ޔޫކްރެއިންގެ ޓޫރިސްޓެކެވެ.

ހެލްމެޓާ ގުޅުން ހުރި 18 މައްސަލައެއްގައި ފިޔަވަޅު އަޅަން ޖެހުނެވެ. މުދާ އުފުލުމުގައި ގަވާއިދާ ހިލާފުވި 14 ފަރާތަކަށް އަދި ގަވާއިދާ ހިލާފަށް ނަމްބަރު ޕްލޭޓް ހަރުކޮށްގެން ދުއްވި ފަސް ފަރާތަކަށް ވެސް ފިޔަވަޅު އެޅި އެވެ.

ހެލިކޮޕްޓަރުގައި ފަސް މީހަކު މާލެއަށް

ސިފައިން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އަލިފާނުގެ ހާދިސާއެއް ހިނގާފައި ވެ އެވެ. އަދި ކަނޑު މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު މަސްތުވާތެކެތި އަތުލައިގަތުމަށް ފުލުހުންނާއެކު ބޮޑު އޮޕަރޭޝަނެއް ހިންގި އެވެ. އަތޮޅުތަކުގެތެރެ އިން އިތުރު ފަރުވާއަށް ބޭނުންވާ ފަސް މީހަކު ހެލިކޮޕްޓަރުގައި މާލެ ގެނަ އެވެ.

ރޯދަ މަހުގެ ފުރަތަމަ ދިހައިގެ ތެރޭ މާލޭ ސަރަހައްދުން ތިން ފަހަރަކު ކަރަންޓް ކެނޑުނެވެ. ކަރަންޓުގެ ހިދުމަތް ދެމުންދޭ ފެނަކައިން ވަނީ އަތޮޅުތަކުގެ ތެރޭގައި ދިމާވާ ކަރަންޓުގެ ކެނޑުމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން 14 ރަށަކަށް ޖަނަރޭޓް ގެން ގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްފަ އެވެ.