އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ މާސީގެ އަބަދުވެސް މަގުސަދަކީ އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިވުމެވެ. އެގޮތުން އެކި ދާއިރާތަކުން މާސީގެ ހިދުމަތް ދަނީ އާންމުންނަށް ލިބެމުންނެވެ. މީގެތެރެއިން މާސީގެ އެންމެ ފާހަގަކުރެވޭ މަސައްކަތަކީ ރޯދަ މަހާ ދިމާކޮށް ކުރިއަށް ގެންދާ "ހަދިޔާ ވަށި" ޕްރޮގްރާމެވެ. އެ ޖަމިއްޔާ އިން ވަނީ ކުރިއަށް އޮތް ރަމަޟާން މަހު ވެސް ހަދިޔާ ވަށި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފަ އެވެ.
މިއީ މާސީގެ ހަދިޔާ ވަށި ޕްރޮގްރާމް ބާއްވާ ތިން ވަނަ އަހަރެވެ. 2019 ވަނަ އަހަރު މާސީން ފެށި ހަދިޔާ ވަށި ޕްރޮގްރާމަކީ ނިކަމެތިންނާއި ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިވެ ސަދަގާތް ކުރަން ފަށާފައިވާ ކެމްޕޭނެކެވެ.
މާސީ ޖަމުއްޔާގެ ރައީސް އިބްރާހިމް އާޚިރް ވިދާޅުވީ މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ރޯދައިގެ މާތް މައްސަރުގައި ސަދަގާތް ކުރަން ބޭނުންވާ މީހުން ކުރާ ސޮދަގާތް އޭގެ ހައްގުވެރި ފަރާތްތަކަށް ރައްދުކޮށްދިނުމަށް އެހީތެރިވެދިނުން ކަމަށެވެ.
އާޚިރް ވިދާޅުވީ އެންމެ ފުރަތަމަ އަހަރާ އަޅާބަލާއިރު ހަދިޔާ ވަށި ޕްރޮގްރާމަށް ބޮޑެތި ކުރި އެރުންތަކެއް އައިސްފައިވާ ކަމަށެވެ. އަދި 2019 ވަނަ އަހަރު މާސީ އިން އެންމެ ފުރަތަމަ ހަދިޔާ ވަށި ޕްރޮގުރާމް ފެށީ 250 ރުފިޔާގެ ހަދިޔާ ވައްޓަކުން ކަމަށާއި ނަމަވެސް އެ އަހަރުގެ ރޯދައިގެ ފަހު ދިހައަކަށް ދިޔައިރު ކޮންމެ އާއިލާ އަކަށްވެސް 1000 ރުފިޔާގެ ހަދިޔާ ވައްޓެއް ފޯރުކޮށްދެވުނު ކަމަށެވެ. ފުރަތަމަ އަހަރު މާސީ އިން އެހީތެރިވެދީފައި ވަނީ 30 އާއިލާ އަކަށެވެ. އެ އަހަރުގެ ހަދިޔާ ވަށި ޕްރޮގުރާމުގައި އެހީތެރި ވެދިނީ ޖަމިއްޔަތުއް ސަލަފުގެ ފަގީރުންގެ ލިސްޓަށް ބަލައި އެ ލިސްޓުގައިވާ 30 އާއިލާ އަކަށެވެ.
ޖެހިގެން އައި 2020 ވަނަ އަހަރަށް ބަލާއިރު މާސީ އިން 35 އާއިލާ އަކަށް 1210 ރުފިޔާ ފޯރުކޮށްދީފައިވެ އެވެ. ހަދިޔާ ވަށީގެ ބަދަލުގައި އެ އަހަރު ރުފިޔާ ދީފައިވަނީ މާލެ ލޮކްޑައުން ކޮށްފައި އޮތުމުންނެވެ. މިދިޔަ އަހަރު މާސީ އިން ވަނީ ހަދިޔާ ވައްޓަށް އެދެން ފޯމެއް ފުރަން ހުށަހަޅާފަ އެވެ. އެގޮތުން މާސީ އަށް ލިބުނު ފޯމުތައް ދިރާސާކުރަން ހަ މީހުންގެ ޓީމެއް ވަނީ ނަގާފަ އެވެ. އެ ޓީމުގެ ބޭނުމަކީ މާސީގެ ހަދިޔާ ވަށްޓަށް އެދޭ ފަރާތަކީ އެކަމަށް ހައްގުވެރި ފަރާތެއްތޯ ކަށަވަރުކުރުމާއި ފޯމުގެ ސައްހަކަން ބެލުމެވެ.
މާސީގެ މި އަހަރުގެ ހަދިޔާ ވަށި ސްޕޮންސާ ކުރުމުގެ ފުރުސަތާއި މިކަމުގައި އެހީތެރިވުމަށް ބޭނުންވާ މީހުންނަށ އެ ޖަމިއްޔާއިން މިހާރު ވަނީ ހުޅުވާލާފަ އެވެ. އަދި ހަދިޔާ ވައްޓަށް ބޭނުން ޖެހިފައިވާ މީހުން އެކަމަށް އެދި ހުށަހެޅުމަށްވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ. މި އަހަރުވެސް މާސީ އިން 30 އާއިލާ އަކަށް އެހީތެރިވާން ވަނީ ނިންމާފަ އެވެ. އަދި ފޯމުތައް ދިރާސާ ކުރަން 20 މީހުންގެ ޓީމެއް ވެސް މިހާރު ވަނީ އެކުލަވާލާފަ އެވެ.
"މިއަހަރު މިމަސައްކަތް ކުރަނީ ހަދިޔާ ވަށި ބޭނުންޖެހިފައިވާ މީހުންނަށް ސީދާ ހަދިޔާ ވަށި ދިނުމަށް. ނަމަވެސް ހާލަތު ނިޔާކުރާ ގޮތަކުން ބޭނުންޖެހިފައިވާ މީހުންނަށް ފައިސާ ވެސް ފޮނުވަންޖެހިދާނެ،" މާސީގެ ރައީސް އާޚިރް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާސީ އަކީ އިޖުތިމާއީ ހިދުމަތެއް ކުރާ އަމިއްލަ ޖަމިއްޔާ އަކަށް ވާތީ އެ ޖަމިއްޔާގެ މަސައްކަތްތަކަށް ވީހާވެސް ގިނަ ބައެއްގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެއީ ކިތަންމެ ކުޑަ އެހީތެރިކަމެއް ނަމަވެސް އެ ޖަމިއްޔާ އިން ބަލައިގަންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ހަދިޔާ ވަށްޓަށް އެދި ހުށަހަޅާ ފޯމު މާސީގެ ފޭސްބުކް ޕޭޖުން ލިބޭނެ ގޮތް މިހާރު ވަނީ ހަމަޖައްސާފަ އެވެ.
ހަދިޔާ ވަށި ޕްރޮގުރާމުގައި ރޯދަ މަހުގެ ކޮންމެ ދުވަހަކު ވެސް ކޮންމެވެސް އެއް އާއިލާއަކަށް "ހަދިޔާ ވަށި" ގަނޑެއް ލިބިގެންދާނެ އެވެ.