ވިލާތުގެ އިއްތިހާދު، އީޔޫ އިން އިނގިރޭސިވިލާތް ވަކިވާނަމަ އޭގެ އަސަރު އެ އިއްތިހާދުގައި ހިމެނޭ 27 ގައުމަށްވެސް ކުރާނެ ކަމަށް ސްވިޑެންގެ ހާރިޖީ ވަޒީރު މާގޮޓް ވޯލްސްޓްރޯމް ވިދާޅުވެއްޖެ އެވެ.
މާގޮޓް މިހެން ވިދާޅުވެފައިމިވަނީ އިނގިރޭސިވިލާތުން އެގައުމު އީޔޫގައި އޮންނަން ފެނޭތޯ ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް މިމަހުގެ 23 ގައި ބޭއްވުމަށް ތައްޔާރު ވަމުން ދަނިކޮށެވެ.
މާގެޓް ވޯލްސްޓްރޯމް ވިދާޅުވީ، 23 ވަނަ ދުވަހު ނަގާ ވޯޓަކީ، އީޔޫގެ އެހެން ގައުމުތަކަށް، އިއްތިހާދު ދޫކޮށްލުމަށް ލިބޭ ހިތްވަރެއް ކަމަށާއި އޭގެ އަސަރު ވަރަށް ފުންކޮށް މުޅި އިއްތިހާދަށް ކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އިނގިރޭސި ވިލާތް އިއްތިހާދުގައި ދެމިތިބޭނަމަ، އެއީ އެހެން ގައުމުތަކަށްވެސް ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ.
"ތެދެއް އިނގިރޭސި ވިލާތުން ވަނީ، އިއްތިހާދުގައި ދެމިތިބުމާމެދު ޔޫނިއަންއާ މަޝްވަރާކޮށްފަ. ނަމަވެސް އެއީ އެހެން ގައުމުތަކަށްވެސް އެހުށަހެޅުން ހުށަހަޅަން ލިބޭ ފުރުސަތެއް. އެގައުމުތައް ބުނާނެ، މިގޮތަށް ހުށަހެޅުމަށް ތިމަންނާ މެންނަށް އޮންނަން ޖެހޭނީ ކޮން ހުރަހެއްތޯ،" ވޯލްސްޓްރޯމް ވިދާޅުވި އެވެ.
އީޔޫގައި އިނގިރޭސިވިލާތް ދެމިއޮތުމާ މެދު ނަގަމުންދާ ނަތީޖާ އިން ދައްކާ ގޮތުން ކުރި ލިބެނީ އީޔޫއިން ވަކިވުމަށެވެ.
އެގޮތުން އިނގިރޭސިވިލާތުގެ ސަންޑޭ ޓައިމްސްގައި އިއްޔެ ޝާއިއުކޮށްފައިވާ ޕޯލްތަކުގެ ނަތީޖާތައް ދައްކާގޮތުން، އީޔޫއިން ވަކިވުމަށް 43 ޕަސަންޓް މީހުން ތާއީދު ކުރެ އެވެ. އަދި އީޔޫގައި ދެމިތިބުމަށް ތާއީދު ކުރަނީ 42 ޕަސަންޓް މީހުންނެވެ. އިނގިރޭސި ވިލާތުން އީޔޫ ވަކިވާތީ، އެއިއްތިހާދުގެ ކައުންސިލްގެ ރައީސް ޑޮނަލްޑް ޓަސްކް ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އޭނާ ވިދާޅުވީ އީޔޫ އިން ވަކިވުމަށް އިނގިރޭސިން ނިންމައިފިނަމަ، ވޭތުވެދިޔަ ހަތް އަހަރު އީޔޫއާއެކު އިނގިރޭސި ގާއިމުކޮށްފައިވާ ކަންކަތައްތައްވެސް ނިމުމަކަށް އަންނާނެ ކަމަށެވެ.
އިއްތިހާދުގެ ހުރިހާ ގައުމެއްގައި ވެސް ފައިސާގެ ގޮތުގައި 'ޔޫރޯ' ބޭނުން ކުރާއިރު އިންގިރޭސިވިލާތުގައި މިހާރުވެސް ބޭނުން ކުރަނީ އެގައުމުގެ ޕައުންޑެވެ.