ދުނިޔެ

"ކުރީގެ ސަރުކާރުގެ ކޮރަޕްޝަން ބަލަން ހާއްސަ ކޯޓެއް ބޭނުން"

Jun 13, 2016

ޝްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ބޭނުމީ ވަކީ ޚާއްސަ ކޯޓެއް ކަމަށް ލަންކާގެ ވެސްޓަން ޑިވްޕަލްމެންޓް މެގަޕޮލިސް މިނިސްޓަރު ޗަމްޕިކާ ރަނަވަކާ ވިދާޅުވެއްޖެ އެވެ.

ރާޖަޕަކްސަގެ ކޮރަޕްޝަން މައްސަލަތައް ބަލަން ކޯޓުތަކުން ހުރަސްތައް ކުރިމަތި ކުރުވާ މައްސަލައިގައި ވާހަކަދައްކަމުން ރަނަވަކާ ވިދާޅުވީ ރާޖަޕަކްސަންގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް އޮތް ހުރަހަކީ އެކަމުގައި ތުހުމަތު ކުރެވޭ އޭރުގެ ސަރުކާރުގެ އިސް އޮފިޝަލުން ކޯޓްގެ މަރުހަލާއިން ސަލާމަތްވާ ސަލާމަތްވުން ކަމަށެވެ. އަދި ކޯޓްތަކުގެ ތެރެއިން އޭރުގެ ސަރުކާރުގެ އިސް އޮފިޝަލުން ހައްޔަރު ނުކުރެވޭ ނަމަ އޭރުގެ ކޮރަޕްޝަންގެ މައްސަލަތަކަށް އިންސާފު ހޯދައި ނުދެވޭނެ ކަމަށް ވެސް ރާޖަޕަކްސަ ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން މައްސަލަތައް ކޯޓަށް އެބަ ހުށަހަޅަން. އެހެން ނަމަވެސް އެމީހުން (ރަޖަޕަކްސާގެ ކުރީގެ ސަރުކާރުގެ އޮފިޝަލުން) ކޯޓްގެ މަރުހަލާގެ ތެރެއިން އެބަ ސަލާމަތްވޭ. ނުވަތަ މަތީ ކޯޓަކަށް މައްސަލަ ހުށަހަޅައިގެން ހައްޔަރުން ދޫ އެބަވޭ، އެހެންވެ އެމީހުންގެ ކޮރަޕްޝަންގެ މައްސަލަތައް ހުއްޓުވޭނީ އެކަމަށް ވަކި ހާއްސަ ކޯޓެއް ހަދައިގެން،" ރަނަވަކާ ވިދާޅުވި އެވެ.

މިހާރުގެ ރައީސް މައިތިރިޕަލާ ސިރިސޭނާގެ ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން ވީ އެންމެ ބޮޑު އެއް ވައުދަކީ ރާޖަޕަކްސާގެ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަން މައްސަލަތަކުގައި ހިމެނޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް ޝަރީއަތް ތަންފީޒު ކުރުމެވެ. ލަންކާގެ މިހާރުގެ ސަރުކާރުން މީގެ ކުރިން ވަނީ ރާޖަޕަކްސާގެ އާއިލާގެ އެތަށް ބަޔަކު ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ. ނަމަވެސް މަތީކޯޓްތަކަށް ހުށަހެޅި އިސްތިއުނާފްގެ މައްސލަތަކުގައި ކޯޓުތަކުންވަނީ އެމީހުން މިނިވަންކޮށްފަ އެވެ.

ރަނަވަކާ ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތަކަށް ފިޔަވަޅު އެޅުމާ ބެހޭ ވައުދު ތަންފީޒު ކުރުމަށް ލަންކާގެ ސަރުކާރަށް ކުރެވެން އޮތް ކަމަކީ މައްސަލަތައް ޝަރީއަތައް ފޮނުވުން ކަމަށެވެ. ލަންކާ ސަރުކާރުންވަނީ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ތަހްގީގު ކުރުމަށް ފައިނޭންޝިއަލް ކްރައިމް ޕޮލިސް ޔުނިޓެއް ގާއިމުކޮށްފަ އެވެ.