ހަބަރު

ޕީޖީ އޮފީހުގެ ހަތް ވަނަ ގޮފި ލ.ގަމުގައި ހުޅުވައިފި

Feb 12, 2015
1

ޕްރޮސިކިއުޓާ ޖެނެރަލް (ޕީީޖީ) އޮފީހުގެ ހަތް ވަނަ ގޮފި ލ.ގަމު ތުނޑީ އަވަށުގައި މިއަދު ހުޅުވައިފި އެވެ.

މިއަދު ބޭއްވި ރައްމިއްޔާތެއްގައި އެތަން ހުޅުއްވައިދެއްވީ ލ.ގަމު ދާއިރާގެ މެންބަރު ފައްޔާޒް އިސްމާއިލް އެވެ. މި ރަސްމިއްޔާތުގައި ޕީޖީ މުހްތާޒް މުހްސިން އާއި އެ އޮފީހުގެ އިސް ވެރިން ބައިވެރިވެ ވަޑައިގަތެވެ.

ލ.އަތޮޅުގައި މިއަދު ހުޅުވި "ހައްދުންމަތި ގޮފި"ގެ އިތުރުން މި އަހަރު ނ.މަނަދޫގައި ވެސް ޕީޖީ އޮފީހުގެ ގޮއްޕެއް ހުޅުވަން ވަނީ ހަމަޖައްސައިފަ އެވެ. ހައްދުންމަތި ގޮފީގައި އިދާރީ މުވައްޒަފަކާއި ކޭސް އޮފިސަރެއްގެ އިތުރުން ޕްރޮސިއުޓަރަކު ހުންނަވާނެ އެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި މި އޮފީހުގައި ދެ ޕްރޮސިއުޓަރަކު ތިއްބަވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި އޭގެ ފަހުން ތ.އަތޮޅުގެ މައްސަލަަތައް ވެސް މި އޮފީހުން ބެލޭނެ ކަމަށް ބުންޏެވެ.

އަތޮޅު ތެރޭގައި މިހާރު ހުންނަނީ ޕީޖީ އޮފީހުގެ ހަ ގޮއްޕެކެވެ. އަދި ހދ. އަތޮޅާއި ބ. އަތޮޅުގެ އިތުރުން ށ. އަތޮޅާއި ގދ. އަތޮޅުގެ އިތުރުން ގއ. އަތޮޅު އަދި އައްޑޫގަ އެވެ. މީގެ ކުރިން ޏ. ފުވައްމުލަކުގައި ވެސް ވަކި ގޮއްޕެއް ހުރި ނަމަވެސް އައްޑޫ ގޮއްޕާއި ފުވައްމުލަކުގައި ހުންނަ ގޮފި މިހާރު ވަނީ އެއްކޮށްލައިފަ އެވެ.