ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ހޮޓެލްސް އަށް ސެޓްލްމަންޓް އެގްރީމަންޓްތަކުގެ ދަށުން ދޫކޮށްފައިވާ ފަޅުތަކުގެ އެގްރީމެންޓް ބާތިލް ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ދީފައިވާ ނޯޓިސް އަށް އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.
މި މަހުގެ ފަސް ވަނަ ދުވަހު ދިން ނޯޓިސްއާ ގުޅިގެން ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުން ކުރި ދައުވާއާ ގުޅިގެން ނެރުނު ވަގުތީ އަމުރުުގައި ބުނެފައި ވަނީ ހިމާޔަތް ލިބެންޖެހޭ މައުލޫއީ ހައްގެއް ދައުވާކުރާ ފަރާތަށް ލިބިގެން ނުވާ ކަމަށް ދައުލަތުން ބުނި ނަމަވެސް ދެ ފަރާތުގެ ދެމެދުގައި ބަދަލުކޮށްފައިވާ މުއާމަލާތްތަކާއި ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު މި މައްސަލާގައި ވިލާގެ ހައްގެއް އޮތުމުގެ އިހުތިމާލް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އެބަ އޮތް ކަމަށެވެ.
ވިލާ އަށް ދީފައި ވަނީ ތ. އެލާ އާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާ އާއި ކ. މާދިއްގަރުފަޅާއި ކ. ބޮލިދުއްފަރުފަރާއި ކ. ވާވެއްދިއްފަޅު އަދި އެ ރަށްތަކާ ގުޅިގެން ކުއްޔަށް ދީފައިވާ ފަޅުތައް ކަމަށް ޓޫރިޒަމުން ކުރިން ބުނެފައި ވެ އެވެ.
"ދައުވާގައި ބުނެފައިވާ ފަޅުތަކާ ގުޅޭ ގޮތުން އެއްވެސް މުއާމަލާތެއް ކޮށްފައިވާ ނަމަ އެ މުއާމަލާތެއް ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް ދައުވާ ލިބޭ ފަރާތަށާއި ދައުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްތަކަށް އަންގައި އަމުރުކޮށްފީމެވެ."
ސަރުކާރު ކޯލިޝަނުން ވަކިވެ އިދިކޮޅު އެމްޑީޕީއާ އެކު މަސައްކަތް ފަށާފައިވާ ގާސިމަށް ދީފައިވާ ފަޅުތަކެއް ދައުލަތަށް ނަގަން ނޯޓިސް ދިނުމުގެ އިތުރުން ކުލި ނުދައްކާ ރިސޯޓްތަކަކަށް ވެސް ވަނީ ކުލި އަދާކުރުމަށް މުހުލަތު ދީފަ އެވެ.