ފްރާންސްގެ ފުލުހުންގެ އިދާރާގައި މަސައްކަތް ކުރާ ދެމަފިރިއަކު މަރާލުމަކީ ޓެރެރިސްޓް ހަމަލާއެއް ކަމަށް ފްރާންސްގެ ރައީސް ފްރަންސްއާ އޮލާންޑޭ ވިދާޅުވެއްޖެ އެވެ.
ރޭ ދަންވަރު ވެރިރަށް ޕެރިހުގައި ފުލުހުންގެ އިދާރާގައި މަސައްކަތް ކުރާ އޮފިސަރާއި އޭނާގެ އަންހެން މަރާލަފައިވަނީ އެ ދެމަފިރިން ދިރިއުޅޭ ގޭގެ ތެރެއިންނެވެ. އޭގެ ފަހުން ފްރާންސްގެ ފުލުހުންގެ ޕްލޮޓް ގުރޫޕުން ވަނީ އެގެއަށް ވަދެ އެ ދެމަފިރިންގެ ދަރިފުޅު ސަލާމަތްކޮށްފަ އެވެ.
މިހާދިސާއާ ގުޅިގެން މިއަދު ހެންދުނު ބޭއްވި ބައްދަލުވުމަށްފަހު އޮލާންޑޭ ވިދާޅުވީ ފުލުހުގެ އިދާރާގައި މަސައްކަތް ކުރި ދެމަފިރިން މަރާލީ ސީދާ ޓެރަރިސްޓް ގުރޫޕަކާ ގުޅުން އޮތް ދެމީހުން ކަމަށެވެ.
ހަމަލާ ދިންތާ އެއް ގަޑިއިރު ފަހުން އިސްލާމިކް ސްޓޭޓްގެ ނަމުގައި ހަރަކާތްތެރިވާ ޓަރަރިސްޓް ގުރޫޕުން ވަނީ އެ ހަމަލާގެ ޒިންމާ އުފުލާފައެވެ.
އިރާގްގެ "އަމަޤް" ނިއުސް އެޖެންސީ މެދުވެރިކޮށް އައިއެސްއިން އާންމު ކުރި އޯޑިއޯ މެސެޖެއްގައި ބުނެފައިވަނީ ފްރާންސްގެ ލެސް މިއުރެސް ވިލެޖްގެ ފުލުހުންގެ ސްޓޭޝަންގެ އިންޗާޖާއި އޭނާގެ އަންހެނުން މަރާލާފައިވާ ކަމަށާއި، އެދެމީހުން މަރާލަފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ކަމަށްވެސް އައިއެސްގެ އޯޑިއޯ މެސެޖުގައި ބުނެފައިވެއެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން މިހަމަލާ ދިން މީހާއަކީ މީގެ ކުރިން ޓެރަރިސްޓް ހަމަލާއެއް ދޭން އުލޭ ކަމުގެ ތުހުމަތުގައި ފްރާންސްގެ ފުލުހުން ހައްޔަރު ކުރި މީހެކެވެ.