ދުނިޔެ

ކޯރަކުން އެރި ކިނބުލެއް ދެ އަހަރުގެ ކުއްޖަކު ޖަހައިގެންފި

އެމެރިކާގެ، ފްލޮރިޑާގެ، ޑިޒްނީ ގްރޭންޑް ރިސޯޓްގައި އާއިލާއާ އެކު ޗުއްޓީ ހޭދަކުރަމުން ދިޔަ ދެ އަހަރުގެ ކުއްޖަކަށް ބޮޑު ކިބުލެއް ހަމަލާދީ އެ ކުއްޖާ ޖަހައިގަނެގެން ގެންގޮސްފި އެވެ.

ކިބޫ އާއިލާގެ އެންމެ ބޮޑެތި އަދި ނުރައްކާތެރި ވައްތަރު ކަމަށްވާ އެލިގާޓާއެއް އެ ކުއްޖާއަށް ހަމަލާދީ ޖަހައިގަނެގެން ގެންގޮސްފައި ވަނީ، ޑިޒްނީ ރިސޯޓާ އިންވެގެން އޮންނަ، ސެވަން ސީސް ލެގޫން ކޯރު ކައިރީގައި ރޭ 9:20 އެހާކަން ހާއިރު އޭނާގެ މައިބަފައިންނާ އެކު ކުޅެން އުޅެނިކޮށެވެ. ފްލޮރިޑާގެ ފުލުހުން ބުނީ، އެ ކިބޫ ދެ އަހަރުގެ ކުއްޖާ ޖަހަގަނެގެން ގެންދަން ފެށުމުން، އޭނާގެ ބައްޕަ ކުއްޖާ ސަލާމަތް ކުރުމަށް ދަރިފުޅުގެ އަތުގައި ހިފައި ދަމައި ހެދި ކަމަށެވެ. އެހެން ނަމަވެސް ކިނބުލުގެ ތޫނު ތައްތަކުގެ ތެރެއަށް ލައި ކުއްޖާ ފިއްތާލާފައި އޮތުމުގެ ސަބަބުން ބައްޕަގެ މަސައްކަތް ކާމިޔާބެއް ނުވި އެވެ.

ކުއްޖާ ހޯދުމުގެ މަސައްކަތް ހެލިކޮޕްޓަރާއި ޑައިވަރުން ކޯރުގެ ތެރެއަށް އެރި، ހުއްޓާނުލައި ކުރަމުން އަންނަ އިރު އެ ކުއްޖާ އަދި ފެނިފައެއް ނުވެ އެވެ. ކޯރުގެ އެކި ސަރަހައްދުތައް ބަލައި ހޯދަމުން އަންނައިރު ފުލުހުން ބުނަނީ، އިރުއެރުމުގެ ކުރިން ކުއްޖާ ހޯދޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

އެ ކުއްޖާ ޖަހައިގަނެގެން ގެންދިޔަ ކިބުލުގެ ބޮޑުމިނުގައި ހަތް ފޫޓު ހުރި ކަމަށް ކުއްޖާގެ ބައްޕައާ ހަވާލާދީ ފުލުހުން ބުނެ އެވެ. އެ ސަރަހައްދަކީ މީގެ ކުރިން ކިނބޫ ފެނިފައިވާ ސަރަހައްދެއް ނޫނެވެ. އަދި ޑިޒްނީ ރިސޯޓަށް އަންނަ އާއިލާތަކުން އެ ކޯރަށް އާންމުކޮށް އެރި އުޅެ އެވެ.

ފްލޮރިޑާ ފިޝް އެންޑް ވައިލްޑްލައިފް ކޮންޒަވޭޝަން ކޮމިޝަނުން ބުނާގޮތުގައި އެމެރިކާގެ 67 ސަރަހައްދަކުން އެލިގޭޓާ ފެނިފައިވެ އެވެ. އަދި އޭގެ އާބާދީ ބޮޑުވަމުންދާކަމަށެވެ.