ދުނިޔެ

ކޮރަޕްޝަންގެ ތުހުމަތުތަކާ ހެދި ޓޯކިޔޯގެ ގަވަރުނަރު އިސްތިއުފާދީފި

Jun 15, 2016

ދައުލަތުގެ ފައިސާއިން އަމިއްލަފުޅު ކަންކަކަމަށް ހަރަދު ކުރައްވާ ކަމުގެ ތުހުމަތުތަކާ ގުޅިގެން ފާޑު ކިޔުންތައް އަމާޒުވި ޖަޕާނުގެ ޓޯކިޔޯގެ ގަވަރުނަރު ޔޮއީޗީ މަސޫޒޯ އިސްތިއުފާ ދެއްވައިފި އެވެ.

ޖަޕާނުގެ މީޑިއާގައި ބުނެފައިވަނީ ދައުލަތުގެ ފައިސާ އިން އަމިއްލަފުޅު ޗުއްޓިއަށާއި، ދަރިންނަށް ޖޯކް ފޮތްތަކާއި ކޮމިކް ފޮތްތައް ބައްލަވައިގަތުމަށް މަސޫޒޯ ޚަރަދު ކުރައްވާފައިވާ ކަމަށެވެ.

މި ތުހުމަތުތަކާ ގުޅިގެން އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓް ނެގުމަށް ޖަޕާނުގެ ކެޕިޓަލް އެސަމްބްލީގައި މިއަދު ވޯޓް ނަގާނެއެވެ. ބެލޭވޭ ގޮތުގައި އޭނާގެ އިތުބާރު ނެތް ކަމަށް އެސްމްބްލީއިން ފާސްވާނެ އެވެ.

ރިޕޯޓްތައް ބުނެފައިވަނީ މަސޫޒޯގެ އިސްތިއުފާ އާއި ކުރެވޭ ތުހުމަތުތަކާ ގުޅިގެން ޖަޕާނުގެ ބޮޑު ވަޒީރު ސެންޒޯ އަބޭގެ ލިބްރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) އަށް އަންނަ ޖުލައި 10 ގައި ބާއްވާ ކައުންސިލް އިންތީޚާބުގައި ޓޯކިޔޯގެ ގަވަރުނަރުގެ ގޮނޑި ކާމިޔާބު ވުމުގެ ފުރުސަތު ކުޑަ ކަމަށެވެ. މަސޫޒޯއަކީވެސް އެލްޑީޕީގެ މެންބަރެކެވެ.

މަސޫޒޯ އިސްތިއުފާ ދެއްވުމުން އޭނާ ވެފައިވަނީ މިދިޔަ ތިން އހަރު ތެރޭ ޓޯކިޔޯގެ ގަވަރުނަރުކަމުން އިސްތިއުފާ ދެއްވި ދެވަނަ ގަވަރުނަރަށެވެ. ކުރިން 2013 ވަނަ އަހަރު ގަވަރުނަރު ކަމުގައި ހުންނެވި ނައޯކީ އިނޯސް ވެސް އިސްތިއުފާ ދެއްވީ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެންނެވެ.

އެއަށްފަހު މަސޫޒޯ ގަވަރުނަރު ކަމަށް ވަޑައިގެން އޭނާ ވިދާޅުވީ، ޓޯކިޔޯގެ އެޑްމިނިސްޓްރޭޝަންގެ ތެރެއިން ކޮރަޕްޝަން ފިލުވާލައްވާނެ ކަމަށެވެ.