ބޭރު ކުޅިވަރު

ފުލުސް ކޮމާންޑަރަކު މަރާލައިފި. އަޔަލޭންޑް ޓީމުގެ ސެކިއުރިޓީ ވަރުގަދަކޮށްފި

އައިސިސް ޖަމާއަތަށް ތާއީދު ކުރާ ބަޔަކު އަޔަލޭންޑް ޓީމު ފްރާންސްގައި ތިބޭ ހޮޓަލާ ކައިރީގައި ފުލުހުންގެ ކޮމާންޑަރަކު މަލާރުމާ ގުޅިގެން އެ ޓީމުގެ ސެކިއުރިޓީ ވަރުގަދަކޮށްފި އެވެ.

ޕޮލިސް ކޮމާންޑަރާއި އޭނާގެ އަންހަނުން މަރާނީ ތިން އަހަރުވީ އެދެމަފިރިންގެ ދަރިފުޅުގެ ކުރިމަތީގަ އެވެ. މިހާދިސާ ހިނގީ އަޔަލޭންޑް ޓީމު ޓްރެނިން ކޭމްޕާ 30 މޭލު ދުރުގަ އެވެ. ހަމަލާގެ ޒިންމާ ނަގާފައިވަނީ އައިސިސް ޖަމާއަތުންނެވެ. ހަމަލާދީފައިވާ މީހާގެ ނަމަކީ ލަރޯސީ އަބާލާ އެވެ. މިހަމަލާ ދީފައި އޭނާ ސަލާމަތްވި ނަމަވެސް އޭނާ އަށް އެހީތެރިވި ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ހަމަލާގެ ކުރިން އޭނާ ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ހަމަލާދޭން ބޭނުންވާ ކަމާއި ދެވަނަ ފަހަރަށް ހައިިރާންކުރުވަނިވި ކަމެއް ޔޫރޯގައި ފެންނާނެ ކަމުގެ އިންޒާރު ފޭސްބުކް މެދުވެރިކޮށްދީފަ އެވެ.

ހަމަލާއާ ވިދިގެން އަޔަލޭންޑް ޓީމުގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާއިރު އެ ޓީމުގެ ތަޖުރިބާކާރު ކީޕަރު ޝޭގިވަން ބުނީ މިއީ ފުޓްބޯޅަ މުބާރާތެއްގައި އަބަދު އެމީހުން ވަށައިގެން ފުލުހުން ތިބޭ ފުރަތަމަ ފަހަރު ކަމަށެވެ.

އޭނާ ބުނީ ފްރާންސްގައި ހުރިހާ ޓީމަކަށް ވެސް އޮތީ ވަރަށް އުނދަގޫ މާހައުލެއް ކަމަށާއި ފުލުހުން އެމީހުންނާއެކު ކޮންމެ ތަނަކަށް ވެސް ދާ ކަމަށެވެ.

"ބައެއް ފަހަރު ދަތުރުކޮށްފައި ދާއިރު ފުލުހުން ކުއްލިއަކަށް ފުންމާލާނެ. އެވަގުތުތަކުގައި ހިތުގައި ބިރުވެރިކަން އުފެދޭ. އެކަމަކު ފަހުން އެނގެނީ އެމީހުން އުޅެނީ ޓްރެފިކް ބާރުބޮޑުވުމުން އެކަން ހައްލުކުރަންކަން،" ގިވަން ބުންޏެވެ.

ފްރާންސްގައި މިހާރު ވެސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ. އެއީ މިދިޔަ ނޮވެމްބަރު މަހު ފްރާންސާއި ޖަރުމަނު ކުޅުނު އެކުވެރިކަމުގެ މެޗަށް ހަމަލާދިނުމަށް ރާވައި ވެރިރަށް ޕެރިހުގެ އެކި ހިސާބުތަކުގައި ގޮއްވާލުމުންނެވެ. ދަނޑާ ކައިރީގައި ވެސް ގޮއްވާލި އެވެ. މިހަމަލާގެ ޒިންމާ އައިސިސް ޖަމާއަތުން ނަގާފައިވާއިރު ޔޫރޯ އަކީ އެމީހުންގެ ޓާގެޓެއް ކަމަށް ވެސް ވަނީ އިއުލާނުކޮށްފަ އެވެ. ފްރާންސްގައި މިހާރު ވެސް އިނގިރޭސިންނާއި ރަޝިޔާގެ ސަޕޯޓަރުންގެ މެދުގައި އިންތިހާ އަށް ދަނީ ތަޅާފޮޅުން ހިނގަމުންނެވެ.