ދުނިޔެ

ގެއްލިފައިވާ މިސްރުގެ ފްލައިޓުގެ ބައިތަކެއް މެޑިޓެރޭނިއަން ކަނޑުން ފެނިއްޖެ

މިދިޔަ މަހުގެ 19 ވަނަ ދުވަހު މެޑިޓެރޭނިއަން ކަނޑަށް ވެއްޓުނު މިސްރުގެ މަތިންދާ ބޯޓް "އެމްއެސް 804" ގެ ބައިތަކެއް މެޑިޓެރޭނިއަން ކަނޑުން ފެނިއްޖެ ކަމަށް އެހާދިސާ ތަހުގީގް ކުރާ ފަރާތްތަކުން ބުނެފި އެވެ.

އެ ހާދިސާ ތަހުގީގް ކުރާ ފަރާތްތަކުން ނެރުނު ބަޔާނެއްގައި ބުނީ މަތިންދާބޯޓުގެ ގިނަ ބައިތަކެއް އައިޑެންޓިފައި ކުރެވިފައިވާ ކަމަށެވެ.

މިސްރުން ފުރައިގެން ފްރާންސަށް ދަތުރު ކުރަމުންދިޔަ ބޯޓުގައި ތިބި 60 މީހުންވެސް ވަނީ އެ ހާދިސާގައި މަރުވެފަ އެވެ. މިހާދިސާއަށް ފަހު ފްރާންސް އެއާ އެކްސިޑެންޓްގެ އިންވެސްޓިގޭޝަން ކޮމިޓީގެ ތަހްގީގު ޓީމު ހިމެނޭ ބޯއްޓަކުން ވަނީ މެޑިޓެރޭނިއަން ކަނޑަށް، ފުން ކަނޑުގެ އަޑިންވެސް އަޑު މެދުވެރިކޮށް މައުލޫމާތު ހޯދާ ޑިވައިސްއެއް ފައްތައިންގެ ކަޅުފޮށީގެ ސިގްނަލް ހޯދަން މިމަހު އެއްވަނަ ދުވަހުވެސް މަސައްކަތްކޮށްފައެވެ. ނަމަވެސް ބޯޓް އޮތީ ކަނޑުގެ ކިހާ ހިސާބެއްގައި ކަމެއް އަދި ކިހާ ފުންމިނެއްގައިކަމެއް ވެސް ހޯދިފައެއް ނުވެއެވެ.

މިސްރުގެ ތަހްގީގު ޓީމުން ބުނެފައިވަނީ ބޯޓު ވެއްޓުމުގެ ކުރިން 90 ޑިގްރީއަށް ވާތް ފަރާތަށް އެނބުރުނު ކަމަށާއި އަދި އެއަށްފަހު 360 ޑިގްރީއަށް ކަނާތްފަރާތަށް އެނބުރުނު ކަމަށް ރާޑަރުގެ އެންމެ ފަހު ސްކްރީންތަކުން ދައްކާ ކަމަށެވެ. އެ ޓީމުގެ ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ އެމެރިކާގެ ދަތުރުފަތުގެ ހާދިސާތަކުގެ ތަހްގީގު ޓީމުން ތަހްގީގު ޓީމާ ގުޅެން ހުށަހަޅާފައިވާ ކަމަށެވެ.

ބަޔަކު ގަސްތުގައި ވައްޓާލިކަމަށް ބެލެވޭ ބޯޓް ވެއްޓުމުގެ ކުރިން، މަސައްކަތްކޮށްފައިވަނީ ބޯޓް ހައިޖެކް ކުރުމަށް ކަމަށް މިސްރުގެ ތަހްގީގު ޓީމުން ވަނީ ބުނެފަ އެވެ.