ދުނިޔެ

ކިނބޫ ޖަހައިގަނެގެން ގެންދިޔަ ކުއްޖާގެ ހަށިގަނޑު ފެނިއްޖެ

މިދިޔަ އަންގާރަ ދުވަހު އެމެރިކާގެ، ފްލޮރިޑާގެ، ޑިޒްނީ ގްރޭންޑް ރިސޯޓްގައި އާއިލާއާ އެކު ޗުއްޓީ ހޭދަކުރަމުން ދަނިކޮށް ބޮޑު ކިނބުލެއް އައިސް ހަމަލާދީ ގެންދިޔަ ދެ އަހަރުގެ ކުއްޖާގެ ހަށިގަނޑު ފެނިއްޖެ އެވެ. އެކުއްޖާގެ ހަށިގަނޑުކަން ޔަގީން ކުރަން މިހާތަނަށް އެއްވެސް ޓެސްޓެއް ހަދާފައި ނުވި ނަމަވެސް ފުލުހުން ވަނީ އެއީ އެކުއްޖާގެ ހަށިގަނޑުކަން ކަށަވަރުވާ ކަމަށް ބުނެފަ އެވެ.

އެކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ އެކުއްޖާ ގެންދިޔަ ކަމަށް ބުނާ ކޯރު ކަމަށްވާ ސެވަން ސީސް ލެގޫންގައި ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ޑައިވަރުންނަށެވެ. އޭރު އެކުއްޖާ އޮތީ މަރުވެފަ އެވެ.

ލޭން ގްރޭވްސް ނަމަކަށް ކިޔާ އެ ފިރިހެން ކުއްޖާ ކިނބޫ ޖަހައިގަނެގެން ގެންގޮސްފައިވަނީ ޑިޒްނީ ރިސޯޓާ އިންވެގެން އޮންނަ، ސެވަން ސީސް ލެގޫން ކޯރު ކައިރީގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ 9:20 އެހާކަން ހާއިރު އޭނާގެ މައިބަފައިންނާ އެކު ކުޅެން އުޅެނިކޮށެވެ. ފްލޮރިޑާގެ ފުލުހުން ބުނީ، އެ ކިބޫ ދެ އަހަރުގެ ކުއްޖާ ޖަހަގަނެގެން ގެންދަން ފެށުމުން، އޭނާގެ ބައްޕަ ކުއްޖާ ސަލާމަތް ކުރުމަށް ދަރިފުޅުގެ އަތުގައި ހިފައި ދަމައި ހެދި ކަމަށެވެ. އެހެން ނަމަވެސް ކިނބުލުގެ ތޫނު ދައްތަކުގެ ތެރެއަށް ލައި ކުއްޖާ ފިއްތާލާފައި އޮތުމުގެ ސަބަބުން ބައްޕަގެ މަސައްކަތް ކާމިޔާބެއް ނުވި އެވެ.

އެ ކުއްޖާ ޖަހައިގަނެގެން ގެންދިޔަ ކިބުލުގެ ބޮޑުމިނުގައި ހަތް ފޫޓު ހުރި ކަމަށް ކުއްޖާގެ ބައްޕައާ ހަވާލާދީ ފުލުހުން ބުނެ އެވެ. އެ ސަރަހައްދަކީ މީގެ ކުރިން ކިނބޫ ފެނިފައިވާ ސަރަހައްދެއް ނޫނެވެ. އަދި ޑިޒްނީ ރިސޯޓަށް އަންނަ އާއިލާތަކުން އެ ކޯރަށް އާންމުކޮށް އެރި އުޅެ އެވެ.

ފްލޮރިޑާ ފިޝް އެންޑް ވައިލްޑްލައިފް ކޮންޒަވޭޝަން ކޮމިޝަނުން ބުނާގޮތުގައި އެމެރިކާގެ 67 ސަރަހައްދަކުން އެލިގޭޓާ ފެނިފައިވެ އެވެ. އަދި އޭގެ އާބާދީ ބޮޑުވަމުންދާކަމަށެވެ.