ހަބަރު

ސްޓެލްކޯގެ ޗެއާމަންކަމުގައި ސިނާން ތިން ދުވަހު، އަނެއްކާވެސް އެމްޓީސީސީއަށް

މީގެ ތިން ދުވަސް ކުރިން އެމްޓީސީސީ ޑިރެކްޓަރުންގެ ބޯޑުން ވަކިކޮށް ސްޓެލްކޯގެ ޗެއާމަން ކަމަށް ބަދަލު ކުރެއްވި ސިނާން އަލީ އަނެއްކާވެސް އެމްޓީސީސީ ބޯޑަށް ބަދަލުކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން މިނިންމުން ނިންމާފައިވާ ކަން ކަށަވަރުވެފައިވީ ނަމަވެސް އަނެއްކާވެސް ސިނާން އެމްޓީސީސީ ބޯޑަށް ބަދަލުކުރީ ކީއްވެ ކަމެއް ސާފެއް ނުވެއެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ސިނާން ވަނީ އޭނާ ސްޓެލްކޯގެ ޗެއާކަމުގައި ހުންނަވަން ހިތްހަމަ ނުޖެހޭ ވާހަކަ ރައީސްއަށް ދަންނަވައިފަ އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން ފަހަކަށް އައިސް ވަނީ ސަރުކާރު ކުންފުނިތަކުގެ ބޯޑަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ކުރިން އެމްޓީސީސީގެ ސީއީއޯ ކަމުގައި ހުންނެވި އިބްރާހިމް އަބްދުއް ރައްޒާގް ހަލީމް މިހާރު ވަނީ އެމްއާރްޑީސީގެ ސީއީއޯ ކަމަށް ބަދަލުކޮށްފަ އެވެ. އަދި އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ޒިޔަތު ވަނީ އެމްޓީސީސީގެ ސީއީއޯގެ މަގާމަށް ހަމަޖައްސާފަ އެވެ.