ހުޅުމާލެ

ދުއްވާފައި ދިޔަ ސައިކަލަކުން ވެއްޓުނު މީހަކަށް ފަރުވާ ދެނިކޮށް މަރުވެއްޖެ

ހުޅުމާލޭގައި ދުއްވާފައި ދިޔަ ސައިކަލަކުން ވެއްޓުނު މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެއްޖެ އެވެ.

މަރުވެފައިވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ ހުޅުމާލެ ނިރޮޅު މަގުގައި ހުންނަ އެމްޑަބްލިއުއެސްސީ ކައިރިން ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން މިމަހުގެ ފަސްވަނަ ދުވަހުގެ މެންދަމު 3:26 ހާއިރު އެ މައުލޫމާތު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ސައިކަލް ދުއްވި މީހާއަށް އަނިޔާވެގެން ފަރުވާ ދިނުމަށް ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އަދި އިތުރު ފަރުވާއަށް ފަހުން އޭޑީކޭއަށް ބަދަލުކޮށްފައިވެ އެވެ.

މި މީހާ މަރުވީ އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށް މިމަހުގެ ހަވަނަ ދުވަހު މެންދަމު 12:50 ހާއިރު ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

އެކްސިޑެންޓެއްގައި މަރުވި މީހެއްގެ މައުލޫމާތު ހިއްސާކުރުން އެއް ހަފްތާއަށް ފަސްވެގެން ދިޔައީ ކީއްވެގެންތޯ އެހުމުން ފުލުހުން އެ ސުވާލަށް ޖަވާބު ދީފައެއް ނުވެ އެވެ. ނަމަވެސް މިމައްސަލަ އަދިވެސް ތަހުގީގުކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.