މޯލްޑިވްސް ޕޮލިސް ސާވިސް

މަރުވެފައި އޮއްވާ ފެނުނީ ޖަލުން މިނިވަންކުރި މީހެއް

ސިފައިންނާއި ފުލުހުންގެ އާއިލާތައް ދިރިއުޅެން ހާއްސަކޮށްފައިވާ ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގައި މަރުވެފައި އޮއްވާ ފެނުނު މީހަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނިކޮށް ދޫކޮށްލާފައިވާ މީހެއް ކަމަށް އެނގިއްޖެ އެވެ.

ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގައި މަރުވެފައި އޮއްވާ ފެނުނީ ގދ. ހޯޑެއްދޫ، ހައްމާދު ސައީދު (30 އ) ކަމަށް އެނގިފައިވެ އެވެ. އޭނާ މިދިޔަ އަހަރު ޖަލުން މިނިވަން ކުރި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައެވެ.

ފުލުހުން މިމައްސަލަ ތަހުގީގު ކުރަމުންދާތީ މަރުވި މީހާގެ އެއްވެސް މައުލޫމާތެއް އެ އިދާރާ އިން އަދި ހާމައެއް ނުކުރެ އެވެ.

މަރުވެފައި އޮއްވާ ފެނުނީ ހައްމާދު ކަމާއި އޭނާއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމެއް ތަންފީޒު ކުރި މީހެއް ކަމަށް ހޯޑެއްދޫ ބައެއް މީހުންގެ ފަރާތުން އަވަސް އަށް ވަނީ ޔަގީންކުރެވިފަ އެވެ.

ފުލުހުން ބުނީ މި މީހާ މަރުވެފައި އޮތީ މިވަގުތު އެއްވެސް ބަޔަކު ބޭނުންކުރާ އެޕާޓްމަންޓެއްގައި ނޫން ކަމަށެވެ. އަދި މިމަރުގެ ހަގީގަތް ދެނެގަތުމަށް ފުލުހުން މިހާރު ވަނީ މަރުވި މީހާގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ނިންމާފަ އެވެ.