ޑރ. މުހައްމަދު މުއިއްޒު

މުވާސަލަތުގެ ޒަމާނީ ރަސްމަގަށް ރާއްޖެ ހުޅުވާލާނަން: ރައީސް

މުވާސަލަތުގެ އެންމެ ޒަމާނީ ރަސްމަގަށް ރާއްޖެ ހުޅުވާލާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ މުވާސަލާތާއި މައުލޫމާތުގެ ދާއިރާގެ ދުވަހު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ މުވާސަލަތުގެ އެންމެ ޒަމާނީ ރަސްމަގަށް ރާއްޖެ ހުޅުވާލުމުގެ އިތުރުން ދިވެހިންގެ ހުނަރާއި އުފެއްދުންތަކަށް ދުނިޔޭގެ މާރުކޭޓުތަކުން އާމްދަނީ ހޯދޭނެ ފަހިކުރާނެ ކަމަށެވެ.

މުވާސަލަތުގެ އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގައި މާލީ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ރައީސް މުއިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި މުހިއްމު ކަންތައްތަކެއް ކުރުމަށް ހިމަނާފައިވެ އެވެ. އެގޮތުން ރައީސް މުއިއްޒުގެ ވެރިކަމުގައި ޑިޖިޓަލް ވޮލެޓް ހިމެނޭހެން އޮންލައިންކޮށް ފައިސާ ޓްރާންސްފާ ކުރެވޭ ޕްލެޓްފޯމްތަކުން މުޢަމަލާތް ކުރެވޭ ގޮތް މިހާރު ވަނީ ހަމަޖައްސާފަ އެވެ.

އީ-ވޮލެޓުގެ ހިދުމަތާއި ޕޭޕަލް ފަދަ ޒަމާނީ ވަސީލަތްތައް ރާއްޖެއަށް ތައާރަފް ކުރުމަށްވެސް ސަރުކާރުން ދަނީ ކަމާ ގުޅޭ ފަރާތްތަކާ އެކު މަސައްކަތްތަކެއް ކުރަމުންނެވެ.