ހަބަރު

"ޝަރުތަކާ ނުލާ ރައީސް ޔާމިންއަށް 2018 ގެ ޓިކެޓު ދޭން ޖެހޭ"

ދެހާސް އަށާރައިގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން އެއްވެސް ޝަރުތަކާ ނުލާ ރައީސް ޔާމިން އަށް ޓިކެޓު ދޭން ޖެހޭ ކަމަށް މޯލްޑިވިސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ލީޑަރު، އަލީ މައުރޫފް އިން ވިދާޅުވެއްޖެ އެވެ.

"އަވަސް"އާ ވާހަކަދައްކަވަމުން އެމްޑީއޭގެ ނައިބު ލީޑަރު، އަލީ މައުރޫފް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމިންއާ ވާދަ ކުރެއްވި ހުރިހާ ބޭފުޅުން ވަނީ ފެއިލް ވެފައި ކަމަށާއި އެގޮތުން މުހައްމަދު ނަޝީދާއި މުހައްމަދު ވަހީދުގެ އިތުރުން ގާސިމް އިބްރާހިމް ވެސް ވަނީ ފެއިލްވެފައި ކަމަށެވެ. އަދި ރައީސް ޔާމީންގެ ދައުރުގައި މިއަދާ ހަމަޔަށް އައިރު ރާއްޖެއަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އޭގެ ސަބަބުން ރައީސް ޔާމިން ދެވަނަ ދައުރަކަށް ވެސް ޓިކެޓު ދޭން ޖެހޭ ކަން ރައްޔިތުންވެސް ގަބޫލު ކުރައްވާ ކަމަށް މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ ދުނިޔޭގެ ތަހުޒީބީ ގައުމުތަކުގައި ވެސް ރިޔާސީ ދައުރެއް ނިމި އަނެއް ދައުރަކަށް އެ ރައީސް ޝައުގުވެރިކަން ހުރި ނަމަ ޕްރައިމެރީއެއްގައި ވާދަ ނުކޮށް އެމީހަކަށް ޓިކެޓު ދޭ ކަމަށެވެ. އެހެން ކަމުން ޕީޕީއެމް އިން ވެސް އަމަލު ކުރާނީ އެފަދައިން ކަން ގަބޫލު ކުރައްވާ ކަމަށް މައުރޫފް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިއަދު ކޯލިޝަން ސަރުކާރެއް އޮތް އިރު ޕީޕީއެމް އިން އައްޔަން ކުރައްވާފައިވާ ރައީސްއެއް މިހާރު އެ ހުންނަނީ. އެހެންވީމައި އެ ރައީސް މިހާ ހިސާބަށް އައިއރު އެހާ ކާމިޔާބު ކަމާ އެކީ ގެންދިޔައީމަ ދެވަނަ ދައުރަކަށް އެމަނިކުފާނުގެ ޝައުގުވެރިކަން ހުރި ނަމަ އެއްވެސް ޝަރުތަކާ ނުލާ ދޭން ޖެހޭނެ ޓިކެޓު. އަޅުގަނޑު ގަބޫލެއް ނުކުރަން ޕްރައިމެރީއެއް ބާއްވަން ޖެހޭ ކަމެއް ކަމަކަށް އެއީ،" މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ ގޮތުގައި ރައީސް ޔާމީންގެ ޒައާމަތުގައި ރާއްޖެ އިން ހޯދައިފަވާ ކުރިއެރުންތަކުން ޕީޕީއެމްއަށާއި އެމްޑީއޭ ވަރަށް ބޮޑެތި ޝަރަފުތައް ލިބިފައިވެ އެވެ. އެހެންކަމުން ޕީޕީއެމްގެ ތެރޭގައި ވެސް ރައީސް ޔާމިންއަށް ޓިކެޓު ދިނުމާ ބެހޭގޮތުން ބަހުސްތަކެއް އޮންނާނެކަން ގަބޫލު ނުކުރައްވާ ކަމަށް މައުރޫފް ވިދާޅުވި އެވެ.