ހަބަރު

ހުޅުމާލޭގެ ޒަމާނީ ބަނދަރު ހެދުމަށް އެޗްޑީސީއާ އެކު އެމްޕީއެލުން ސޮއިކޮށްފި

ހުޅުމާލޭގެ ބަނދަރު ތަރައްގީކުރުމާ ބެހޭ ރަސްމީ އެއްބަސްވުމުގައި ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަނާއި އެމްޕީއެލް އިން މިއަދު ސޮއިކޮށްފި އެވެ.

ހުޅުމާލޭގައި ރަނގަޅު ފެންވަރެއްގެ ބަނދަރެއް އެޅުމުގެ މަސައްކަތް މިހާތަނަށް ރަސްމީކޮށް އިއުލާނުކޮށްފައި ނެތަސް، އެޗްޑީސީއާއި އެމްޕީއެލް ގުޅިގެން އެ މަސައްކަތް ފަށާފައިވާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.

މިއަދު އެޗްޑީސީގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައިމަން ވިދާޅުވީ، ރަނގަޅު ފެންވަރެއްގެ ޒަމާނީ ޕޯޓެއް ގާއިމްވެގެންދިޔުމަކީ ހުޅުމާލެ ތަރައްގީއަށް ލިބިގެންދާނެ ވަރަށް ބޮޑު ތަރައްގީއަކަށް ވާނެ ކަމަށެވެ. ބަނދަރާއި އެކު ހުޅުމާލޭގެ ތަރައްގީއަށް އިތުރު ކަންތައްތަކެއް އަންނަ އިރު، ރަނގަޅު ފެންވަރެއްގެ ޕޯޓެއް ގާއިމްވެގެން ދިއުމަކީ، މެކްރޯ އިކޮނޮމިކް ވިސްނުމަކުން ވިސްނާއިރުވެސް ގިނަ ފައިދާތަކެއް ހުޅުމާޅެ ރައްޔިތުންނަށް ލިބޭނެ ކަމެއް ކަމަށް ސައިމަން ވިދާޅުވި އެވެ. ޕޯޓާއި ގުޅިގެން ހުޅުމާލެއިން ވަޒީފާގެ އިތުރު ފުރުސަތުތަކެއް އުފެދިގެންދާނެ ކަމަސް ސައިމަން ވިދާޅުވި އެވެ.

"މި ޕޯޓް ޕްރޮޖެކްޓަށް ބަލާއިރު އެއްބަސްވުމާ އެކު ވަރަށް ގިނަ ވަޒީފާތަކެއް އުފެދިގެންދާނެ، ހުޅުމާލޭގެ ތެރައްގީގެ ޕްލޭން ކުރިއަށް ގެންދިއުމުގައި އެންމެ ބޮޑު އިސްކަމެއްދޭ އެއް ކަންތަކީ ވެސް ވަޒީފާ އުފެއްދުން،" ސައިމަން ވިދާޅުވި އެވެ

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ، ހުޅުލެ އެއާޕޯޓަށް އަންނަ ބަދަލާއި އެކު ގިނަ މުދާތައް ކްލިއާކުރުމުގައި ވެސް ހުޅުމާޅެ ބަނދަރު މުހިއްމު ދައުރެއް އަދާކުރާނެ ކަމަށެވެ. މާލޭގެ ބަނދަރުތައް މިހާރުވެސް ތޮއްޖެހި ވިޔަފާރިވެރިންނަށް ގިނަ ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށާއި ހުޅުމާލެ ބަނދަރު ހެދުމުން މާލެއިން މިހާރު ކްލިއާކުރާ ގިނަ އަދަދެއްގެ އުޅަނދުތައް ހުޅުމާލެ ބަނދަރަށް ކްލިއާ ކުރެވޭނެ ކަމަށެވެ.

ޖުނައިދު ވިދާޅުވީ ހުޅުމާލޭގެ ބަނދަރުގައި ހެޔޮ އަގުގައި ކުއްޔަށް ދޫކުރާ ކޯލްޑް ސްޓޯރޭޖެއްވެސް ގާއިމްކުރާނެ ކަމަށެވެ.

"މާލޭގެ ބަނދަރުތައް ވަނީ ތޮއްޖެހިފައި. ބްރިޖް އެޅިގެން ދިޔައިމަ މާލޭގެ ބައެއް ވިޔަފާރިވެރިންނަށް ވެސް މި ސްޓޯރޭޖް ތަކުގައި މުދާ ބެހެއްޓޭނެ،" ޖުނައިދު ވިދާޅުވި އެވެ.

މާލޭގެ ބަނދަރު ބޭނުންކުރާ ގިނަ ވިޔަފާރިވެރިންނަށް މިހާރުވެސް ގިނަ ދަތިތަކެއް ދިމާވަމުންދާކަން ފާހަގަކުރައްވައި ޖުނައިދު ވިދާޅުވީ، ހުޅުމާޅެ ބަނދަރު ހެދި ކޮންޓެއިނާތައް ބެހެއްޓޭފަދަ ސްޓޯރޭޖެއް އެތަނުގައި ގާއިމްވެގެން ދިއުމުން އަވަހަށް ޝިޕްމަންޓްތައް ކްލިއާ ކުރުމުގެ ފަސޭހައާއި އެކު ކޮންޓެއިނާ ސްޓޯރޭޖަށް ކުރަންޖެހޭ ހަރަދުގެ ބޮޑު ބައެއް ވެސް ލުއިވެގެންދާނެ ކަމަށެވެ.

"މާލޭގެ ބަނދަރުގައި މިހާރުވެސް ކޮންޓެއިނާ ބަހައްޓަންޖެހޭ ވަރަށް ގިނަ ދުވަހު. މާލެއަށް ބަލާއިރު ބިމުގެ ކުލި އަގުބޮޑުވުމާއި އެކަހަލަ އެކި ސަބަބުތަކާއެކު ވިޔަފާރިވެރިންނަށް އެ ހަރަދުވެސް ވަރަށް ބޮޑު ބުރައަކަށް ވެފައި އޮންނަނީ. އެހެންވީމަ ހަރަދަށް ބަލާއިރު ވަރަށް ބޮޑު ލުޔެއް ވިޔަފާރިވެރިންނަށް ލިބިގެންދާނެ. އެމްފީއެލްގެ ފަރާތުން މިތަނުގައި ޗެމްބާގޮތަށް ގާއިމްކުރާނެ 20 ފޫޓު 40 ފޫޓުގެ ކޮންޓެއިނާ ބެހެއްޓޭ ވަރުގެ ކޯލްޑް ސްޓޯރޭޖް. އެތަން ދުވަހު ކުއްޔަށް ނޫނީ މަހު ކުއްޔަށް ކަހަލަ ގޮތަކަށް ދޫކުރެވިގެންދާނެ،" ޖުނައިދު ވިދާޅުވި އެވެ.

ޖުނައިދު ވިދާޅުވީ، ހުޅުމާލެ ބަނދަރު މުޅިން ނިމިގެންދާއިރު އެތަނުން 100 ވަރަކަށް ވަޒީފާ އުފެދިގެންދާނެ ކަމަށެވެ. އަދި މާލެ ބަނދަރަށް އަންނަ ޕެރިޝެބަލް ނުވަތަ ތަރުކާރީ ބޯޓު ފަހަރުތައް ވަސީލަތްތައް ނެތުމާއި ޖާގަ ނެތުމުގެ ސަބަބުން ހުސް ނުކުރެވި ދުވަސްތަކަށް މަޑުކުރަންޖެހޭ ޖެހުން ކުޑަވާނެ ކަމަށާއި އޭގެ ސަބަބުން އެފަދަ ތަކެތީގެ އަގަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

"މިހާރު ބަނދަރުގެ މަސައްކަތުގެ ވަރަށް ބޮޑުބައެއްގެ މަސައްކަތް ކުރަމުން ދަނީ. ގާއަޅައި ނިމިއްޖެ ގާތްގަނޑަކަށް. ވެހިކަލް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. އެހެންވީމަ ބަނދަރުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކޮށް ނިންމާލެވޭނެ،" ޖުނައިދު ވިދާޅުވި އެވެ.