ހަބަރު

މައި ބަނދަރުގެ ހާލަތު އޮތީ ވަރަށް ދެރަވަރުގައި: އެމްޕީއެލް

  • މެޝިނަރީތައް ވަރަށް މަދުވެ ބައެއް ތަކެތި ހަލާކުވެފައި
  • ހަތަރު މަސްދުވަހުގެ ތެރޭގައި މައްސަލަތައް ހައްލު ކުރަނީ
  • ކޮންޓެއިނާ ކްލެއާ ކުރަން އެތައް ދުވަހެއް މިހާރު ނަގާ

އެމްޕީއެލްގެ ބަނދަރަށް އަންނަ މުދާ ކްލިއާ ކުރުމަށް ހުރި ދަތިތައް ކުޑަކޮށް ވިޔަފާރިވެރިންނާއި ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް، ކުރިއަށް އޮތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ވަރަށް ބޮޑު ހައްލެއް ހޯދައިދޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިިޓެޑްގެ ސީއީއޯ ކަމާއި މިދިޔަ މަހު ހަވާލުވެވަޑައިގެންނެވި މުހައްމަދު ޖުނައިދު ވިދާޅުވެއްޖެ އެވެ.

ހުޅުމާޅޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ ޖުނައިދު ވިދާޅުވީ، އެމްޕީއެލް ބަނދަރުގެ ކަންކަން އޮތީ ވަރަށް ދެރަވަރު ހާލަތެއްގައި ކަމަށެވެ. ބަނދަރާއި ބަނދަރުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ހުރިހާ ދިމާލަކުންވެސް ދަތިކަން ހުރިކަން ގަބޫލުކުރައްވާ ކަމަށާއި އެ ދަތިތައް ކުރިއަށް އޮތް ހަތަރު ވަރަކަށް މަސްދުވަހުގެ ތެރޭގައި ވަރަށް ބޮަޑަށް ކުޑަކޮށްދެއްވާނެ ކަމަށެވެ.

ޖުނައިދު ވިދާޅުވި ގޮތުގައި މުދާ ކްލިއާ ކުރުމަށް އެންމެ ބޮޑަށް ގޮންޖެހުން ކުރިމަތިވަނީ އެކަށީގެންވާ ވަރަށް މެޝިނަރީއާއި ވަސީލަތްތައް ނެތުމުގެ ސަބަބުންނެވެ. މެޝިނަރީ އާއި އިކުއިޕްމަންޓް ނެތުމުގެ ސަބަބުން އަވަހަށް ހަލާކުވާ ބާވަތުގެ މުދާ ކޮންޓެއިނާތައް ވެސް ކްލިއާ ނުކުރެވި ދެތިން ދުވަސް ވަންދެން ކިއުގައި ބަހައްޓަން ޖެހޭ ކަމަށާއި އެހެން ބަހައްޓަން ޖެހުމުން ތަކެތީގެ އަގަށް ވެސް ބޮޑު ބަދަލުތަކެއް އަންނަކަން ފާހަގަކުރެވޭ ކަމަށެވެ.

"ހުސްނުވެ ހުރި ކޮންޓެއިނާ ތަކެއް މިހާރުވެސް އެބަހުރި. އިކުއިޕްމަންޓް ތައް ނެތިގެން އެ މައްސަލަ ދިމާވަނީ. ޕެރިޝެބަލް ނޫނީ ތަރުކާރީ ބާވަތުގެ ކޮންޓެއިނާތައް ކްލިއާ ނުކުރެވި އެބަދޭ ތިން ހަތަރު ދުވަސް. އޭގެ ސަބަބުން އެ ތަކެތި ޝޯޓޭޖްވެގެން އަގު ދާން ނުޖެހޭ ވަރަށް މައްޗަށް އެބަ ދޭ. މިކަހަލަ ބައިވަރު ދަތިތަކެއް އެބަހުރި. ބަނދަރުގެ ހާލަތު ދަށަށް ގޮސްފައި އޮތުމުގެ ސަބަބުން ތަކެތީގެ އަގު ދާން ނުޖެހޭ ވަރަށް މައްޗަށް ގޮސްފައިވަނީ. އެކަން ކުޑަ ކުރަން މަސައްކަތް އެބަ ކުރަން،" ޖުނައިދު ވިދާޅުވި އެވެ. "ޑުބާއީ އިން ކޮލަމްބޯއަށް ކޮންޓެއިނާ އެއް ފްރައިޓް މި އިންނަނީ 500 ޑޮލަރު. އެހެން ނަމަވެސް ކޮލަމްބޯއިން މާލެއަށް ކުޑަ ކުޑަ ރާއްތާއެއް އޮންނަ އިރުވެސް އެބަ އަރާ ގާތް ގަނޑަކަށް 1500 ޑޮލަރު ކޮންޓެެއިނާ ޕްރެއިޓަށް. މިއިން އެނގެނީވެސް ބަނދަރުގެ ހާލަތު. ކުރިއަށް އޮތްތާނގައި އެހެން ނުވާނެ،"

ޖުނައިދު ވިދާޅުވީ، އެމްޕީއެލްގެ މަސައްކަތްތަކާއި ހިދުމަތް ހަރުދަނާކުރުމަށް ހޯދަންޖެހޭ އިކުއިޕްމަންޓްތައް ހޯދަން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އިކުއިޕްމަންޓް ލިބިގެންދާނެ ކަމަށާއި އެ ތަކެތި ހޯދަން ކޮންޓްރެކްޓަރެއް ހަމަ ޖައްސައި ސޮއިކުރަންޖެހޭ އެއްބަސްވުންތައް ވަރަށް އަވަހަށް ސޮއިކުރާނެ ކަމަށެވެ.

"ވިޔަފާރިވެރިންނަށް ދަންނަވާލަން ބޭނުން ވަނީ ހުރިހާ ދިމާލަކުންވެސް ދަތިކަން އެބަހުރި ކަމަށް. އިކުއިޕްމަންޓްގެ ދަތިކަން އެބަ އޮތް. ނަމަވެސް ކުރިއަށް އޮތް ހަތަރު ވަރަކަށް މަސް ދުވަހުގެ ތެރޭގައި ބަނދަރުން ހިދުމަތް ހޯދާ ފަރާތްތަކަށް އޮތް ދަތިކަން ކުޑަކުރާނަން،" ޖުނައިދު ވިދާޅުވި އެވެ.

ބަނދަރުގެ ދަތިކަމަށް އޮތް ދާއިމީ ހައްލަކީ ބަނދަރު ތިލަފުއްޓަށް ބަދަލުކުރުން ކަމަށާއި އެ ކަމަށް ސަރުކާރުގެ ބޮޑު ތާއީދެއް އެބައޮތް ކަމަށް ޖުނައިދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެމްޕީއެލްގެ ހާލަތު ގޯހުން ގޯހަށް ގޮސް މިހާތަނަށް އެގޮތުގައި އެކަންކަން އޮތް ސަބަބާ މެދު ވާޙަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން މިހާޜު މަސައްކަތް ކުރަމުންދަނީ ގޯސްކޮށް ކުރިއަށްދާ ކަންކަން ހައްލުކޮށް، ރައްޔިތުންނާއި ވިޔަފާރިވެރިންގެ ދައްޗާއި ޝަކުވާ ކުޑަކުރެވޭނެ ފަދަ ހައްލެއް ހޯދުމަށް ކަމަށް ޖުނައިދު ވިދާޅުވި އެވެ.

"އެމްޕީއެލް އިން މިހާތަނަށް ކަންތައް ކުރެވުނު ގޮތުގެ ވާހަކަ ދައްކާކަށް ނެތިން. އެކަމުގެ ޝަކުވާ ވިޔަފާރިވެރންނާއި އާންމުންނާއި ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކުން ވެސް ކުރޭ. މިހާތަނަށް ބެލި ބެލުމުން 2 ގަޑި އިރާއި 45 މިނިޓުން ކޮންޓެއިނާއެއް ކްލިއާ ކުރެވެނީ ކަނޑާއި ހިސާބުން،" ޖުނައިދު ވިދާޅުވި އެވެ. "ޓާގެޓަކީ އެއް ގަޑިއިރު ތެރޭގައި ވެރި ފަރާތާއި ކޮންޓެއިނާ ހަވާލުކުރެވޭނެ އިންތިޒާމެއް ގާއިމް ކުރުން،"

ޖުނައިދު ވިދާޅުވީ މިހާރު މި އޮތް ހިސާބުން އެ ގޮތަށް ހިދުމަތް ކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އެހެން ނަމަވެސް އެމްޕީއެލްގައި އެފަދަ ގާބިލު ތަމްރީން ލިބިފައި ތިބި މުވައްޒަފުން އެބަތިބި ކަމަށާއި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ހެޔޮ ބަދަލު ގެންނާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.