ބޭރު ކުޅިވަރު

ސްޓަރިޖުގެ ލަނޑުން އިނގިރޭސިން ބޮޑު ހިތްހަމަޖެހުމެއް

ޑެނިއަލް ސްޓަރިޖް އެންމެ ފަހު މިނިޓްގައި ޖަހައިދިން ލަނޑުން ވޭލްސް ބަލިކޮށް އިނގިރޭސީން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރާގާތަށް ދަތުރުކޮށްފި އެވެ.

މި މެޗުގެ ފުރަތަމަ ގޯލު ޖެހީ ވޭލްސްގެ ގެރެތް ބޭލް އެވެ. ޕެނަލްޓީ އޭރިޔާގެ 23 ޔާޑް ކުރުން ލިބުނު ބޯޅަ އޭނާ ޖެހުމުން ގޯލަށް ވަނީ ކީޕަރު ޖޯހާޓްގެ އަތުގައި ވެސް ޖެހިފަ އެވެ.

ނަމަވެސް ދެ ވަނަ ހާފުގައި ޖިމީ ވާޑީ އާއި ސްޓަރިޖް ލައިގެން ފެށި އިނގިރޭސިން ފުރަތަމަ ހާފަށްވުރެ ބޮޑަށް އެޓޭކް ވަރުގަދަ ކުރި އެވެ. އަދި ވާޑީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްދިންއިރު މެޗުގެ ފަހު ބައިގެ ތެރޭގައި އިނގިރޭސި ޓީމުން ޒުވާން ފޯވަޑް މާކަސް ރަޝްފޯޑް ވެސް ކުޅެން ނެރުނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އިނގިރޭސި ކޯޗު ރޯއި ހޮޖަސަން ބުނީ ސްޓަރިޖްގެ ލަނޑަށް ފަހު އޭނާ އާއި ކޯޗިން ސްޓާފުން ވަރަށް ބޮޑަށް އުފާފާޅު ކުރީ އެއީ މިއިން ދުވަހަކު ނުލިބޭހާ ބޮޑު އުފަލެއް ލިބުނު ލަނޑަކަށްވުމުން ކަމަށެވެ.

މި މެޗާއެކު އިނގިރޭސީންނަށް ވަނީ ހަތަރު ޕޮއިންޓާއެކު ގްރޫޕް ބީގެ އެއްވަނަ ލިބިފަ އެވެ. ދެ ވަނާގައިވަނީ ތިން ޕޮއިންޓާއެލކު ވޭލްސް އާއި ސްލޮވާކިޔާ އެވެ. އެންމެ ފުލުގައި އޮތީ އެއް ޕޮއިންޓާއެކު ރަޝިޔާ އެވެ.

ގްރޫޕުގެ ފަހު މެޗުތަކުގައި ކުޅޭނީ އިނގިރޭސިންނާއި ސްލޮވާކިޔާ އަދި ވޭލްސް އާއި ރަޝިޔާ އެވެ.