ހަބަރު

ރާއްޖޭގައި މަރުގެ އަދަބު ދޭނީ ދަންޖައްސައިގެން: އުމަރު

Jun 17, 2016
7

ރާއްޖޭގައި ދަން ޖައްސައިގެން މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށާއި އެކަމަށް ވާން ޖެހޭ ތައްޔާރީތައް ވެނިމިފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އަލްކައުން ޓީވީ ޗެނަލްގެ ރަންދާނު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ، އިސްލާމީ ޝަރީއާގައި އޮންނަ ގޮތަށް މަރުގެ އަދަބު ދިނުމަކީ ވަރަށް ގިނަ ޖަރީމާތައް ހުއްޓުވޭނެ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. މަރުގެ އަދަބު ދިނުމަށް އަބަދު ވެސް ވަކާލާތު ކުރައްވާކަން ފާހަގަ ކުރައްވައި އުމަރު ވިދާޅުވީ، ރާއްޖޭގައި މަރުގެ އަދަބު ދޭން އެންމެ ފުރަތަމަ ބެލީ ލީތަލް އިންޖެކްޝަން ޖަހައިގެން ކަމަށެވެ. އެހެން ނަމަވެސް އެކި ތަޖުރިބާކާރު ބޭރުގެ ފަރާތްތަކާ ވާހަކަ ދެއްކުމުން އެ އަދަބު ތަންފީޒު ކުރުމަށް އެންމެ ރަނގަޅު ގޮތަކީ، ދަންޖެއްސުން ކަމަށް ލަފާދީފައިވާ ކަމަށެވެ. އަދި ރާއްޖެއަށް ވެސް އެކަން ކުރުމަށް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ދަން ޖައްސައިގެން މަރުގެ އަދަބު ދޭން އޮންނާނީ މިހާރު އޮންނާނީ ގަވާއިދަށް ވެސް އިސްލާހު ގެނެސްފައި. ސުޕްރީމް ކޯޓުން މަރުގެ އަދަބު ދިނުމަށް ހުކުމް ކުރާތާ 30 ދުވަހުގެ ތެރޭގައި އެ އަދަބު އަޅުގަނޑުމެން ތަންފީޒު ކުރާނަން،" އުމަރު ވިދާޅުވި އެވެ.

މަރުގެ ހުކުމް ރާއްޖޭގައި ތަންފީޒު ކުރުމަކީ ރައީސް އަބްދުﷲ ޔާމީންގެ އިސްނެންގެވުމެކެވެ. ރައީސް ވިދާޅުވެފައި ވަނީ ބޭރުން ކިތަންމެ ވަރަކަށް ޕްރެޝަރު ކުރި ނަމަވެސް އިސްލާމީ ޝަރީއަތާ އެއްގޮތަށް ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށެވެ. އަދި މުޖުތަމައުގެ ރައްކަލަކަށް ޓަކައި މުޅި ދިވެހި ގައުމުގެ ހައްގުގައި އެކަން ކުރައްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވި އެވެ. ރައީސް ވެސް ވިދާޅުވަނީ، ވަޅި ހަރައި މީހުން މެރުމާއި މިފަދަ ބޮޑެތި ޖަރީމާތައް ހުއްޓުވޭނީ މަރުގެ ހުކުމް ތަންފީޒު ކުރެވިގެން ކަމަށެވެ.

އުމަރު ވިދާޅުވީ މަރުގެ އަދަބު ދިނުމާ ދެކޮޅަށް ބަޔަކު ވާހަކަ ދެއްކި ނަމަވެސް، އިސްލާމީ ޝަރީއަތުގައި އެކަން ކުރަން އޮތުމުން އެކަމާ ދެކޮޅު ހެދޭނެ ފުރުސަތެއް ނެތް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މަރުގެ އަދަބު ދޭ ގައުމުތަކުގައި ވެސް ކުށްކުރާ ކަމަށް ބުނެ ވަކާލާތު ކުރާ ކަަމަށާއި އެހެން ނަމަވެސް އެ އަދަބު ތަންފީޒު ކުރާ ގައުމުތަކުގައި ކުށްކުރުމުގެ ރޭޓް މާ ބޮޑަށް ވެސް މަދު ކަމަށް އުމަރު ވިދާޅުވި އެވެ. މަރުގެ އަދަބު ދިނުމުގެ ސަބަބުން މުޖުތަމައުން ރަނގަޅު އަސަރުތައް ފެންނަކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މީގެ ކުރިން އެ އަދަބު ދިނުން ހުއްޓާލި ބައެއް ގައުމުތަކުން ވެސް އަލުން އެ އަދަބު ދޭން ފަށާފައިވާ ކަމަށެވެ. އެހެން ވީމާ ރާއްޖެ ފަދަ އިސްލާމީ ގައުމަކުން އެކަން ނުކުރަންވީ ސަބަބެއް ނެތް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"އަޅުގަނޑު ފެށުނީއްސުރެ ވެސް ވަކާލާތު ކުރަން މަރުގެ އަދަބު ދިނުމަށް. ވަރަށް ގިނަ ބަޔަކު ހައިރާންވެ ފާޑު ވެސް ފުރަތަމަ ކޮޅު ކީ ކަމެއް އެއީ. އެކަމަކު އަޅުގަނޑު ގަބޫލު ކުރަނީ މިހިރަ ބޮޑެތި ކުށްތައް ޖަރީމާތައް ހުއްޓުވޭނީ މަރުގެ އަދަބު ތަންފީޒު ކުރެވިގެންނޭ. މި ސަރުކާރުން އެކަން ކުރާނޭ،" އުމަރު ވިދާޅުވި އެވެ.