ބޭރު ކުޅިވަރު

ޔޫރޯ 2016: އެންމެ ބޮޑު އާންމްދަނީ ލިބެނީ ކޮން ކޯޗަކަށް؟

މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތަކީ ވޯލްޑްކަޕަށް ފަހު ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ފޯރިގަދަ މުބާރާތެވެ. މުބާރާތުގެ އިންތިޒާމްތަކާއި ޕްރޮމޯޝަނަލް ހަރަކާތްތަކަށް އެކަނި ބެލިނަމަވެސް މިއީ ބައްރުތަކުގެ ފުޓްބޯޅަ މުބާރާތުގެ އެންމެ އަގު ބޮޑު ފުޓްބޯޅަ މުބާރާތެވެ.

މީގެ އިތުރުން ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިން އެންމެ ގިނައިން ކުޅޭނެ އެއް މުބާރަތަކަށް ވާނީވެސް ޔޫރަޕްގެ ފުޓްބޯޅަ މުބާރާތް "ޔޫރޯ" އެވެ. އެހެންވީއިރު، މި މުބާރާތުގެ ކޯޗުންގެ މުސާރައަކީ ވެސް ދުނިޔޭގެ އެހެން ސަރަހައްދުތަކުގެ ކޯޗުންނަށް ލިބޭ މުސާރައަށްވުރެ ބޮޑު މުސާރައެއް ލިބޭ ކޯޗުންނެވެ.

ޔޫރޯގައި ވާދަ ކުރާ ޓީމުތަކުގެ ކޯޗުންގެ ތެރެއިން އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗަކީ އިންގްލެންޑްގެ ކޯޗް ރޯއީ ހޮޖްސަން އެވެ. އިނގިރޭސި އެފްއޭއިން އޭނާއަށް މުސާރައިގެ ގޮތުގައި އެކަނި އަހަރަކު 5.6 މިލިއަން ޑޮލަރު ދެއެވެ. މި ލިސްޓްގެ ދެވަނަ ލިބެނީ ޔޫރޯއަށްފަހު ރަޝިއާގެ ބިލިއަނަރު ރޯމަން އަބްރޮމަވިޗްގެ ޗެލްސީގެ ކޯޗް ކަމާ ހާވަލުވާ އިޓަލީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ އެވެ. އޭނައަށް އަހަރަކު 4.6 މިލިއަން ޑޮލަރު ލިބެއެވެ.

މި ލިސްޓްގެ ތިން ވަނާގައި އެންމެ ފަހުގެ ޗެމްޕިއަންކަން ސްޕެއިންއަށް ހޯދައިދިން ވިންސެންޓޭ ޑެލްބޮސްކޭއާއި ދުނިޔޭގެ ޗެމްޕިއަންކަން ޖަރުމަނަށް ހޯދައިދިން ޖޯކިމްލޯގެ ނަމެއް ނެތެވެ. ތިން ވަނައިގައި އޮތީ ފޭވަރިޓުންގެ ގޮތުގައި ބަލާ ޓީމެއްގެ ކޯޗެއްވެސް ނޫނެވެ. ހޮޖްސަންއާއި ކޮންޓޭގެ ފަހަތުން ތިން ވަނައަށް އެންމެ ބޮޑު އާންމުދަނީއެއް ލިބޭ ކޯޗަކީ ހަނިގޮތަކަށް ތުރުކީ ޔޫރޯއަށް ކޮލިފައިކޮށްދިން ފާތިހް ޓެރިމްއެވެ. އާންމުދަނީގެ ގޮތުގައި އަހަރަކު 3.9 މިލިއަން ޑޮލަރު ލިބެއެވެ.

ޖަރުމަންގެ ކޯޗް ލޯއަށް ޖާގަ ލިބެނީ އޭނާގެ ފަހަތުންނެވެ. ލޯއަށް އާންމުދަނީގެ ގޮތުގައި އަހަރަކު 3.6 މިލިއަން ޑޮލަރު ލިބެއެވެ. ސްޕެއިންގެ ޑެލްބޮސްކޭއަށް ލިބެނީ ލިސްޓްގެ ފަސް ވަނައެވެ. އޭނާއަށް އާންމުދަނީގެ ގޮތުގައި 3.4 މިލިއަން ޑޮލަރު ލިބެއެވެ. އޭނާއަށް ފަހު ހަ ވަނަ އަށް އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗަކީ މިހާރު ދެ ވަނަ ބުރަށް ދަތުރުކޮށްފައިވާ މުބާރާތް ބާއްވާ ގައުމު ފްރާންސްގެ ޑިޑިއޭ ޑެޝެމްޕްސްއެވެ. އޭނާއަށް އަހަރަކު 2.2 މިލިއަން ޑޮލަރު ލިބެއެވެ.

އެންމެ ދަށް އާންމުދަނީއެއް ލިބޭ ކޯޗަކީ ރޮމޭނިއާގެ ކޯޗް އެންހެލް އިރުދޮނެސްކްއެވެ. އާންމުދަނީގެ ގޮތުގައި އޭނާއަށް ލިބެނީ އަހަރަކު 136,392 ޑޮލަރެވެ.

އެންމެ ޝައުގުވެރި ނަމަކީ ރަޝިއާގެ ވަގުތީ ކޯޗް ސްލަޓްސްކީއެވެ. އޭނާއަށް ދެނީ މުބާރާތުގައި ރަޝިޔާގެ ޓީމު ދައްކާ ޕާފޯމަންސަކަށް ބަލަފައި ދޭ ބޯނަސްއެކެވެ.

މުބާރާތުގައި ކުޅުނު ދެ މެޗާއެކު ރަޝިޔާއަށް މުބާރާތުގައި ކުރިއަށް ދާނެ އަމިއްލަ ބާރެއް ނެތެވެ. އެހެންވީއިރު ބޯނަސްގެ ގޮތުގައި އޭނާއަށް ލިބޭނީ ކިހާ މިންވަރެއް ހެއްޔެވެ. އޭނާއަކީ ރަޝިޔާގެ ސީއެސްކޭ މޮސްކޯގެ ވެސް ކޯޗެވެ.