ޔޫރޯ 2016

ސްޕޭން ދެ ވަނަ ބުރަށް، ތުރުކީ ކަޓައިފި

Jun 18, 2016
2

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް "ޑީ" ގައި މިރޭ ތުރުކީގެ މައްޗަށް 3-0 ގެ ނަތީޖާއަކުން މޮޅުވެ އެންމެފަހުގެ ޗެމްޕިއަން ސްޕެއިން މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރުކޮށްފިއެވެ.

އަދި މެޗުން ބަލިވި ތުރުކީ ވަނީ، ގުރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް ބަލިވެ މުބާރާތުން ކަޓައިފަ އެވެ.

މެޗުގައި ސްޕެއިންގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ އަލްވާރޯ މޮރާޓާއެވެ. ފުރަތަމަ ލަނޑު މޮރާޓާ ކާމިޔާބު ކުރީ މެޗުގެ 34 ވަނަ މިނެޓްގައި ނޮލީޓޯ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ސްޕެއިންގެ ދެ ވަނަ ލަނޑު އޭގެ ތިން މިނެޓް ފަހުން ކާމިޔާބު ކުރީ ނޮލީޓޯއެވެ.

ސްޕެއިންގެ ތިން ވަނަ ލަނޑު މޮރާޓާ ކާމިޔާބު ކުރީ ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނެޓް ތެރޭގައި ޖޯޑީ އަލްބާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މި މޮޅާއެކު ސްޕެއިން ގުރޫޕް އެއް ވަނައިގައި އޮތީ ހަ ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި އޮތީ މިރޭ ޗެކް ރިޕަބްލިކް އަތުން ހޯދި ޕޮއިންޓާއެކު ހަތަރު ޕޮއިންޓް ލިބިގެން ކްރޮއޭޝިއާއެވެ.

ގުރޫޕްގެ ފަހު މެޗްގައި ސްޕޭން ބައްދަލު ކުރާނީ ކްރޮއޭޝިއާ ދެކޮޅަށެވެ. އަދި ޗެކްރިޕަބްލިކް ވާދަކުރާނީ ތުރުކީއާ ދެކޮޅަށެވެ.
މި ދެ މެޗް ވެސް ކުޅޭނީ މިއަންނަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގަޑިން ދަންވަރު 12 ޖަހާއިރުއެވެ.