އުމުރުން އެންމެ ހަމަހުގައި ދަރިފުޅަށް ރަނގަޅަށް އަޑު ނީވޭކަން އިހުސާސްކުރެވެން ފެށުމުން އައިޝަތު މަހުމޫދާގެ ދެމަފިރިންނަށް ވަރަށް ބޮޑު ހިތްދަތިކަން ލިބި ހިތުގައި ވޭން އެޅި އެވެ. ސަބަބަކީ ލިބުނު ހަމަ އެކަނި ފިރިހެން ދަރިފުޅަށް ކަން ދިމާވި ގޮތުންނެވެ. އެހެންނަމަވެސް އެހެން ވެސް އެފަދަ އާއިލާތަކެކޭ އެއްފަދައިން އެ ދެމެފިރިންނަށް ވެސް އެ ދަރިފުޅު ވަރަށް ހާއްސަވި އެވެ. އަޑުއިވުމުގެ ދަތިކަން ހުއްޓަސް އެ ދަރިފުޅަށްޓަކައި ހިތުގައި އޮތް ލޯބި އިތުރު ކުރި އެވެ. ދަރިފުޅުގެ މުސްތަގުބަލަށްޓަކައި އޮތް ފޮނި އުންމީދުތައް ކަފުންކުރަން ނުޖެހޭ ކަމަށް ނިންމި އެވެ. ކުޑަ ކުޑަ އައްވާމުގެ އައްޑަނައަކަށްވެގެން އޭނާއާއެކު ތެދުވި އެވެ. ސައުވީސް އަހަރު ފަހުން ނަތީޖާ އެނގޭ ހެއްޔެވެ؟ ކަންފަތަށް އަޑު ނީވުނަސް، އައްވާމް އަކީ މިއަދު ކާމިޔާބު ޒުވާނެކެވެ. އޭނާގެ މަންމައަކީ ފަހުރުވެރި މަންމައެކެވެ.
އެމްޓީސީސީގެ އެޗްއާރް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓްގައި މަސައްކަތްކުރަމުން އަންނަ ސ. މީދޫ އަށް އުފަން 24 އަހަރުގެ އައްވާމް އަހުމަދުގެ ކާމިޔާބު ދަތުރަކީ ހާއްސަ ދަތުރެކެވެ. އައްވާމަކީ މަހުމޫދާ އާއި އަހުމަދު ޝަރީފަށް ލިބުނު ފަސް ކުދިންގެ ތެރެއިން ހަތަރުވަނަ ދަރިފުޅެވެ. އަދި އާއިލާގެ ހުރި ހަމަ އެކަނި ފިރިހެން ދަރިފުޅެވެ.
އިޝާރާތު ބަހުން ވާހަކަ ދައްކަން ކުޅަދާނަ ފަޒްނީ މިސްގެ އެހީއާއެކު އައްވާމްއާ ވާހަކަ ދައްކާލަން އޭނާއާ ބައްދަލުވި ވަގުތުވެސް އޭނާގެ ހަމަޖެހުމާއި އިތުބާރު މޫނުމަތިން ދައްކައިދިނެވެ. އޭނާގެ "ހަމަ ހިމޭން ދުނިޔެ" އާއި "ނަލަ ނަލަ ދަތުރު"ގެ ވާހަކަ ހިއްސާ ކޮށްދިނެވެ.
އަޑު އިވުމުން މަހުރޫމްވެފައިވާ ކުއްޖެއްގެ ގޮތު އުފަން ރަށުގައި އައްވާމު އޭނާގެ އުމުރުގެ ފުރަތަމަ ދިހަ އަހަރު ވޭތުކުރީ އޮޅުން ބޮޅުންގަނޑެއްގެ ތެރޭގައެވެ. ވަށައިގެން ހިނގާ ކަންކަމަކީ އޭނާއަށް އޭރު "ވާނުވާ" އެވެ. އައްވާމުގެ ބަހުން ނަމަ އޭރު އޭނާ އަކީ އުންމީދެއް ނެތް އެކަމަކު "ދިރި ހުރި ފުރާނަ" އެކެވެ. މީހުންނަކީ ކޮބައިކަމެއް، ދިރިއުޅުމަކީ ކޮބައިކަމެއް، ދިރި ހުރުމަކީ ކޮބައިކަމެއް އޭނާ އަކަށް ނޭނގެ އެވެ. އޭނާއަށް ފެނުނީ ހިމޭން ދުނިޔެއެކެވެ. އަޑު އިވުމުން މަހުރޫމްވެފައިވާތީ ލަދުގަނެ އެވެ. ޑޮކްޓަރު ދެއްވި އިއާ ފޯނު ވެސް މީހަކަށް ފެނިދާނެތީ ލަދުން ފޮރުވެނީ އެވެ. އެންމެ ފަހުން އެ އެއްލައިވެސްލީ އެވެ.
"ކުޑައިރު ސިފަކުރަންޏާ އަހަންނަކަށް ނޭނގެ އެއަށް ދޭނީ ކޮން ނަމެއް ކަމެއް. ދިރި ހުރީތީ އުޅުނީއޭ ބުނާނީ. އޭރު ނޭނގެ އެއްގޮތަކަށް ވެސް ވާނުވާއެއް. ވަށައިގެން ހިނގާ ކަންކަން ހަމަ އެއްގޮތަކަށްވެސް ނޭނގެ. ކުދިން ދިމާކޮށް ހަދާ. އެކަމަކު ޓީޗަރުން ވަރަށް ރަނގަޅު. އާއިލާވެސް ވަރަށް ރަނގަޅު، އެންމެން ވެސް ވަރަށް ލޯބިން އުޅުނީ،" އައްވާމް ބުންޏެވެ.
އެހެނަސް އައްވާމްގެ އުމުރުން ދިހަ އަހަރުގައި، 2003 ވަނަ އަހަރު ކިޔަވަން މާލެއަށް ބަދަލުކުރި ހިސާބުން އޭނާގެ ދިރިއުޅުމުގެ މިސްރާބު ބަދަލުވި އެވެ. ޖަމާލުއްދީން ސްކޫލާއި މާލޭގެ ބައިބޯ ދިރިއުޅުން އައްވާމްގެ ދުނިޔެ ވެސް ހަލަބޮލިކޮށްލި އެވެ. އަޑު އިވުމުގެ ދަތިކަން ހުންނަ ކުދިންނަށް ޖަމާލުއްދީން ސްކޫލުގައި ކިޔަވައިދޭ "ޗިކް" ކުލާހަށް ވަދެވި އޭނާފަދަ އެހެން ކުދިން ފެނި ދަސްވާން ފެށުމުން ދިރިއުޅުމަށް މިސްރާބެއް ވާކަން އެނގެން ފެށި އެވެ. އަޑު އިވުމުން މަހުރޫމް ވެފައިވަނީ ހަމައެކަނި އޭނާ ނޫންކަން އިހުސާސްވުމުން އަމިއްލަ ނަފްސާމެދު ހިތުގައި އޮތް ލަދުވެތިކަން ފިލައި ދިޔަ އެވެ. އެހާ ހިސާބުން އައްވާމްގެ ތައުލީމީ ހަޔާތް ސީދާވެ ރަނގަޅު މިޝްރާބުގައި ކުރިޔަށް ހިނގައިގަތެވެ.
ކުޑަ އިރުއްސުރެ އައްވާމް ފާހަގަކުރެވުނީ ހިސާބަށް މޮޅު ކުއްޖެއްގެ ގޮތުގަ އެވެ. މުދައްރިސުންނާއި ކުދިންނާ ގުޅޭ، ސްކޫލް ކަންކަމުގައި އިސްނަގާ "ޕްރިފެކްޓް" ކުއްޖެއްގެ ގޮތުގަ އެވެ. ހިޔާލު މުއްސަނދި، ސްކޫލް އަދި ކްލާސް ފެންވަރުގައި ފާހަގަކޮށްލެވޭ ކުރެހުންތެރިއެއްގެ ގޮތުގަ އެވެ. ގަދަ ހިތްވަރުން އޯލެވެލްގައި ރަނގަޅު ކާމިޔާބީއަކާ އެކު ސްކޫލް ނިންމައިލީ 2013 ވަނަ އަހަރު އެވެ.
އޯލެވެލްގައި އާޓްސް ހިސާބު އިނގިރޭސި ފަދަ މާއްދާތަކުން ރަނގަޅު ގްރޭޑްތަކެއް ލިބުނުކަން އައްވާމް ފާހަގަކުރީ އުފާވެރި ހިނިތުންވުމަކާ އެކު އެވެ. އެއްގޮތަކަށް ވެސް އަޑު ނީވޭ ކުއްޖަކަށް އެނޫން ކުދިން ވެސް ކިޔަވާ ފެންވަރުގެ އޯލެވެލް އިމްތިހާނަކުން ރަނގަޅު މާކުހެއް ހޯދުމަކީ ކުޑަ ކާމިޔާބީއެއް ނޫނެވެ. ހިތްހަމަޖެހޭ ނަތީޖާއަކާ އެކު އޯލެވެލް ފުރިހަމަ ވުމުން އައްވާމުގެ ފުރަތަމަ ހުވަފެނުގައި ކުލަ ޖެހުނީ އެވެ.
އޭނާގެ އެ ބޮޑު ކާމިޔާބީއާއެކު އެންމެ އުފާވި އެކަކީ އޭނާގެ މަންމަ އެވެ. އައްވާމްގެ މަންމަ ބުނި ގޮތުގައި އައްވާމް ސްކޫލަށް ދާން ފެށި ހިސާބުން އޭނާ އަކީ ކިޔެވިދާނެ ކުއްޖެއް ކަމާމެދު ހިތުގައި އޮތް އުންމީދު ބޮޑުވި އެވެ. މާލެއަށް ކިޔަވަން ފޮނުވީ ވެސް އެ އުންމީދުގެ ބޮޑުކަމުންނެވެ.
"އައްވާމް ރަށުގަ ކިޔެވި އިރުވެސް ހިސާބަށް ވަރަށް މޮޅު. އޭރު ރަށުގެ ޓީޗަރުންވެސް ބުނާނެ އެވާހަކަ. އެހެންވެ އަޅުގަނޑު އޭނާ މާލެ ފޮނުވަން ނިންމީ. މާލެއަށް ދެވުނު ހިސާބުން އަޅުގަނޑު އުންމީދުކުރިން އައްވާމް ވަރަށް ކާމިޔާބު ކުއްޖަކަށް ވާނެ ކަމަށް. އޭނާ އަކީ ވަރަށް ހުނަރުވެރި ކުއްޖެއް،" އައްވާމްގެ މަންމަ މަހުމޫދާ، ދަރިފުޅާއި ގުޅިފައިވާ ދުރު ހަނދާންތަކެއް އާކޮށްލި އެވެ. "އައްވާމް ކުޑައިރު ޑޮކްޓަރަށް ދެއްކުމުން ހެޑް ފޯން އަޅަން ދިނީ. އެކަމަކު ރަށުގަ އޭރު އޭނަ ކަހަލަ އެހެން ކުއްޖަކު ނެތުމުން އެކަމާ ލަދުން އެވެސް ބޭނުން ނުކުރި،"
ސްކޫލް ނިންމުމަށްފަހު ރަށަށް ގޮސް ގޭގައި އެއްވެސް ކަމެއް ނުކޮށް ހުންނަން ޖެހުމުން އައްވާމަށް އެކަން ވީ ފޫހި ކަމަކަށެވެ. ރަށުގައި އޭނާއަށް މުސްތަގުބަލެއް ނެތްކަން ޔަގީންވުމުން އަނެއްކާވެސް ދައްތަ ކައިރިއަށް މާލެއަށް އައިސް އޭނާގެ ޝައުގުވެރިވާ ފޮޓޯގްރަފީގެ ދާއިރާއިން ކޯހެއްވެސް ފުރިހަމަ ކުރި އެވެ. ނަމަވެސް ފޮޓޯގްރާފަރެއްގެ މަގާމަށް ކުރިމަތިލައިގެން އޭނާއަށް އެ ވަޒީފާ ދޭނެ މީހަކު ނުވި އެވެ. އޭނާ ފަދަ ކުދިންނަށް އެމްޓީސީސީން ވަޒީފާ ދޭކަން ރައްޓެއްސެއްގެ ފަރާތުން އެނގުނު އިރު ވަޒީފާއަކަށް އޭނާ ކުރަމުންދިޔަ އުންމީދުގެ ހުޅުކޮޅު ދިޔައީ މުޅީން ކަނިވަމުންނެވެ.
އެހެން ނަމަވެސް ކުރިމަތިލައި އިންޓަވިއުއިން ފާސްވެ އެމްޓީސީސީގެ ވަޒީފާ އައްވާމަށް ލިބުނެވެ. މިއަދު އައްވާމަކީ މަސައްކަތަށް ފަރުވާކުޑަ ނުކޮށް ހިތްވަރާއެކު އެމްޓީސީސީގައި ވަޒީފާ އަދާކުރާ ޒުވާނެކެވެ. ޑޭޓާ އެންޓާ ކުރުމާއި ދާއިރާގެ ގޮތުން ކުރަންޖެހޭ އެހެންވެސް މަސައްކަތްތަކަކީ އެމްޓީސީސީގައި އައްވާމް އަދާކުރާ ވަޒީފާގެ ތެރެއިން ކޮންމެ ދުވަހަކުވެސް ކުރާ މަސައްކަތްތަކެކެވެ. މަސައްކަތުގައި އޭނާގެ ފޫހިކަމެއް ނެތެވެ.
"ކިތަންމެ ގިނަ އިރުވެސް އަހަންނަށް މަސައްކަތްކުރެވިދާނެ. އެކަމަކު ފާހަގަކޮށްލަން ބޭނުން، އެމްޓީސީސީ އަކީ ވަރަށް ބަރާބަރު އޮފީހެއް. މުވައްޒަފުން ވަރަށް ރަނގަޅު. ވަރަށް އެހީތެރިވޭ. ޑިޕާޓްމަންޓްގެ ކުދިންވެސް މިހާރު އިޝާރާތުގެ ބަސް ދަސްކޮށްފި، އެމްޑީ [ކުރީގެ އެމްޑީ އަބްދުއް ރައްޒާގް ހަލީމް] އަކީ ހިތްހެޔޮ ބޭފުޅެއް،" އައްވާމް ބުންޏެވެ.
އެމްޓީސީސީގައި ފޫހިކަމެއްނެތި ވަޒީފާ އަދާކުރަމުންދާއިރު އައްވާމަކީ އަޑުއިވުމުން މަހުރޫމްވެފައިވާ ކުދިންނަށް އެހީތެރިވެދޭ ޖަމިއްޔާއެއް ކަމަށްވާ "މޯލްޑިވްސް ޑެފް އެސޯސިއޭޝަން" ގެ އެގްޒެކެޓިވް ޑިރެކްޓަރެވެ. އޭނާ ވަނީ 2010 ވަނަ އަހަރު މެލޭޝިއާގެ ވައިއެމްސީއޭ އިން ބޭއްވި "ޑެފް ޔޫތު ކޭމްޕް" ގައި ބައިވެރިވެ ލީޑާޝިޕް ޓްރެއިނިން ވެސް ފުރިހަމަ ކޮށްފައެވެ.
އަޑު އިވުމުން މަހުރޫމްވެފައިވާ ކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތެއްގެ ހައިސިއްޔަތުންނާއި އަޑު އިވުމުން މަހުރޫމްވެފައިވާ ފަރުދެއްގެ ހައިސިއްޔަތުން އައްވާމް ކުރާ ވަރަށް ބޮޑު ޝަކުވާއެއް އޮވެ އެވެ. އެއީ އޭނާފަދަ ކުދިން މަތީ ތައުލީމު ހާސިލްކުރާނެ ފުރުސަތު ތަނަވަސްވެފައި ނެތުމެވެ. އަދި ކުރިއަށްދެވޭނެ އިތުރު ގޮތްތަކަކާއި ވަޒީފާގެ ގިނަ ފުރުސަތު އޮތުމެވެ.
"އައްވާމް ދެން ބޭނުންވަނީ ބިޒްނަސް އެއް ފަށަން. މާބޮޑު ބިޒްނަސްއެއް ނޫން ކޮންމެހެން. އައްވާމުގެ ވަރުން، އެހެނަސް އެކަން ވާނީ އައްވާމްގެ ރައްޓެހިންނާއި ދެންވެސް އައްވާމް ފަދަ ކުދިންނަށް ވަޒީފާ އަދާކުރެވޭ ފުރުސަތުތަކެއް ހޯދައިދޭ ތަނަކަށް. އިންޝާﷲ. ބޭނުންވަނީ އަޑު އިވުމުން މަހުރޫމް ކުދިންނަށް ކުރިއަށްދާން އޮތް އުނދަގޫ ރާސްތާ ފަސޭހަކޮށްދޭން. އެކަން ކުރެވޭނެ އިރާދަކުރެއްވިއްޔާ،" އައްވާމްގެ އުންމީދުތައް ހުރީ ވަރަށް ވެސް އުހުގަ އެވެ. އައްވާމަކީ ނަމޫނާ ޒުވާނެކެވެ.