ސިއްހަތު

ކިއުކަމްބާ: އޭގެ ފިނިކަމާއި އާދަޔާހިލާފު ވާހަކަ

އަސްލު އެނގޭ ހެއްޔެވެ؟ ކިއުކަމްބާ އަކީ ވެސް މޭވާ އެކެވެ. އާދަޔާހިލާފު އަދި އެހާމެ ގިނަ ފައިދާތަކެއް އޭގައި އެކުލެވިގެންދާ މޭވާ އެކެވެ.

ނަމަވެސް އަހަރެމެންގެ ބަދިގެ އާއި ކާ މޭޒުމައްޗަށް ކިއުކަމްބާ މަޝްހޫރުވެފައި ވަނީ އެންމެ ފައިދާ ބޮޑު އެއް ތަރުކާރީގެ ގޮތުގަ އެވެ. އެހެންވީމަ، ކިއުކަމްބާގެ ފިނިކަމާއި އޭގެ އާދަޔާހިލާފު ވާހަކަތައް ފެށުމުގެ ކުރިން، މޭވާ އާއި ތަރުކާރީ ވަކިކުރާނެ ނިކަން ފަސޭހަ ގޮތެއް ބުނެލަދޭނަމެވެ.

މޭވާއެއް ނަމަ އޭގައި އޮށް ހުންނާނެ އެވެ. ނުވަތަ އޮށެއް އޮންނާނެ އެވެ. ސައިންސްގެ ލޮލަކުން ބަލާ ނަމަ މޭވާ އާއި ތަރުކާރީގެ ތަފާތަކީ މިއީ އެވެ. ނަމަވެސް ބޮޑު ކައްކާއަކު މޭވާ އާއި ތަރުކާރީ ހޮވާނީ އަހަރެމެން އެންމެން ވެސް މޭވާ އާއި ތަރުކާރީ ހޮވާ ގޮތަށެވެ.

ރަހައިންނެވެ. ފޮންޏަކީ އަބަދުވެސް މޭވާ އެވެ.

މިހާ ހިސާބުން މޭވާ އާއި ތަރުކާރީގެ ވާހަކަ ކިޔުންތެރިންނަށް ދޫކޮށްލާފައި ކިއުކަމްބާގެ ކުރު ތައާރަފަކަށް ޖެހިލަމާ ހިނގާށެވެ.

އެންމެ ފުރަތަމަ މިއީ ދެކުނު އޭޝިއާ އަށް ހާއްސަ މޭވާއެކެވެ. ނުވަތަ ތަރުކާރީއެކޭ ބުނަމާ ހިނގާށެވެ.

މީގެ އަސްލު ގުޅިފައި ވަނީ އަޅުގަނޑުމެންގެ އަވަށްޓެރި އިންޑިއާއާ އެވެ. ކިއުކަމްބާ ޔޫރަޕަށް ގެންދިޔައީ ގްރީކު މީހުންނާއި ރޯމަނުންނެވެ. ފްރާންސްގައި އޭގެ ދަނޑުވެރިކަން ފެށުނީ ނުވަ ވަނަ ގަރުނުގަ އެވެ. އިނގިރޭސި ވިލާތަށް ތައާރަފްވީ 14 ވަނަ ގަރުނުގަ އެވެ. އަދި އެމެރިކާ އަށް ކިއުކަމްބާ ތައާރަފްވީ 16 ވަނަ ގަރުނުގެ މެދުތެރޭގަ އެވެ.

ކިއުކަމްބާގެ 90 ޕަސެންޓަކީ ފެނެވެ. މިހާ ހިސާބުން ދެން އެހެން ސިއްރުތައް ގުނަން ފަށަމާ ހިނގާށެވެ.

ހަށިގަނޑުގެ ހިނގުމަށް މިނެރަލްސް އާއި ވިޓަމިންސް އަކީ ކޮންމެހެން ވެސް ބޭނުންވާ އެއްޗިއްސެވެ. ހަށިގަނޑުގެ ދިރުމަށް ދުވާލަކަށް ބޭނުންވާ މިނެރަލްސް އާއި ވިޓަމިންސް އާދައިގެ ކިއުކަމްބާއަކުން ލިބޭކަން އެނގޭ ހެއްޔެވެ؟

ވިޓަމިން ބީގެ އެކި ވައްތަރުތައް މި އިން ލިއްބައިދޭއިރު، މި ވިޓަމިނުގެ ވައްތަރުތަކަކީ ކާބޯތަކެތިން ހަކަތަ ނުވަތަ ހަށިގަނޑަށް ބޭނުންވާ ގުލްކޯޒް އުފެއްދުމުގައި އެންމެ މުހިންމު ރޯލުތައް އަދާކުރާ ވިޓަމިންގެ ވައްތަރުތަކެވެ.

ފޯލިކް އެސިޑް އާއި ކެލްސިއަމް އަދި އަޔަން އާއި ޕޮޓޭސިއަމްގެ އިތުރުން ޒިންކާއި މެގްނީޒިއަމް އާއި ފޮސްފަރަސް ވެސް ކިއުކަމްބާ އިން ލިއްބައިދެ އެވެ.

ފަހަރެއްގައި މިއީ ކިއުކަމްބާގެ އެންމެ މަޝްހޫރު ސިފަ އެވެ. މިއިން ހަންގަނޑު ރީތިކޮށްދޭ ވާހަކަ އެންމެނަށް ވެސް އެނގެ އެވެ.

ހަށިގަނޑުގައި ތަންކޮޅެއް ގަދަ އަށް މަސް ޖަހާފައިވާ ހިސާބުތަކުގައި އުފެދިފައި ހުންނަ ވަޅުތައް ނައްތާލައި ހަންގަނޑު އޮމާންކޮށް ސާފުކޮށްލުމަށް ކިއުކަމްބާގެ ބޭނުން ހިފިދާނެ އެވެ. މިސާލަކަށް ފައިގެ ފަލަ މަސްގަނޑުގެ ދަށުގައި ނުވަތަ ބުޑު މަސްގަނޑުގައި ޖަހާފައިވާ ސަރުބީއަކާ ހެދި ވަޅުވަދެ ހަންގަނޑުގެ ސިފަ ހުތުރުވެފައިވާ ނަމަ އެ ތަނެއްގައި ދެ ތިން މިނެޓް ވަންދެން ކިއުކަމްބާގެ ސްލައިސްތަކެއް އުނގުޅާށެވެ.

ޕައިޓޯކެމިކަލް ނަމަކަށް ކިޔާ މާއްދާއެއް ކިއުކަމްބާގައި ހިމެނެ އެވެ. މި މާއްދާ އަކީ ދޫވެފައި އޮންނަ މަސްގަނޑާއި ހަންގަނޑަށް ތާޒާކަން ގެނެސް އޭގެ ސިފަ ބަދަލުކޮށްލަދޭ މާއްދާއެކެވެ.

އެހެންވީމާ އުމުރުން ދުވަސްވެ ހަންގަނޑުގައި ރޫޖެހި ކުރަކިވަމުންދާ ނަމަ ވެސް ކިއުކަމްބާ އަކީ ރަނގަޅު ފަރުވާ އެކެވެ.

ބައެއް މީހުންނަކީ މެންދުރު ދަޅައަށް ކޮންމެހެން ހަދައިފައި ނަމަވެސް ކޮފީއަކަށް އަރަން ޖެހޭ މީހުންނެވެ. އެއީ މަސައްކަތުގެ ނުވަތަ ދުވަހުގެ ވަރުބަލިކަމާއި ލޮޑުކަން ފިލުވާލުމަށް ގިނަ މީހުން ހޯދާ އެންމެ މޮޅު ފަރުވާ އެވެ. ނަމަވެސް އެނގޭ ހެއްޔެވެ؟

ކެފެއިން ހިމެނޭ ޒާތުގެ ބުއިމަކަށް ވުރެ މެންދުރުގެ ވަގުތަށް ކިއުކަމްބާއެއް އަސްލު މާ ރަނގަޅެވެ.

އޭގައި ހިމެނޭ ވިޓަމިން ބީ އާއި ކާބޯހައިޑްރޭޓްސް އަކީ ކަންނެތްކަމާއި ވަރުބަލިކަމާއި ލޮޑުކަން ފިލުވާލަން އެންމެ މޮޅު އަދި އެންމެ އަވަސް ފަރުވާ އެވެ.

އެހެންވީމަ ރެޑްބުލްއެއް ވެސް ބޯނެ ކަމެއް ނެތެވެ.

މިސާލަކަށް ލޮލުގެ ކައިރީގައި ކަޅުވެފައި ހުންނަ ތަންތަނެވެ. ކިއުކަމްބާއަކުން ދެ ފޮތި ކަފާލައިގެން ދެ ލޯ މަތީގައި އަޅާލައިގެން ފަސް މިނެޓަށް ނުވަތަ 10 މިނެޓަށް އޮށޯވެލާށެވެ. ދެ ލޯ މަރާލައިގެން އޮންނައްޗެވެ. ސަބަބަކީ ކިއުކަމްބާގެ އަސަރުން ލޯ ކަރާނެތީ އެވެ.

މިއީ ލޯ ކައިރި ކަޅުވުމަށް ނެގިދާނެ ކިއުކަމްބާ ފަރުވާއެކެވެ. މީގެ އިތުރުން ގިނަ ވަގުތު ކޮމްޕިއުޓަރާއި ލެޕްޓޮޕާ އެކު މަސައްކަތްކުރާ ފަރާތްތަކަށް ވެސް ލޮލަށް އަރާމެއް ހޯދާލަން ބޭނުން ނަމަ ކިއުކަމްބާއަކުން ދެ ފޮތި ކަފާލައިގެން ދެ ލޯ މަތީގައި އަޅާލައިގެން ކުޑައިރުކޮޅަކަށް ހަމަ ނިދާލަންވީ އެވެ.

އެކަމަކު މިއީ ހަމައެކަނި ލޯ ކައިރީގައި ކަޅުވެފައި ހުންނަ ތަންތަން ސާފުކޮށް ނަލަކޮށްދޭ އެއްޗެއް ނޫނެވެ. ކިއުކަމްބާ ފޮތްޗަކުން ނިކަން ރީއްޗަށް މޫނުބަލާ ލޯގަނޑު ވެސް ސާފުކޮށްލެވޭނެ އެވެ.

ހާއްސަކޮށް ފާހާނާގައި ހުންނަ ލޯގަނޑެވެ. ސްޓެއިންލެސް ސްޓީލްގެ އާލާތްތައް ވެސް ސާފުކުރަން މި ވަރެއް ނެތެވެ.

ބައެއް މީހުން އެމީހުންގެ އޮފީސް ބޫޓް ވެސް ކިއުކަމްބާ ސްލައިސް އިން ޕޮލިޝް ކުރެ އެވެ.

ކިއުކަމްބާގައި ހިމެނޭ ކެމިކަލްސްތަކުން ބޫޓަށް އޮފުކަމެއް ގެނެސްދޭއިރު ފެންޖެހިގެން ވެސް މި އޮފުކަން ނުގެއްލި ގިނަ އިރު ހިފަހައްޓަ އެވެ.

އެހެންވީމަ މިއީ އަޖާއިބެއް ކަހަލަ ގުދުރަތުގެ މޭވާއެއް ނުވަތަ ތަރުކާރީއެއް ނޫން ހެއްޔެވެ؟