ދުނިޔެ

ޖައްވީ ބަނޑަހަގޭގައި 186 ދުވަސް، ތިން އެސްޓްރޮނޯޓުން ބިމަށް!

އިންޓަނެޝަނަލް ސްޕޭސް ސްޓޭޝަން، ޖަށްވީ ބަނޑަހަގޭގައި 186 ދުވަހު ހޭދަކުރުމަށްފަހު އެ ސްޓޭޝަންގައި ތިބި ތިން އެސްޓްރޮނޯޓަކު އެނބުރި ދުނިޔޭގެ ބިމަށް އަތުވެއްޖެ އެވެ. މި ތިން އެސްޓްރޮނޯޓުންނަކީ އިނގިރޭސިވިލާތުގެ ޓިމް ޕީކާއި އެމެރިކާގެ އެސްޓްރޯނޯޓް ޓޮމޮތީ ކޮޕްރާ އަދި ރަޝިޔާގެ ޔޫރީ އެވެ.

މި ދަތުރުގައި އިންޓަނެޝަނަލް ސްޕޭސް ސްޓޭޝަން މަރާމާތުތައް ވެސް ކޮށްފައިވެ އެވެ. އެ ސްޓޭޝަނުގެ ހަލާކުވެފައިވާ ކަރަންޓް ފޮއްޓެއް މަރާމާތުކޮށްފައިވަނީ ޕީކް އަދި ކޮޕްރާ އެވެ. އެ ދެ މީހުން ވަނީ ޖށްވުގެ ތެރޭގައި ހަތަރު ގަޑިއިރާއި ސާޅީސް ތިން މިނެޓު ހޭދަކޮށްފަ އެވެ. ޕީކް އަކީ ސްޕޭސްވޯކް ފުރިހަމަކުރި އިނގިރޭސިވިލާތުގެ ފުރަތަމަ ރައްޔިތެވެ.

ޖައްވީ އިދާރާގައި ޕީކް ހޭދަކުރި ދުވަސްތަކުގައި ދުނިޔެ ވަށައި އެ އުޅަނދު ވަނީ 3،000 ބުރު ޖަހާފަ އެވެ. އެއީ ގާތްގަނޑަކަށް 125 މިލިއަން ކިލޯމީޓެރެވެ.

"މިއީ އަހަރެން ކުރި އެންމެ ފުރިހަމަ ދަތުރު،" ޕީކް ޖައްވުގައި ހޭދަކުރި ދުވަސްތައް ސިފަކުރީ މިހެނެވެ.

އޭނާ ބުނީ، އެނބުރި ދުނިޔެއަށް އާދެވުމުން އުފާކުރާ ކަމަށާއި ދުނިޔެއަށް އާދެވުމުން ބުނަން ނޭނގޭ އިހުސާސްތަކެއް ކުރެވޭ ކަމަށެވެ. އޭނާގެ އާއިލާއާ ބައްދަލުކުރަން ކެތްމަދުވެފައިހުރި ކަމަށް ވެސް ޕީކް ބުންޏެވެ.

"އަލުން ދުނިޔޭގެ މާހައުލަށް ރޫޖަވާން ދުވަސްކޮޅެއް ނަގާނެ، ދެތިން ދުވަސް އެކަމަށް ނަގާނެ،" ޕީކް ބުނެފައިވެ އެވެ.