ހަބަރު

ޝަކުވާތައް ހިފައިގެން ހައުސިން މިނިސްޓްރީއަށް މާލޭހިޔާގެ ޓީމެއް!

ދިހަ ބުރިއަށް އިމާރާތްކޮށްފައިވާ މާލެ ހިޔާގައި ހުރި ލިފްޓު ހަލާކުވެ މީހުނަށް ދިރިއުޅެން އުނދަގޫވުމުން، އެ ޝަކުވާތައް ހިފައިގެން މާލެ ހިޔާގައި ދިރިއުޅޭ މީހުންގެ ތެރެއިން ބަޔަކު ހައުސިން މިނިސްޓްރީއަށް ގޮސްފި އެވެ.

މިހާރު ފަންސަވީހަކަށް އަހަރުވީ މާލެ ހިޔާގެ ފްލެޓް އިމާރާތް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ވަނިކޮށް ފަހުން ވަނީ ޕްރައިވަޓައިޒްކޮށް އެތަން ބަލަހައްޓަން ވިލެޖް ކޮންސްޓްރަކްޝަން ކިޔާ އަމިއްލަ ކުންފުންޏަކަށް ދީފައެވެ.

އޭގެ ފަހުން އެ އިމާރާތް ރަނގަޅަށް ނުބެލެހެއްޓޭ ކަމަށާއި އިމާރާތް ވީރާނާ ވެގެންދާއިރުވެސް އަޅައި ނުލާ އޮންނަ ކަމަށް ބުނެ އެތަނުގައި ދިރިއުޅޭ މީހުން ދަނީ ޝަކުވާތައް ކުރަމުންނެވެ. ދާދި ފަހުން އެތަނުގެ ލިފްޓު ހަލާކުވެފައި ހުންނަތާ ދެމަސްވެ މަތީ ފްލޯތަކުގައި އުޅޭ ފަރާތްތަކަށް ދަތިތަކައި ކުރިމަތިލާން ޖެހުނު މައްސަލަ ވެސް ފެންމަތިވިއެވެ.

މި ޝަކުވާތައް ވެސް ހިމެނޭ ގޮތަށް މާލެ ހިޔާއިން ހައުސިން މިނިސްޓްރީއަށް ދިޔަ ޓީމުގައި ހިމެނޭ އެކަކު "އަވަސް" އާ ވާހަކަ ދައްކަމުން ބުނީ އެމީހުންގެ ޝަކުވާތައް ހިފައިގެން ފުރަތަމަ ދިޔައީ ސިޓީ ކައުންސިލަށް ކަމަށެވެ. ނަމަވެސް ލިފްޓުތައް މަރާމާތު ކުރަން ބަޖެޓްކުރާތާ ތިން އަހަރުވެފައިވާ ކަމަށާއި ކޮންމެ ފަހަރަކުވެސް ފިނޭންސް މިނިސްޓްރީއިން ބަޖެޓު ކަންޑާލަނީ ކަމަށް ކައުންސިލުން ބުނާ ކަމަށެވެ. އަދި އެ މައްސަލާގައި ހަ މަސް ފަހުން ލިފްޓުގެ ސްޕެއާތައް ގެންނާނެ ކަމަށް ވިލެޖް ކޮންސްޓްރަކްޝަން އިން ބުނާ ކަމަށާއި ނަމަވެސް އެހާ ގިނަ ދުވަސް ވަންދެއް ލިފްޓަކައި ނުލާ އުޅުމަކީ ބޮޑު ތަކުލީފެއް ކަމަށެވެ.

"މި ރޯދަމަސް އައިފަހުން އެބަ ތިބީ ހިނގައި ނުގަނެވޭ މީހުން ތަރާވީސް ނަމާދަށް ނުދެވޭ މީހުން. 10 ވަނަ ބުރިން އިރު އިރުކޮޅާ އަރައި ފައިބާ ހަދަންވީމައި ހުރި ހާލަތު އެނގޭނެ. ވަރަށް ތަކުލީފުގައި މި އުޅެނީ. އެހެންވެ މިއަދު މޭޔަރާ ބައްދަލުކޮށްފައި މިހާރު މިއައީ ހައުސިން މިނިސްޓަރާއި ނުވަތަ އެއަށް ވުރެއް ދަށް ފެންވަރުގެ ވިޔަސް ބޭފުޅަކާ ބައްދަލު ކުރެވޭތޯ،" އޭނާ ބުންޏެވެ.

އޭނާ ބުނީ ހައުސިން މިނިސްޓްރީ އިން ބޭފުޅަކައި ބައްދަލު ނުވެއްޖެ ނަމަ ފިނޭންސް މިނިސްޓްރީ އިން ބަޖެޓު ކަނޑާލި މައްސަލާގައި އެ މިނިސްޓްރީއަށް ވެސް ދާނެ ކަމަށެވެ.