ހަބަރު

ހަނގުރާމަޔަށް ދާން އެމްއެމްޕީއާރްސީގެ ފައިސާއިން ފަންޑުކުރިތޯ ބަލަން ޖެހޭ: އިބޫ

  • ޓެރަރިޒަމަށް ފަންޑް ކުރާ މީހުން ހޯދަން ޖެހޭ
  • މި ވާހަކަ ދައްކާ މީހުން ކުށްވެރިކޮށްގެން ނުވާނެ
  • މައްސަލަ ހައްލު ކުރަން ސަރުކާރުން އިހުލާސްތެރިވާން ޖެހޭ

އެމްއެމްޕީއާރްސީ ހިޔާނާތުގެ ތެރޭގައި ސީރިޔާއަށް ދާ މީހުންނަށް ފަންޑުކޮށްފައިވޭތޯ ބަލަން ޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާޙިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

ޓެރަރިޒަމާއި ހައްދު ފަހަނައަޅައި ދިޔުމާބެހޭ މައްސަލާގައި ދައުލަތުން ހާމަކުރި ސިޔާސަތަށް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރައްވަމުން އިބޫ ވިދާޅުވީ ޓެރަރިޒަމް މައްސަލައާ ގުޅިގެން ރައީސް ހާމަކުރި ސިޔާސަތުގައި މުޅިން ކަހަލަ ގޮތަކަށް ރައީސް ކުށްވެރިކޮށްފައި ވަނީ ހަނގުރާމައަށް ދާ މީހުންނާއި ބެހޭ ގޮތުން ވާހަކަދައްކާ ފަރާތްތައް ކަމަށެވެ. ނަމަވެސް ހަނގުރާމައަށް ދާ މީހުންނާއި އެމީހުނަށް ހަރަދު ކުރާ ފަރާތްތަކާއި ބެހޭ ގޮތުން ސިޔާސަތުގައި އަލިއަޅުވާލައިފަ ނުވާ ކަމަށް އިބޫ ފާހަގަ ކުރެއްވި އެވެ.

އިބޫ ވިދާޅުވީ ޓެރަރިސްޓު ޖަމާއަތްތަކައި ގުޅެމުންދާ ކަމަށް ވާހަކަދައްކާ މީހުންނާ މެދު ކިތަންމެ ވަރަކަށް ފިޔަވަޅު އެޅިޔަސް ހަގީގީ މައްސަލައަށް ހައްލެއް ނާންނާނެ ކަމަށެވެ.

"މިއީ ދައްކަން ޖެހޭ ވާހަކަ. ދިވެހިން އެހެން ގައުމުތަކަށް ގޮސް ޖާނުން ފިދާވަމުންދާކަން ވެސް އެއީ ދައްކަން ޖެހޭ ވާހަކަ. އެމްއެމްޕީއާރްސީގައި ބޮޑު ހިޔާނާތެއް ވެއްޖެ. ސުވާޅުކޮށްލަން ޖެހޭ އޭގެ ތެރެއިން ގެއްލުނު ފައިސާ އިން ހަނގުރާމައަށް ދާ މީހުނަށް ފަންޑުކޮށްފައިވޭތޯ. ކާކު ވިދާޅުވެގެން ކާކުތޯ ފޮނުވީ؟ މި ކަންކަމަކީ މިއަދު ބަލަން ޖެހޭ ކަންތައްތައް. މި ހިސާބަށް ނުގޮހެއް މީގެ ހަގީގަތަކާ ހަމަޔަކަށް ނުދެވޭނެ،" އިބޫ ވިދާޅުވި އެވެ.

އިބޫ އިތުރަށް ވިދާޅުވީ ރާއްޖެއިން ސީރިޔާއަށްދާ ނުވަތަ އެހެން ގައުމުތަކަށް ހަނގުރާމައަށް ދާ މައްސަލައަކީ ވަރަށް ސީރިޔަސް ކަމެއް ކަމަށާއި އޭގެ ސަބަބުން އާއިލާތަކާއި އެތަށް ކުޑަކުދިންނާއި އަންހެނުންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމަށެވެ. އެހެން ކަމުން ސިޔާސީ ފިކުރާއި ހިޔާލުތަފާތުވުން ދޫކޮށްލައި އެކަމަށް އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރަން ސަރުކާރަށް ގޮވާލާ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި އެ މައްސަލަ ކޮމިޓީއަކަށް ގެންގޮސް އިހުލާސްތެރި މަސައްކަތްތަކެއް ސަރުކާރުން ކުރާ ނަމަ އެކަމަށް ފުރިހަމަޔަށް އެއްބާރުލުން ދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. ހަރުކަށިކަން ނައްތާލުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ފުރިހަމަ މައުލޫމާތު ރައީސް މަޖިލީހަށް ދެއްވަން ޖެހޭ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.