ހަބަރު

ޓްރެފިކް މައްސަލަތައް އެސްއެމްއެސް އިން ހުށަހެޅޭ ގޮތް ހަދައިފި

ޓްރެފިކް މައްސަލަތައް އެސްއެމްއެސް މެދުވެރިކޮށް ފުލުހުންނަށް ހުށަހެޅުމުގެ އިންތިޒާމް މޯލްޑިވްސް ޕޮލިސް ސާވިސްއިން ހަމަޖައްސައިފި އެވެ.

ފުލުހުން މިއަދު ބުނީ، އެހިދުމަތުގެ ދަށުން، ޓްރެފިކް މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ފުލުހުންގެ ހޮޓްލައިން 119 އަށް މިހާރު އެސްއެމްއެސް ކުރެވޭނެ ކަމަށެވެ. އެ ޝަކުވާ ބަލައިގަނެ، އެކަމަކަށް ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން، މަގުމަތީގައި ގަވާއިދާ ހިލާފަށް ވެހިކަލް ޕާކު ކުރުމާއި، މަގު ހިނގާ އުޅޭ މީހުންނަށް ދަތިވާގޮތަށް މަގުމަތީގައި ހުއްދަނެތި ތަކެތި ބަހައްޓާފައި ހުރުންފަދަ ކަންކަމާ ގުޅޭ ޝަކުވާ ފަސޭހައިން ހުށަހެޅޭނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

ފުލުހުން ބުނީ، އެ މުއައްސަސާއިން މިއަދު އަލަށް ތައާރަފްކުރި އެ ހިދުމަތުގެ ސަބަބުން ޓްރެފިކް މައްސަލަތަކަށް އަވަހަށް އެޓެންޑް ކުރެވޭނެ ކަމަށެވެ. އެސްއެމްއެސް ކުރަން ޖެހޭނީ: TMD ޖެހުމަށްފަހު ޝަކުވާ ލިޔުމަށް ފަހު 119 އަށެވެ.