ރައްޔިތުންގެ މަޖިލިސް

މަޖިލިސް ހޫނުވެ ޖަލްސާ މެދު ކަނޑާލައިފި

ޓޫރިޒަމް ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި ބިލުގެ މަސައްކަތް އަވަސް ކުރުމަށް، މަސައްކަތް އަވަހަށް ކުރިޔަށް ގެންގޮސް ނިންމާލަން ފާސްކޮށް ބަހުސް ފެށުމާއެކު މަޖިލީހުގެ ތަޅުން ހޫނުވެ ކުރިޔަށް ގެންދެވޭ ގޮތް ނުވެ ނިޒާމު ގެއްލުމުން މަޖިލީހުގެ ޖަލްސާ މެދު ކަނޑާލައިފި އެވެ.

ނިޒާމް ގެއްލިގެން ޖަލްސާ މެދު ކަނޑައިލީ ތަޅުމުގައި އިދިކޮޅު ބައެއް މެންބަރުން ސައުދީން ހަދިޔާ ކުރި ކަދުރާއި ހައްޖު ކޯޓާގެ ވާހަކަތައް އެކި ފަރާތްތަކަށް ނިސްބަތްކޮށް ގޮވާ އަޑުހަރުކޮށް ޒުވާބު ކުރަން ފެށުމުން ކަމަށް ވެއެވެ.

އަވަހާ މަސައްކަތް ނިންމާލަން ފާސްކޮށްގެން ސަރުކާރުގެ ފަރާތުން މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ތަޅުމަށް ބިލް ހުށަހެޅުމާއެކު އެ ބިލްގެ ބަހުސްގައި މިހާތަނަށް ވާހަކަ ދެއްކެވި އެމްޑީޕީގެ ދެ މެންބަރުން ވެސް ވަނީ ބިލާ ދެކޮޅު ހައްދަވާފަ އެވެ. އެއީ މެންބަރު އިބްރާހިމް ޝަރީފާއި މެންބަރު ރޮޒައިނާ އާދަމް އެވެ.

އެ ދެބޭފުޅުން ވިދާޅުވީ މިއީ އެއް ގޮތަކަށް ވެސް ތާއީދު ކުރެވޭ ބިލެއް ނޫން ކަމަށާއި މި ބިލްގެ ބޭނުމަކީ "ގާނޫނީ ގޮތުން ރާއްޖޭގައި ކަރަޕްޝަން ހުއްދަ ކުރުން" ކަމަށާއި ބީލަމަށް ނުލައި ރިސޯޓް ހަަދަން ރަށްތައް ދޫ ކުރުމަކީ ކުރެވޭނެ އަދި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް ސަރުކާރަށް ތާއީދު ކުރާ މެންބަރުގެ ތެރެއިން ވާހަކަފުޅު ދެއްކެވި މެންބަރުން ވަނީ މި ބިލަށް ތާއީދުކޮށްފައެވެ.

ސަރުކާރުން ހުށަހެޅި މި އިސްލާހުތަކުގެ ބިލަކީ ރިސޯޓް ތަރައްގީ ކުރަން ފަޅުރަށް ކުއްޔަށް ދެވެން އޮންނަ އުސޫލަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވާ ބިލެކެވެ. މީގެ އިތުރުން ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނެގުން ވެސް ހިމަނާފައި ވެއެވެ. އެގޮތުން ގެސްޓުހައުސްތަކަށް އަންނަ ފަތުރުވެރިން އެތަނުގައި ހޭދަކުރާ ކޮންމެ ދުވަހަކު ހަ ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ދައުލަތަށް ނެގެ އެވެ. އަދި ފަތުރުވެރިންގެ އަތުން ޓެކްސް ނެގުމަށްފަހު އެ ފައިސާ ދައުލަތަށް ދެއްކުމަކީ އެ ފަތުރުވެރިޔަކު ހުރި ތަނެއްގެ ވެރިމީހާ ކުރަންޖެހޭ ކަމެކެވެ.