ރައްޔިތުންގެ މަޖިލިސް

އިންޝުއަރެންސް ޕެކޭޖް ހުސްނުވަނީސް އާސަންދަ ނުލިބޭގޮތަށް ފާސްކޮށްފި

  • ޕެކޭޖް ބަދަލުކުރީ އެލައިޑްގެ އަގުތައް ބޮޑުވުމުން
  • މަޖިލިސް މެމްބަރުންގެ ޕެކޭޖްގެ 350،000ރ. އަށް ބޮޑުކޮށްފި
  • އެއްވެސް ޕެކޭޖަކަށް ކޯޕޭމަންޓް ދައްކާކަށް ނުޖެހޭ

ސުޕްރީމް ކޯޓާއި ހައިކޯޓް ދަށު ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތައް އަދި ރައްޔިތުންގެ މަޖިލީހާއި ވަޒީރުންގެ އިތުރުން މިނިވަން މުއައްސަސާތަކަށް މުސާރައިގެ އޮނިގަނޑުގެ ތެރެއިން ދޭ ހެލްތު އިންޝުއަރެންސް ޕެކޭޖު ހުސް ނުވަނީސް އާސަންދައިގެ ހިދުމަތް ނުލިބޭ ގޮތަށް މާލިއްޔަތު ކޮމެޓީގެ ސަބް ކޮމެޓީން ފާސްކޮށް އެ ނިންމުން މާލިއްޔަތު ކޮމެޓީއަށް ފޮނުވައިފި އެވެ.

މިއަދު ބޭއްވި އެ ކޮމެޓީ ބައްދަލުވުމުގައި އެ ފަރާތްތަކަށް ދޭ ހެލްތު އިންޝުއަރެންސް ޕެކޭޖަށް ބޮޑު ބަދަލެއް ގެނެސް ކޮމެޓީގެ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބޭ ޕެކޭޖްގެ ޖުމްލަ އަގުވަނީ 300،000ރ. އިން 350،000ރ. އަށް ބޮޑުކޮށްފަ އެވެ.

ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ އެގޮތަށް ނިންމަން ޖެހެނީ އެލައިޑުން ހެލްތު އިންޝުއަރެންސުން ހިދުމަތްދޭ އަގު ބޮޑުކުރުމުގެ ސަބަބުން ކަމަށާއި މި ހިދުމަތްދޭން އެހެން ކުންފުންޏަކާއި މަޝްވަރާކުރަން ޖެހޭ ކަމަށެވެ. މިގޮތަށް ޕެކޭޖް އިންނަނަމަ އަހަރު 10 މިލިއަން ރުފިޔާ ހަމައެކަނި މަޖިލީހުން ވެސް އެލައިޑަށް ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމައެކަނި މަޖިލީހުން އެކަނިވެސް 10 މިލިއަން ރުފިޔާ ހަރަދުވާނެ އަހަރަކު އެލައިޑަށް، ދައުލަތުން ޖުމްލަ 50 މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ، އެހެންވީމަ މިކަމަށް އެހެން ގޮތެއް ހޯދަން ޖެހޭ،" އަބްދުލް ޣަފޫރު ވިދާޅުވި އެވެ.

ސަބް ކޮމެޓީން ފާސްކުރި ޕެކޭޖުތައް

  • ސުޕްރީމް ކޯޓާއި މަޖިލިސް މެމްބަރުންގެ ޕެކޭޖް 12،000ރ. އިން 24،000ރ. އަށް
  • ވަޒީރުންގެ ޕެކޭޖު 12،000ރ. އިން 19،000ރ. އަށް
  • ހައިކޯޓާއި މިނިވަން މުއައްސަސާތަކުގެ ޕެކޭޖު 10،000ރ. އިން 14،500ރ. އަށް
  • ސުޕީރިއާ ކޯޓުތަކަށް 7،000ރ. 12،000ރ. އަށް
  • މެޖިސްޓްރޭޓް ކޯޓުތަކަށް 7،000ރ. 9،000 ރ. އަށް

ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ ވަޒީރުން އެއް ކެޓަގަރީއެއްގެ ދަށަށް ދިޔަ ނަމަވެސް ވަޒީރުންގެ ހެލްތު އިންޝުއަރެންސް ޕެކޭޖް ކުޑަކޮށް ފާސް ކުރީ ބޭނުންކުރާ މިންވަރު މަދުވުމުންނެވެ. ސަބްކޮމެޓީން މިއަދު ފާސްކުރި އެއްވެސް ޕެކޭޖަކަށް ކޯ ޕޭމަންޓް ދައްކާކަށް ނުޖެހެ އެވެ.