އަބްދުﷲ ޖިހާދު

ނައިބު ރައީސް ކަމަށް ޖިހާދު އައްޔަން ކުރައްވައިފި

Jun 22, 2016
4
  • ހެލްތު މިނިސްޓަރު ކަމަށް ނާޒިމް
  • ހޯމް މިނިސްޓަރު ކަމަށް ޒުހޫރު، ޔޫތަށް އިރުތިޝާމް
  • ޖެންޑާއަށް ޒެނީޝާ ޝަހީދު ޒަކީ، ފިނޭންސް އަށް މުނައްވަރު

ރާއްޖޭގެ ނައިބު ރައީސް ކަމަށް އަބްދުﷲ ޖިހާދު އައްޔަން ކުރައްވާ ކެބިނެޓަށް ރައީސުލް ޖުމްހޫރިއްޔާ ބޮޑު ބަދަލެއް ގެންނަވައިފި އެވެ. ޖިހާދު ނައިބު ރައީސް ކަމަށް އައްޔަން ކުރެއްވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މަގާމުން ވަކި ކުރެއްވުމަށްފަހު މިހާތަނަށް އެ މަގާމު ހުހަށް އޮތުމަށްފަހު އެވެ. ނައިބު ރައީސްގެ މަގާމު ހުހަށް އޮންނަތާ އަށެއްކަ މަސް ދުވަސް ވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީން މިއަދު ކެބިނެޓަށް ބޮޑު ބަދަލެއް ގެންނެވި އިރު ހޯމް މިނިސްޓަރު ކަމުގެ މަގާމަށް ހަމަ ޖައްސަވައި އައްޔަން ކުރެއްވީ މިހާތަނަށް ޔޫތު މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަހުމަދު ޒުހޫރެވެ. ފިނޭސްންސް މިިސްޓަރު ކަމުގެ މަގާމަށް އަހުމަދު މުނައްވަރެވެ.

މީގެ އިތުރުން މިނިސްޓާ އޮފް ހެލްތުގެ މަގާމަށް އައްޔަން ކުރައްވީ އަބްދުﷲ ނާޒިމް އިބްރާހިމެވެ. މިނިސްޓާ އޮފް ޖެންޑާ އެންޑް ފެމިލީގެ މަގާމަށް އައްޔަން ކުރެއްވީ އާކްގެ އެގެޒެކްޓިވް ޑިރެކްޓަރު ޝެނީޒާ ޝަހީދު ޒަކީ އެވެ. ޔޫތު މިނިސްޓަރު ކަމަށް ހަމަޖައްސެވީ މިހާތަނަށް ހެލްތު މިނިސްޓަރު ކަމުގައި ހުންނެވި އިރުތިޝާމް އާދަމް އެވެ.

މި ބޭފުޅުނަށް މިއަދު ރައީސުލް ޖުމްހޫރިއްޔާ މަގާމު ދެއްވާ ފަތްކޮޅު އެރުއްވެވީ އެ ބޭފުޅުންނަށް މަގާމުގެ ހުވާ ލައި ދެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދެވެ. އެ ރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރާއި ޑެޕިއުޓީ ލީޑަރު އަދި އެމްޑީއޭގެ ފަރާތުން ބައިވެރިވި އެވެ.