ދުނިޔެއަށް މަޝްހޫރު ސެންޓު ބްރޭންޑް "ބުލްގޭރީ" ގެ ރިސޯޓެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތް ފަށައިފި އެވެ.
ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބައެއް ވެބްސައިޓްތަކުގައިވާ ގޮތުން އިންޑިއާގެ ރެއަލް އެސްޓޭޓް ކުންފުނި ޕަންޗިލް ރިއަލިޓީ ކުންފުންޏާއި މަޝްހޫރު މެރިއޮޓް ހޮޓެލް ގްރޫޕު ގުޅިގެން "ބުލްގޭރީ" ބްރޭންޑުގައި ތަރައްގީ ކުރާ މި ރިސޯޓު ހުޅުވަނީ ރ. ކުޑަކުރަތުގަ އެވެ.
މި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ މި ފަދަ ބިޔަ މަޝްރޫއުތައް ހިންގާފައިވާ ޕަންޗިލް ކުންފުނިންނެވެ.
މި ރިސޯޓު 2018 ވަނަ އަހަރު ނިންމަން މަސައްކަތްކުރާއިރު މިއީ އެންމެ މަތީ ފަންތީގެ ޓޫރިސްޓުންނަށް އަމާޒުކޮށްގެން ހަދާ ރިސޯޓެކެވެ. ގާތްގަނޑަކަށް 82 ކޮޓަރީގެ ފަސްތަރީގެ މި ރިސޯޓު މެނޭޖުކޮށް ބަލަހައްޓަނީ މެރިއޮޓް ހޮޓެލް ކުންފުނިންނެވެ.
ޕަންޗިލް ރިއަލިޓީ ކުންފުނީގެ ޗެއާމަން އަދި ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަތުން ޗޯދިޔާ ވިދާޅުވީ މި ރިސޯޓު މަސައްކަތް ނިންމައި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ހުޅުވާނެ ކަމަށާއި މި ރިސޯޓު ބްރޭންޑް ވެގެންދާނީ ބުލްގޭރީ ބްރޭންޑަށް ކަމަށެވެ.
މި ރިސޯޓު މެނޭޖުކޮށް ބަލަހައްޓާ މެރިއޮޓް ހޮޓެލް ޗޭނަކީ 72 ގައުމެއްގައި 3900 ހޮޓާ ހިންގަމުން އަންނަ ކުންފުންޏެކެވެ.
މި ރިސޯޓު ނިސްބަތް ކުރާ އިޓަލީވިލާތުގެ ބުލްގޭރީ ބްރޭންޑަކީ އަތުކުރީ ގަޑިއާއި އަގު ބޮޑު ލަގްޒަރީ ގަހަނާ ލަގްޒަރީ ސެންޓު އުފައްދާ ކުންފުންޏެކެވެ. މި ބްރޭންޑުގެ ޓޫރިޒަމް "ބުލްގޭރީ ހޮޓެލް އެންޑް ރިސޯޓުން" އިޓަލީގެ މިލާނާއި އިންޑޮނޭޝިއާގެ ބާލީގައިވެސް ރިސޯޓެއް ހިންގަ އެވެ. އަދި އަންނަ އަހަރު ޝަންހާގައި، އަދި 2017 ވަނަ އަހަރު ބެއިޖިން އާއި ދުބާއީގައިވެސް ހޮޓެލެއް ހުޅުވަން ނިންމާފައިވެ އެވެ.