ޓޫރިޒަމް

ކަނޑު އަޑީގެ އެންމެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ހުޅުވުން ނޮވެމްބަރު މަހު

  • ރެސްޓޯރެންޓުގައި 24 މީހުންގެ ޖާގަ
  • ރެސްޓޯރެންޓަށް ފޭބުމަށް 13 މީޓަރުގެ ސިޑިއެއް
  • ރިސޯޓުގައި ކަރަންޓު ދިނުމަށް ސޯލާ ޕެނަލް

ކަނޑު އަޑީގެ ރެސްޓޯރެންޓް ހަދަން ރާއްޖެ ވަރެއް ނޯންނާނެ އެވެ. މިފަހަރު އަނެއްކާވެސް މިވަނީ ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓެއް ހަދައި، ބަހައްޓާފަ އެވެ. ޅ. ހުރަވަޅީގައި ތަރައްގީ ކުރަމުން އަންނަ ރިސޯޓުގައި ބަހައްޓާފައިވާ މި ރެސްޓޯރެންޓުގެ ރީތިކަން މިވަނީ ފެންނަން ފަށާފަ އެވެ. މި ރެސްޓޯރެންޓާއެކު ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހު އެވެ. މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ހިއްސާ އޮންނަ ޗަމްޕާލާސް ކުންފުންޏާއި ދިވެހި ސަރުކާރު ގުޅިގެން ހަދަމުން އަންނަ "ހުރަވަޅި މޯލްޑިވްސް" ގެ ކަނޑުގެ އުރަފަށުގައި ބަހައްޓާފައިވާ މި ރެސްޓޯރެންޓް ވެސް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ފުރަތަމަ ކަނޑުއަޑީގެ ރެސްޓޯރެންޓް ކަމަށްވާ ކޮންރެޑް މޯލްޑިވްސްގެ "އިތާ" ރެސްޓޯރެންޓް ފަރުމާކުރި ކުންފުނިންނެވެ.

އެއް ފަހަރާ ގާތްގަނޑަކަށް 24 މީހުންނަށް ކެއުމަށް އިންސާފުކުރެވޭ މި ރެސްޓޯރެންޓުގެ އޮނިގަނޑުގައި 400 ޓަނު ހުންނައިރު ރާއްޖެ ގެންނައީ "ގްލޯބަލް ޝިޕިން އެންޑް ލޮޖިސްޓިކްސް" ގެ ބޯޓެއްގަ އެވެ. މި ރެސްޓޯރެންޓް ފަރުމާކޮށްފައިވަނީ، މި ތަނަށް ފައިބަން 13 މީޓަރުގެ ފުން ސިޑިއެއް ގާއިމުކޮށްފައިވެ އެވެ. ރެސްޓޯރެންޓްގައި ކެއުމަށް އިންސާފުކުރާއިރު ކަނޑުއަޑީގެ ރީތި މަންޒަރުތައް ފެންނާނެ އެވެ.

"ހުރަވަޅި" ރިސޯޓު ތަރައްގީ ކޮށްފައިވަނީ 90 ވިލާއާއެކުގަ އެވެ. މި ރިސޯޓު ތަރައްގީކޮށްފައިވަނީ ތިމާވެއްޓާއި ރަހުމަތްތެރި ގޮތަކަށެވެ. މި ގޮތުން ރިސޯޓުގައި ބޭނުންކުރާ ހަކަތައިގެ ބޮޑު ބައެއް ނަގަނީ ރިސޯޓުގެ ބައެއް އިމާރާތްތަކާއި ރަށަށް އަރާ ފޭބުމަށް އޮންނަ ޖެޓީ މަތީގައި ބަހައްޓާފައިވާ ސޯލާ ޕެޓަލްތަކުންނެވެ. މި ޕެނަލްތަކުން 930 ކިލޯ ވޮޓްގެ ކަރަންޓު އުފެއްދެ އެވެ.