ޔޫރަޕްގެ އިއްތިހާދުގެ މެންބަރު ކަމުން ވަކިވާން އިނގިރޭސީ ވިލާތުގައި މިއަދު ވޯޓްލާން ފަށާފައިވާއިރު، އިއްތިހާދުގެ ބޮޑެތި ގައުމުތަކުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިނގިރޭސި ވިލާތަށްފަހު އިޔޫގައި އެންމެ ނުފޫޒުގަދަ ދެ ގައުމަކީ ޖަރުމަނާއި ފްރާންސެވެ.
އެ ދެގައުމުގެ ހާރިޖީ ވަޒީރުން އެކުގައި ބޭއްވި ބައްދަލުވުންތަކުގައި ވެސް ވަނީ އީޔޫއިން ވަކިވުމަށް ފެންނަ ނުފެންނަ ވޯޓަކަށް އިނގިރޭސިން ދިއުމުންވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.
"ޔޫކޭ މެޖޯރިޓީ ރައްޔިތުން އީޔޫއިން ވަކިވުމަށް ތާއީދު ކޮށްފިނަމަ އެކަން ނުވާނެ އެހާ ފަސޭހަކަމަކަށް،" ފްރާންސް ހަރީޖީ ވަޒީރު ޖީންމާކް އޭރޫލްޓްއާ އެކު ބޭއްވި ޖޮއިންޓް މަޝްވަރާތަކުގައި ވާހަކަފުޅު ދައްކަވަމުން ޖަރުމަންގެ ހާރިޖީ ވަޒީރު ފްރޭންކް ވޯލްޓާ ސްޓައިންމާ ވިދާޅުވިއެވެ.
ސްޓައިންމާ ވިދާޅުވީ ވޯޓުގައި އިނގިރޭސި ވިލާތް ވަކިވުމަށް ތާއީދު ލިބިޖެނަމަ އެކަން ވެގެންދާނީ އީޔޫއަށް ލިބޭ ޝޮކަކަށް ކަމަށާއި، އެއަށްފަހު އީޔޫ ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
ފްރާންސްގެ ހާރިޖީ ވަޒީރު ޖީން މާކް ވިދާޅުވީ އީޔޫގައި ދެމިތިބެއްޖެނަމަ، އިނގިރޭސި ވިލާތުގެ ރައްޔިތުންނަށް އިގްތިސޯދީ ގޮތުންނާއި ސަލާމަތްތެރިކަމުގެ ގޮތުން ގިނަ ކުރިއެރުންތަކެއް ލިބޭނެ ކަމަށާއި އެކަންކަމާމެދު އެގައުމުގެ ރައްޔިތުން ވިސްނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
އިޓަލީގެ ބޮޑު ވަޒީރު މަޓާއޯ ރެންޒީ ވަނީ "ގޯސް ނިންމުމެއް" ނުނިންމުމަށް އިނގިރޭސި ރައްޔިތުންނަށް ގޮވާލާފަ އެވެ.
އޭނާ ވިދާޅުވީ އިނގިރޭސި ވިލާތް އީޔޫއިން ވަކިވުމަށް ތާއީދުކޮށްފިނަމަ އެކަން ވެގެންދާނީ އީޔޫ ބައިބައިވުމުގެ ފެށުން ކަމަށެވެ. ސްޕެއިންގެ އެކްޓިން އިކޮނަމިކް މިނިސްޓަރު ލުއިސްޑީ ގުއިންޑޮސް ވިދާޅުވީ "ފެންނަ ނުފެން ވޯޓަކަށް ދިއުންވެސް އެއީ ހެދޭ ގޯހެއް. އެއީ ވަކިވުމެއް ގެ ފެށުން" ކަމަށެވެ.
އެންމެ ފަހުން ނެގި ހިޔާލު ހޯދުމުގެ ވޯޓްތަކުގެ ނަތިޖާ ތަކުން ދައްކާ ގޮތުން އީޔޫގައި ދެމިތިބުމަށް 51 ޕަސަންޓް މީހުން ތާއިދު ކުރެއެވެ. ހިޔާލު ހޯދުމުގެ ވޯޓްގައި ބައިވެރިވި މީހުންގެ ތެރެއިން އީޔޫއިން ވަކިވުމަށް 49 ޕަސަންޓް މީހުން ތާއީދު ކުރެއެވެ. މިވޯޓްގައި 46.5 މިލިއަން މީހުން ވޯޓް ދޭނެއެވެ.